ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއް) ގެ އާންމު އިންތިހާބު ހުއްޓުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމަށާއި އާޒިމް ކުރުއްވަން އުޅުއްވި ކަންކަމަކީ ވަރަށް "ހަޑި" ކަންކަމަށް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މަހުލޫފު ހާޒިރުވެ އިންނެވީ ވޭމަންޑޫއާއި ތިމަރަފުށީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން އެ ދެ ރަށް ހިމެނޭ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ދެ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
މިނިސްޓަރަށް ސުވާލު ކުރުމަށް އޮންނަ ވަގުތުގެ ތެރޭގައި މެންބަރުންނަށް ސުވާލު ކުރަން ލިބުނު އިތުރު ފުރުސަތުގައި ބައެއް މެންބަރުން ވަނީ އެފްއޭއެމްގެ އާންމު އިންތިހާބު މަޑުޖައްސާލަން މިނިސްޓްރީން އެންގި އެންގުމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުންދާ މައްސަލަ ނިމެންދެން އިންތިހާބު ފަސްކޮށްދޭން އެދުމުން އެފްއޭއެމްގައި މިނިސްޓްރީން އެ ގޮތަށް އެދުނު ކަމަށެވެ. ނަމަވެސް އިންތިހާބު ހުއްޓުވާލުމަކީ މިނިސްޓްރީއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަން ހުއްޓާލަން އެންގިނަމަ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރާ ކަމެއް. އެއީ ވަޒީރަކަށް ހުންނަ މީހަކަށް އެއްވެސް ގައުމެއްގެ ކުޅިވަރު އެސޯސިއޭޝަންއެއްގެ އިލެކްޝަންއަށް ބާރު ފޯރުވާ ހެދުމުގެ ހައިސިއްޔަތެއް ނޯންނާނެ،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ދެން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުޅުއްވީ އެ އިންތިހާބު ހުއްޓުވާލުމަށެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. "އަޅުގަނޑު ލައްވައި އާޒިމް ވަރަށް ހަޑި ކަންކަން ކުރުއްވަން އުޅުއްވާތީ އަޅުގަނޑު ވަރަށް ދެރަވާ" ކަމަށެވެ.
މަހްލޫފު އެހެން ވިދާޅުވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ވާހަކަތައް ހުއްޓުވާލެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ޖެހޭނީ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށް ކަމާއި އޭގެ ބޭރުން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމަށް ފަހު މަހުލޫފަށް އަލުން ޖަވާބު ދެއްވަން ފުރުސަތު ދެއްވަމުން އާޒިމްގެ ވާހަކައެއް ނުގެންނަވަ އެވެ. ނަމަވެސް އެފްއޭއެމްގެ އިންތިހާބު ހުއްޓުވުން ވާނީ ގާނޫނާ ހިލާފު ވަރަށް ހަޑި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަ ފުޅު ދައްކަވަމުން ގެންދެވި އެވެ.
"ހަތަރު މަސް ކުރިން އެފްއޭއެމްގެ އިލެކްޝަންއަށް އެންގުމުން އެއްވެސް ބޭފުޅަކު ކުރިމަތިނުލައި ހަތަރު މަސް ފަހުން އިލެކްޝަން ބާއްވަން އުޅުމުން މިނިސްޓްރީން ފުލުހުން ފޮނުވައި ކުޅިވަރު އެސޯސިއޭޝަންގެ އިލެކްޝަން ހުއްޓުވަން އުޅުމަކީ ވަރަށް ހަޑި ކަމެއް ކަމަށް." މަހްލޫފު ވިދާޅުވި އެވެ.
އެފްއޭއެމްގެ އާންމު އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިދިޔަ ދައުރުގައި ވެސް އެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. ދެވަނަ ދައުރަކަށް ބައްސާމް ވަނީ އިންތިހާބުވެފަ އެވެ.
އެ އާންމު އިންތިހާބު ގާތްވެފައިވަނިކޮށް އާޒިމް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރިއިރު، އާޒިމަކީ އެ ކްލަބްގެ ކުރީގެ މެނޭޖަރެވެ. އެ ކްލަބްގެ މިހާރުގެ މެނޭޖަރަކީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނިވަޑައިގަންނަވަ އެވެ.