ފީފާ

ފީފާގެ ވަފްދެއް މި ހަފްތާ ރާއްޖެ އަންނަނީ

އެފްއޭއެމްގެ ކަންކަން ހަމައަށް އެޅުވުމަށް ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވުމަށް ފީފާ ވަފްދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ހަފްތާގެ ފަހުކޮޅު ފީފާގެ ވަފްދެއް ރާއްޖެ އައުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފީފާގެ ވަފްދެއް ރާއްޖެ އަންނަނީ ނޮމަލައިޒޭޝަން ކޮމިޓީ އިން އެފްއޭއެމްއާ ހަވާލުވިއިރު ކަމާ ގުޅޭ ލިޔުންތައްވެސް ކޮމިޓީއަށް ލިބިފައި ނުވާތީ އާއި އެފްއޭއެމްގެ އެއްވެސް އެކައުންޓެއްގައި ފައިސާ ނެތުމުން ނޮމަލައިޒޭޝަން ކޮމިޓީއަށް ހުރި ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް އެނގިފައިވެ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލާފައިވާ ނޮމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މަސައްކަތަކީ އެފްއޭއެމްގެ ދަރަނީގެ އަދަދު ދެނެގަނެ ދަރަނި ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމާއި، އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާ ހޯދުމާއި އަދި އެފްއޭއެމް ހިންގުމަށް އާ ލީޑަޝިޕެއް އިންތިހާބު ކުރުމަށް ބޭނުންވާ މަސައްކަތްތައް އާންމު ހާލަތަކަށް ގެނައުމެވެ.

ނޫސްވެރިންނަށް މިދިޔަ ހަފްތާގައި މައުލުމާތު ދެއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ހުރި މައްސަލަތައް ގިނަ ކަމުން ފީފާ އިން ދީފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ކަމެއް ނިންމާނުލެވޭނެ ކަމަށެވެ.

މާލީ ދާއިރާއާއި ހިންގުމުގެ ދާއިރާގައި ވަރަށް ގިނަ ބޮޑެތި ތަޖުރިބާތަކެއް ހާސިލްކުރައްވައިގެން ހުންނެވި ޒުހޫރު ވިދާޅުވި ގޮތުގައި އެފްއޭއެމްއަށް ދިމާވެފައި އޮތް ބޮޑު މައްސަލައަކީ އޭނާގެ މުޅި ހަޔާތުގައިވެސް ކުރިމަތިލެއްވި އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށެވެ. އެފްއޭއެމްގައި ހުރި މައްސަލަތައް ގިނަވެފައި ނާޒުކު ކަމުން އެ ދުވަހު ޒުހޫރު ވިދާޅުވީ "އެފްއޭއެމް ނެތް" ކަމަށެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ މިހާތަނަށް ލިޔެކިޔުމުން ފެންނަން ހުރި އެފްއޭއެމްގެ ދަރަނީ އަދަދަކީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާއާއި 35 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެެއް ކަމަށެވެ. އެކަމަކު އެކިއެކި ގޮތްގޮތުން ލިބޭ މައުލޫމާތަށް ބަލާއިރު އެފްއޭއެމްގެ ޖުމްލަ ދަރަނި ކަމަށް ބުނެ ބައެއް ނޫސްތަކުގައި މީގެކުރިން ރިޕޯޓްކޮށްފައިވާ 85 މިލިއަން ރުފިޔާއަށް ވުރެ ޖުމްލަ ދަރަނި އިތުރުވާނެ ކަމަށް ކޮމިޓީގެ މެންބަރުންނަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"ބައެއް މީޑިއާތަކުން އެބަ ރިޕޯޓުކުރޭ 85 މިލިއަން ކަމަށް. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އެއަށްވުރެވެސް މަތިވާނެ ކަމަށް ބެލެވެއޭ،" ޒުހޫރު ވިދާޅުވި އެވެ.