ކުޅިވަރު

ފުޓުބޯޅަ ސިޔާސީކުރުން، ދިވެހި ފުޓުބޯޅަ މިހާލަތަށް ވެއްޓުނު ސަބަބު

ދިވެހިރާއްޖެއަކީ މީގެކުރިން މި ސަރަހައްދުގެ ފުޓުބޯޅައިގައި އެންމެ އުހުގައި އޮތް އެެއް ގައުމެވެ. މީގެ ކުރިން މި ސަރަހައްދުގެ ފުޓުބޯޅައިގެ ރަސްކަމަށް އަބަދުވެސް އަރާރުން ވަނީ ރާއްޖެ އަދި ވާދަވެރި އިންޑިއާ އެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ބޮޑެތި ގައުމުތަކާއި އަޅާބަލާއިރު ވަރަށް ކުޑަކުޑަ ގައުމެއް ނަމަވެސް ފުޓުބޯޅައިގެ މައިދާނުގައި ސައުތު އޭޝިއާގެ ގިނަ ގައުމުތަކަށް ވުރެ ބޮޑު ގައުމެކެވެ. އެހެންނަމަވެސް މިއަދު މިދަނީ އަޅުގަނޑުމެންގެ ލޯކުރިމަތީގައި މަންޒަރު ބަދަލުވަމުން ދިވެހި ފުޓުބޯޅައިގެ އުދަރެސް ބަނަވަމުންނެވެ. ސަބަބުތައް ވަރަށް ގިނަ އެވެ.

ދިވެހި ފުޓުބޯޅަ މިހާލަތަށް ވެއްޓުނު މައިގަނޑު ސަބަބެއް ކަމަށް ބެލެވޭ އެއް ސަބަބަކީ ދިވެހި ފުޓުބޯޅަ ސިޔާސީ ކުރުމެވެ. ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ފަރާތްތަކުން ވަދެ މި ކުޅިވަރުގައި ސިޔާސީ ކުލަ ޖެއްސުމުންނެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ފުޓުބޯޅައިގެ ނިންމުންތަކަށް ސިޔާސީ ފަރާތްތަކުން އިންތިހާއަށް ނުފޫޒު ފޯރުވަ އެވެ.

ސިޔާސީ ފަރާތްތަކުން މަޖިލިސް މެންބަރުން އަދި ދައުލަތުގެ ވަޒީރުން ހިމެނޭހެން ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ހިންގުމުގެ ތެރޭގައި އެކި ގޮތްގޮތަށް ހަރަކާތްތެރި ވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ބައެއް މަޖިލިސް މެމްބަރުން އެފްއޭއެމްގެ ރައީސްގެ މަގާމުވެސް ފުރުއްވި އެވެ. މިހާރުވެސް މަޖިލިސް މެންބަރަކު ގެންދަވަނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

ހަގީގަތުގައި މިއީ ދިވެހި ފުޓުބޯޅައަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ކުޅިވަރަށް ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ވައްދާނަމަ ގަޑުބަޑުވުން ނޫން އެހެން ނަތީޖާއެއް ކުރިއަށް އޮތް ދުވަސްތަކުގައި ނިކުންނާނެ ކަމަކަށް ނުބެލެވެ އެވެ.

މިވަގުތަކީ ރާއްޖޭގެ ފުޓުބޯޅައިގެ އާއިލާ އަށް ވަރަށް ހައްސާސް ވަގުތެކެވެ. އުނދަގޫ ނިންމުންތަކެއް ވިސްނުންތެރިކަމާ އެކު ނިންމަންޖެހިފައިވަ ވަގުތެކެވެ. އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، އެ އިދާރާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ބައްސާމް، ދުނިޔޭގެ ފުޓްބޯޅައިގައި މައި އިދާރާ ފީފާ އިން ސަސްޕެންޑް ކުރުމަކީ ދިވެހި ފުޓްބޯޅައަށް ބޮޑު ލަދެކެވެ. އެފްއޭއެމްގެ ހިންގުން ބޮއްސުންލާ، ދަރާ ވިކި ހުސްވުމުން ފީފާއަށް މަޖުބޫރުވެގެން އެ އިދާރާގެ ހިންގުން ނޯމަލައިޒް ކޮމިޓީ އަކާ ހަވާލުކުރަން ނިންމުމަކީ ދިވެހި ފުޓްބޯޅަ ފުންއަނދަވަޅެއްގައި އޮތް ކަން އެނގޭ އެންމެ މުހިއްމު އެއް ސަބަބެވެ.

މިއީ ދިވެހި ފުޓުބޯޅަ އިން ސިޔާސީ އޮއިވަރުން އެއްކިބާކޮށް ސިޔާސީ ވަކިތަކުން މިނިވަންކޮށް ފުޓުބޯޅައިގެ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް މިކަމުގެ ތެރެއަށް ވަންނަން ވަގުތު ދޭން އެންމެ ރަނގަޅު ފުރުސަތެވެ. ދިވެހި ފުޓްބޯޅަ ހަލާކުވާން މެދުވެރި ސަބަބުތަކެއް ފެންނަން ހުރިއިރު ފީފާގެ އަމާޒު ހުރީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު ކުރުމަށްތޯވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މިސުވާލު އުފައްދަނީ ފީފާއާ ގުޅުވާ ދެކެވޭ ވާހަކަތަކުން ކަމަށް ބެލެވެ އެވެ. ހަގީގަތް އެނގޭނީ ފީފާގެ ސާފު ނިންމުންތަކެއް ނިމިގެން އައުމުންނެވެ. ފީފާއިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިހާބެއް ބާއްވައި، އައު ހިންގާ ކޮމިޓީއެއް ވެސް އިންތިހާބު ކުރަން ޖެހޭނެ އެވެ.

ފީފާއިން މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީ އަކާ އެވެ. އެ ކޮމެޓީއަށް ބައެއް ސިޔާސީ ބޭފުޅުން ހަމަޖައްސަން ފީފާއިން ނިންމާފައިވާ ކަމަށް ބުނެ ނޫސްތަކުގައި ރިޕޯޓް ކުރުމަކީ މިވަގުތަށް އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް ފީފާގެ ނިންމުން އާންމު ނުކުރަނީސް ވަކި ގޮތަކަށް ގަބޫލުކުރުންވެސް ރަނގަޅެއް ނޫނެވެ.

ފީފާ އިން އެކުލަވާލާ ނޯމަލައިޒިން ކޮމިޓީގައި އާންމުންނަށް ގަބޫލުނުކުރެވޭ ވަކިން ހާއްސަކޮށް ސިޔާސީ ބޭފުޅުން ހިމެނޭ ނަމަ މިއީ ދިވެހި ފުޓުބޯޅަ އާއިލާ ކަންބޮޑުވާނެ ކަމެކެވެ.