ބަހްރެއިން އާއި އުރުދުންގެ ލީގްގައި ބިދޭސީ ކުޅުންތެރިން ހިމަނާއިރު ކީޕަރުގެ މަގާމަށް ބިދޭސީއަކު ގެނައުން އޮންނަނީ މަނާ ކޮށްފަ އެވެ. އެއީ އަމިއްލަ ގައުމަށް ނިސްބަތްވާ ކީޕަރުންނަށް ފުރުސަތު ފަހިކޮށް ދިނުމަށެވެ. މިއީ އޭޝިއާގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ 20 ގައުމުގެ ތެރޭގައި ހިމެނޭ ދެ ގައުމެއްގައި އޮންނަ އުސޫލެވެ.
ދިވެހި ކީޕަރުންނަށް ފުރުސަތު ފަހި ކޮށް ދިނުމަށްޓަކައި، އެފްއޭއެމުން 2017 ވަނަ އަހަރު ވަރަށް މުހިންމު ނިންމުމެއް އިއުލާން ކުރި އެވެ. މި އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭނެ ގޮތަށް އެފްއޭއެމުން ނިންމި އެވެ. ތިން އަހަރު ކުރިން ނިންމި ނިންމުމުގައި އޮތީ އަރަމުން އަންނަ ޒުވާން ކީޕަރުންނަށާއި ޖުމުލަކޮށް މުޅި ދިވެހި ފުޓްބޯޅައަށް އުފާވެރި ވާހަކަ އެކެވެ. އަންނަ މަހު އަށެއްގައި ދިވެހި ފުޓްބޯޅަ ކުރިމަތިލާނީ އެ ނިންމުން ތަންފީޒު ކުރަން ފަށާ ސީޒަނާ އެވެ.
ނަމަވެސް އެފްއޭއެމްގެ ނިންމުން ކުލަބުތަކުން ބަދަލު ކުރުވައިފި އެވެ!
ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުން ތަންފީޒު ކުރުމުގެ މަރުހަލާއާ ކުރިމަތިލިރު ކުލަބުތަކުގެ ބަހަނާ ގިނަ ވެއްޖެ އެވެ. ދިވެހި ކީޕަރުންނަށް ފުރުސަތު ދޭނެ ކަމަށް ބުނި ކުލަބުތަކުގެ ރާގު ވެސް ބަދަލުވީ އެވެ. މެއި މަހު އެފްއޭއެމުން ގެނެސްދިން ފުޓްބޯލް ޓޯކް ޝޯގައި ވާހަކަ ދައްކަމުން، ޓީސީ ސްޕޯޓްސް ކުލަބުގެ އެއް މުއައްސިސް އަދި އެފްއޭއެމްގެ މިހާރުގެ އެކްސްކޯ މެންބަރު އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެފައި ވަނީ އަންނަ ސީޒަންގައި ޓީސީން ފެންނާނީ ދިވެހި ކީޕަރެކެވެ. ޓީސީގެ ޒުވާން ކީޕަރު އާދަމް އިމްއާން (އިންމި) އަށް އިތުބާރު އެބައޮތެވެ.
ޑޭވްގެ ވާހަކަ ވީ ހަމައެކަނި މިޑިއާގައި ސުރުހީ ލިޔެލަން ބުނި ވާހަކައަކަށެވެ. އާ ސީޒަނާ ޓީސީ ކުރިމަތިލަނީ އަޒަރުބައިޖާންގެ ކީޕަރެއް ކަމަށްވާ އާޒާދު އޮގުލޫ އާއެކުއެވެ.
ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން ކުލަބުތަކުން ތައްޔާރު ނުވުން، ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗް އަސްލަމް އަބްދު ރަހީމްގެ ސިފަ ކުރުންތައް ހުރީ އެހެން ރާގެއްގަ އެވެ.
އަސްލަމް ބުނި ގޮތުގައި ދިވެހި ކީޕަރަކަށް ފުރުސަތު ދީގެން ރިސްކެއް ނާގަކަށް ގިނަ ކުލަބުތަކުގެ ކޯޗުން ބޭނުމެއް ނުވެއެވެ. ކުރިން ގައުމީ ޓީމަށް ކުޅުނު އަސްލަމް ބުނި ގޮތުގައި ގޯލްކީޕަރުން ތައްޔާރު ކުރުމަކީ ހަމައެކަނި އެފްއޭއެމްގެ ޒިންމާއެއް ނޫނެވެ. އެއީ ކުލަބުތަކުގެވެސް ޒިންމާއެކެވެ.
