ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވަނީ، އެފްއޭއެމް ކަރުތާފެނުގައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މި ދައުރު ހަމަވާތީ ދެން އަމަލުކުރާނެ ގޮތަކާ މެދު އެފްއޭއެމުން ފީފާގެ ލަފައަކަށް އެދިއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގައި ދެވަނަ ދައުރު ހޭދަކުރައްވަމުން ގެންދަވާ، ބައްސާމްގެ މި ދައުރު ހަމަވާނީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.

އިންތިހާބީ މަރުހަލާއެއްގައި އޮތް އެފްއޭއެމުން އެ މަސައްކަތް ހުއްޓާލާފައި އޮތީ ފީފާއިން އަންގައިގެންނެވެ. އެފްއޭއެމުން މި ފަހަރު، އިންތިހާބު ބާއްވަން މަސައްކަތް ކުރި ދެ ފަހަރު ވެސް ފީފާއިން އެ މަސައްކަތް ހުއްޓުވި އެވެ. ދެވަނަ ފަހަރު އެންގީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

މުޅިން އާ އިންތިހާބެއް އިއުލާނުކޮށްގެން ކުރިއަށް ގެންދެވޭނެ މުއްދަތެއް ބައްސާމްގެ މި ދައުރުގައި ދެން ނެތެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބަށް އިއުލާނުކުރުމަށް ފަހު، އިންތިހާބު ބާއްވާ ދުވަހާ ދެމެދު 45 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ. އެ މުއްދަތެއް މިދައުރުގައި ދެން ނެތެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ދައުރު ހަމަވާތީ، އެކަން ފީފާގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ. މިހާތަނަށް އަދީ ވަކި ގޮތެއް ފީފައިން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްލަބްތަކާއި އިދާރާތަކުން ވެސް ފީފާގެ ނިންމުމެއްގެ އިންތިޒާރުގައި

ފީފާގެ ޖަވާބެއްގެ އިންތިޒާރުގައި ތިބީ، ހަމައެކަނި އެފްއޭއެމްގެ ލީޑާޝިޕް އެކަންޏެއް ނޫނެވެ. ބައްސާމާ މެދު ހިތްހަމަނުޖެހިގެން އޭނާއާ ފެއަށް ޖެހުނު ކްލަބްތަކުން ވެސް ތިބީ ފީފާގެ ނިންމުމެއްގެ އިންތިޒާރުގަ އެވެ.

ފެބްރުއަރީ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު، ފީފާގެ ވަފުދުން މިދިޔަ އޭޕްރީލް މަހު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބެލުމަށް ފީފާ އާއި އޭއެފްސީން ފޮނުވި މަންދޫބުން ހިމެނޭ އެ ވަފުދުން ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ ބައްދަލު ކުރި އިރު އެ ކްލަބްތަކާއެކު ވެސް ބައްދަލުވުމެއް ބޭއްވި އެވެ.
އެ ބައްދަލުވުމުގައި ކްލަބްތަކުން ވަނީ، އެފްއޭއެމް ނޯމަލައިޒޭޝަނަށް ގެންގޮސް ދޭން ފީފާގެ ވަފުދުގެ ކިބައިން އެދިފަ އެވެ.

"މި ކްލަބްތަކުން ގަބޫލު ކުރަނީ ރާއްޖޭގެ މުޅި ފުޓްބޯޅަ އަށް ވެސް އަދި ކްލަބްތަކަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްކަން. ނޯމަލައިޒޭޝަން ކޮމީޓީގެ ބެލުމުގެ ދަށުން މައްސަލަތައް ހައްލުކޮށް އާ އިންތިހާބަކަށް ދިއުންކަމަށް. ފީފާ އިން ނިންމާނެ ގޮތަކާ މެދު އެހެން ބަޔަކު އިންތިޒާރު ކުރާ ވަރަށް ވުރެ މާ ބޮޑަށް މި ކްލަބްތަކުން ތިބީ އެ އިންތިޒާރުގައި،" ފީފާގެ ވަފުދާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ބުންޏެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވެސް ތިބީ ފީފާއިން ނިންމާނެ ގޮތަކަށް ކުރިއަށްދާން ތައްޔާރުވެގެންނެވެ. ފީފާގެ ވަފުދުން ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލްއާ ވެސް ބައްދަލު ކޮށްފަ އެވެ.

މިދިޔަ މަހު އެ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް ކޮމިޝަނާ ތޮލާލް ވިދާޅުވީ އެފްއޭއެމާ މެދު ފީފާއިން ގޮތެއް ނިންމާނެ ކަމަށް، ރާއްޖެ އަށް އައި ފީފާގެ ވަފުދުން ބުނެފައިވާ ކަމަށެވެ.

ފީފާއިން ނިންމި ގޮތަކާ މެދު، ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ފީފާގެ ވަފުދަށް އަރުވާފައިވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ އެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ.

"ހަމަ އެ ގޮތަށް އަޅުގަނޑުމެންނަށް ވެސް އެބޭފުޅުން (ފީފާގެ ވަފުދު) ގެ ފަރާތުން މައުލޫމާތުތަކެއް ލިބިގެން ދިޔަ،" ތޮލާލް ވިދާޅުވެފައިވެ އެވެ.

ފީފާ އާއި އޭއެފްސީން އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އެބޭފުޅުންނާ ހަމައަށް ހިއްސާ ކޮށްދެއްވާނެ ކަމަށް ފީފާ އިން ވިދާޅުވެފައި ވާތީ އެފްއޭއެމްގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިވާނެ ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ ލީޑާޝިޕާ މެދު ވަކިގޮތެއް އަދި މިހާތަނަށް ފީފާއިން ނުނިންމިޔަސް، އެފްއޭއެމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެ އިދާރާއިން ވަނީ އަޅައިފަ އެވެ. އެގޮތުން ފީފާއިން ގައުމުތަކަށް ދޭ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމް އަށް މި އަހަރު ދީފައެއް ނުވެއެވެ.

ފަނޑުތައް ނުލިބުމުގެ ސަބަބުން ދިމާވެފައިވާ ފައިސާގެ ދަތިތަކާއި ގުޅިގެން އެއިދާރާ ވަނީ މާލީގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ނުލިބޭކަމުގެ ޝަކުވާގެ އަޑުވެސް ދޭތެރެ ދޭތެރެން ގަދަވެއެވެ. ކްލަބުތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ވެސް އެއިދާރާ ވަނީ ނުކުޅެދިފައެވެ. ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ފެންމަތިވެ އެފްއޭއެމް އޮތީ ކަރުތާފެނަށް އެރިއެވެ.