މިއަދު ބާއްވާ އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްއަށް ސަރުކާރުން އަންގައިފި އެވެ.
ޔޫތު ސްޕޯޓްސް މިނިސްޓްރީން، އިންތިހާބު ފަސް ކުރަން އެންގީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު ދިރާސާ ކުރަމުންދާ އެފްއޭއެމްގެ މައްސަލަ ނިމެންދެން އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްއަށް އަންގަން މިނިސްޓްރީއަށް ރައްޔިތުންގެ މަޖިލީހުން އެންގުމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކޮށް ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލަ ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަންގެމަށެވެ. މިނިސްޓްރީގެ ތަރުޖަމާން މިއަދު ހަތަރެއް ޖެހިއިރު މިޑިއާގެ ވައިބާ ގުރޫޕަށް މެސެޖު ކުރައްވައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
ސަރުކާރުން މިގޮތަށް އެންގުމަކީ، އެފްއޭއެމްގެ މަސައްކަތްތަކަށާއި އިންތިހާބަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަނުންކަމަށް ފީފާއިން ވަނީ މާނަ ކޮށްފަ އެވެ. ފީފާއިން އިއްޔެ އެފްއޭއެމް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްގެ އިންތިހާބަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު އަތުވެއްޖެނަމަ ރާއްޖެއަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.