"ގިނަ ކޯޗުން ބޭނުމެއް ނުވޭ ދިވެހި ކީޕަރަކަށް ފުރުސަތު ދީގެން ރިސްކެއް ނަގާކަށް އެއިން މީހަކު ވެސް މިބަލަނީ އެމީހުންގެ ޖޮބް ސަލާމަތް ކުރެވޭތޯ އެއީ އަހަރެން ގަބޫލު ކުރާ ގޮތް،" ކޯޗުންނަށާއި ކުލަބުތަކަށް ކުރި ތުހުމަތުތަކާއެކު އަސްލަމްގެ ޝުއޫރު ފާޅު ކުރި އެވެ. "ކީޕަރުންނެއް ނެތޭ / ނުއުފެދެއޭ ކިޔާފައި އެފްއޭ އިން ނިންމާފައިވާ ގޮތް ކުލަބުތަކުން ބޭނުން ވުމުން ބަދަލުކުރަން ޖެހޭ ކަމަކަށް އަހަރެން ނުދެކެން."
އަސްލަމް ތުހުމަތު ކުރި ގޮތުގައި ބައެއް ކޯޗުންގެ ވިސްނުމުގައި ގޯލްކީޕަރު އުފެއްދުމުގެ އެއްވެސް ސިސްޓަމެއް އެ ކުލަބުތަކުގައި ރާވަފައެއް ނެތެވެ. ކުލަބާއި ކޯޗްގެ ނަން ފާހަގަ ކުރަން ބޭނުން ނުވާކަމަށް ބުނެ އޭނާ ފެންމަތި ކުރީ ވަރަށް ހަސްސާސް މައްސަލައެކެވެ.
"ވަކި ކުލަބެއްގެ ނަން ބުނާކަށް ނެތިން އަހަރެންވެސް އަޑު އަހާފައި ހުރި ވާހަކަ މީ،" އަސްލަމް ބުންޏެވެ. "ފަސްޓް ޑިވިޝަންގެ ރަނގަޅު ކުލަބެއް ކޯޗިން ސްޓާފިން ނެގި އިރުގައި ހެޑް ކޯޗް އެބަ ބުނޭ ތިމަންނަ ބޭނުމެއް ނުވޭ ގޯލްކީޕަރު ކޯޗެއް. ތިމަންނަގެ ޕްލޭނެއް ނެތޭ ގޯލްކީޕަރު ކޯޗެއް. އަހަރެން ހިތައް އަރާ އެހެން ވެއްޖެއްޔާ ކިހިނެއްބާއޭ ކުލަބުތަކުން ގޯލްކީޕަރުން ޓްރޭން ކުރާނީ މިކަހަލަ ކަންކަންވެސް އެބަހުރި. މިގޮތަކަށް ގޯލްކީޕަރުން ހަމަގައިމުވެސް ބިލްޑެއް ނުކުރެވޭނެ."
އަސްލަމްއަކީ، އެފްއޭއެމުން 2018 ގައި އުފެއްދި ގޯލްކީޕިން އެކެޑެމީގެ އެންމެ އިސް ކޯޗެވެ. އެހެންވީއރު އެ އެކެޑެމީން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ބުނި ގޮތުގައި ރާއްޖޭގައި މިހާރުވެސް މޮޅު ކީޕަރުން އެބަތިއްބެވެ. އަދި ގޯލްކީޕިން އެކެޑެމީގައި ވެސް އުމުރުން 16 ނުވަތަ 17 އަހަރުގެ ޒުވާން ހުނަރުވެރި ކީޕަރުން އެބަތިއްބެވެ.
