އެފްއޭއެމް

އެފްއޭއެމްގެ ދަރަނީގެ މައްސަލަ ހައްލުކުރަން މަގުޗާޓެއް އެކުލަވާލަނީ

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އިން އެ އެސޯސިއޭޝަންގެ ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް ފަށާފައިވާ މަސައްކަތުގައި އެހީތެރިވުމަށް ފީފާގެ ވަފުދެއްވެސް މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ދަރަނީގެ އިތުރުން އެސޯސިއޭޝަން އެއްކޮށް ނޯމަލައިޒް ކުރުމަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ފީފާއިން ވަނީ އެފްއޭއެމް އިން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށާއި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

އެފްއޭއެމްގެ ހިންގުން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ ކޮމިޓީއަށް އެފްއޭއެމްގެ ހިންގުން ހަވާލުކޮށްފައިވަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އެވެ.

ފީފާއިން ވަނީ އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ނޯމަލައިޒަން ކޮމިޓީއަށް ވަގުތު ދީފަ އެވެ.