"ގޯލްކީޕިން އެކެޑެމީގައި ވެސް އެބައުޅޭ އުމުރުން 17 ވަރަކަށް އަހަރުގެ ކީޕަރުން. އެ ކުޅުންތެރިންނަށް ވެސް ކުޅެލާނެ ފުރުސަތު ލިބިއްޖެއްޔާ ކުރި އަރާނީ. ކިތަންމެ ވަރަކަށް ޓްރޭން ކުރިއަސް އަދި ކިތަންމެ މޮޅު ޓްރޭނަރެއް ހުރެގެން ޓްރޭން ކުރިއަސް މޮޅެއް ނުވާނެ. މެޗު ކުޅެން މެޗު އެކްސްޕީރިއަންސް ވެސް ލިބިގެން ކީޕަރުން މޮޅު ވާނީ." އަސްލަމް ބުންޏެވެ. "ގޯލްކީޕަރުންނަކީ އައުޓްފީލްޑް ކުޅުންތެރިންހެން ރާސްލާފަ މޮޅުވެގެންދާ ބައެއް ނޫން. ގޯލްކީޕަރުން މޮޅު ވަނީ މެޗު ކުޅެ އެކްސްޕީރިއަންސް ވެސް ލިބެމުންދާ ވަރަކުން. އެހެން ނުވާނަމަ އޭޖް މައްޗަށް ދިޔައަސް ގޯލްކީޕަރުންނަކަށް ނުކުޅެވޭނެ. ގޯލްކީޕަރުން އެބަ ކުޅޭ 40 އަހަރުގައި ވެސް. އެމީހުން މޮޅުވަނީ އެކްސްޕީރިއަންސާ ހުރިހާ ކަމެއްވެސް އައިސްގެން."
ކޮންމެ ކުލަބަކުން ވެސް ބޭނުން ވާނީ ނަތީޖާ އެވެ. އެކަން އެންމެން ގަބޫލު ކުރެ އެވެ. އެހެންނަމަވެސް ދިވެހި ކީޕަރުން އުފެއްދުމުގައި ކުލަބުތަކުން ގައުމީ ވިސްނުމެއް ގެންގުޅެން ޖެހޭކަން އަސްލާމް ފާހަގަ ކުރި އެވެ. އޭނާ ބުނިގޮތުގައި ކުލަބުތަކާ އެފްއޭ އާ ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ގޯލްކީޕަރުން އުފެދޭނެ ގޮތެއް ނެތެވެ.
އަސްލަމް ބުނި ގޮތުގައި އެފްއޭއިން ކުލަބުތަކަށް ދިނީ އެކަށީގެންވާ މުއްދަތެކެވެ. ކުލަބުތަކުން އޮގޮތް ބޭނުން ނުވާހާ ހިނދެއްގައި ފަސް އަހަރު ނުވަތަ 10 އަހަރުގެ މުއްދަތެއް ދިނަސް އެކަން ތަންފީޒެއް ނުކުރެވޭނެ އެވެ.
"ތިން އަހަރު ވީ މިވާހަކަ ދެކެވެމުންދާތާ ކުލަބުތަކަށްވެސް އެބަ އެނގޭ ހަމަ މި ސީޒަނަކީ ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން ނިންމާފަ އޮތް އަހަރެއްކަން. ދެން އެކަމަކުވެސް ކުލަބުތަކަށް ތައްޔާރު ނުވެވިގެން އަހަންނަށް ހީވަނީ އަބަދުވެސް ކުލަބުތަކުން އެގޮތަށް ބޭނުން ނުވާ ކަމަށް ވަންޏާމު ފަސް އަހަރު ދިނަސް 10 އަހަރު ދިނަސް ތައްޔާރު ނުވެވޭނެ ކަންނޭންގެ."
ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމުން އެ ކީޕަރުންނަށް އައި ކުރި އެރުން ފެނެ އެވެ. އޭގެ އެއް މިސާލަކީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ފަހު ކޮޅުގައި ގްރީން ސްޓްރީޓްގެ މެޗުތަކުން ފުރުސަތު ދިން، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ހަސަން އަލީފް އިބްރާހިމެވެ. ކުލަބު އީގަލްސްގެ ލޯން އެއްބަސްވުމުގެ ދަށުން ގްރީންއަށް ބަދަލުވެ، ގްރީންގައި ދިން ފުރުސަތުގައި އޭނާ ވަނީ ރަނގަޅު ކުޅެމެއް ދައްކާފަ އެވެ. އަދި މެޗަކަށް ފަހު މެޗެއް އޭނާ ދިޔައީ ކުޅުން ރަނގަޅު ކުރަމުންނެވެ. އޭރު ގްރީންގެ ކޯޗަކަށް ހުރި އަލީ ސުޒޭން ވަނީ އަލީފް ދެއްކި ކުޅުމަށް ތައުރީފު ކޮށްފަ އެވެ.
ކިތަންމެ ބޭނުން ނުވިއަސް އަންނަ ސީޒަންގައި ދިވެހި ކީޕަރުންގެ ޖާގަތައް ފިލް ކުރަން ގިނަ ކުލަބުތަކުގައި ނުކުންނާނީ ބިދޭސީ ކީޕަރުންނެވެ. އެހެންވެއްޖެނަމަ ދެން ހެދޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ބުނި ގޮތުގައި ލީގްގައި ދިވެހި ކީޕަރުންނަށް ވަކިވަރަކަށް މިނެޓްސް ދިނުމަށް އެފްއޭއެމުން ކުލަބުތަކަށް މަޖުބޫރު ކުރުވައި ލީގްގެ ގަވާއިދު އެކަށައެޅުން އެގޮތަށް މުހިންމެވެ.
އިމްރާން ދެކޭ ގޮތުގައި މާޒިޔާ އާއި ކުލަބު އީގަލްސްއިން އޭއެފްސީ ކަޕަށް ނުކުންނައިރު ބިދޭސީ ކީޕަރުންނަށް ފުރުސަތު ދިން ނަމަވެސް ލީގްގެ މެޗުތަކުގައި ދިވެހި ކީޕަރުންނަށް ގިނަ ފުރުސަތު ދެވިދާނެ އެވެ. އަދި ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގައި ވަރަށް އާންމު ކަމެއްގެ ގޮތުގައި އޮންނަނީ، ދެ މުބާރާތެއްގައި ޓީމު ކުޅޭނަމަ ދެ ކީޕަރުން ދެ މުބާރާތަށް ބަހާލުމެވެ. ދެވަނަ ކީޕަރު ޗެމްޕިއަންސް ލީގް ނުވަތަ ޔޫރޮޕާ ލީގް ނުވަތަ ޑޮމެސްޓިކް ކަޕްގައި ކުޅުވާފައި އެއް ވަނަ ކީޕަރު ލީގު މެޗުތަކުން ފުރުސަތު ދިނުމެވެ.
ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރު ޓްރޭނަރު މުހައްމަދު އިގްބާލްގެ ވިސްނުން ތާފާތެވެ. އޭނާ ބުނި ގޮތުގައި ބިދޭސީ ކީޕަރުން ނުކުޅެވޭނެ ކަމަށް ޝަރުތު ކުރުމަކީ އެހާ ހަމަޖެހޭ ގޮތެއް ނޫނެވެ. އޭނާ ބުނިގޮތުގައި މާލެއިން ލިބެން ތިބި ކީޕަރުންގެ އަދަދު މަދެވެ. ލީގްގެ ފޯކަސް އަތޮޅު ތެރެއަށް ބަދަލުވުމުން ލީގްގައި ގިނަ އަދަދެއްގެ ދިވެހި ކީޕަރުން ފެންނާނެ އެވެ.
"ރަށްރަށުގައި އެބަތިބި ވަރަށް ރަނގަޅު ކީޕަރުން ހަމަ މޮޅު ކޮށްލެވޭނެ ފެންވަރު ރަނގަޅު ކީޕަރުން އެބަތިބި އަތޮޅުތަކުގެ ތެރޭގައި،" ފުރަތަމަ ފަހަރަށް ބޭރުގެ ޓްރެއިނިން ކޭމްޕަކަށް 2000 ގައި ގައުމީ ޓީމު މެލޭޝިއާއަށް ކުރި ދަތުރުގައި ގޯލްކީޕަރުގެ ޓްރޭނަރަށް ހާއްސަ ވެގެން ދިޔަ ފުރަތަމަ ޓްރޭނަރު އިގްބާލް ބުންޏެވެ. "އެހެންނަމަވެސް ކުލަބުތަކުގެ ހާލަތު ހުރި ގޮތުންނާއި މާލޭގައި ދިރިއުޅެން ފަސޭހަ ނުވާތީ އެގޮތަށް ތިބި ކީޕަރުންނަކަށް ނެތް މާލެ އާދެވޭކަށް. ހޯމް އެންޑް އަވޭ އުސޫލުން ލީގް ކުޅެން ފަށައިފިނަ ދިވެހި ކީޕަރުން ގިނަ އަދަދަކަށް ފެންނާނެ."