ސެޕްޓެމްބަރު، 2016 ގައި، އެފްއޭއެމްގެ އެކްސްކޯގައި ތިއްބެވި ފަސް މެންބަރަކު އެއްފަހަރާ ކުއްލިއަކަށް އިސްތިއުފާ ދެއްވައި، އޭރު ރައީސް ކަމުގައި ހުންނެވި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް، އަހްމަދު ތޯރިގްގެ ދުވަސް "ދުއްވާލި" އެވެ. ރައީސް ކަމަށް ތޯރިގް ވަޑައިގެން އޭނާގެ މަސައްކަތް ފެށުނުތާ އޭރު ހަތަރު މަސް ވެސް ފުރިހަމަ ނުވެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ސްޓްރެޓެޖިކް ޕްލޭން، ބައިނަލްއަގުވާމީ ކުންފުންޏަކާ ހަވާލު ކުރެވިގެން އަމަލީ މަސައްކަތް ފަށަން އޮތީ ތައްޔާރު ވެފަ އެވެ.
ތަނބުތައް ޖަހަން އޮލަނބު ސީދާ ކޮށް ނުލެވެނީސް، ފަސް މެންބަރުން ކުއްލިއަކަށް އެއްފަހަރާ އިސްތިއުފާ ދެއްވީ ދުރާލައި ރާވައިގެން ސީދާ ތޯރިގްގެ ދުވަސް "ދުއްވާލަން "ކަން ސާފު ކޮށް އެނގެ އެވެ. އެ އެކްސްކޯއިން އިސްތިއުފާ ދެއްވި ފަސް މެންބަރުންނަކީ، މިހާރުގެ އޮތް ލީޑާޝިޕަށް ވަފާތެރި ސީދާ މިހާރު އޮތް ލީޑާޝިޕުގެ އެހީތެރިންނެވެ.
އޭރު އެކްސްކޯއިން އިސްތިއުފާ ދެއްވި، މަރިޔަމް ނާޒިމާ އާއި އަހްމަދު ޝަކީބަކީ، މިހާރުގެ އެފްއޭއެމްގެ ލީޑާޝިޕްގެ ނައިބު ރައީސުންނެވެ. ތޯރިގު ނައިބު ރައީސް އަލީ އަމުރު ވަނީ ސްޕޯޓްސް ކޮމިޝަނަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން މިހާރުގެ އެކްސްކޯގެ މެންބަރުކަން ކުރައްވާފަ އެވެ. މުހައްމަދު އީސާ އަކީ، ގައުމީ ޓީމުގެ މެނޭޖަރެވެ. އައްސަދު އަބްދުލް ގަނީ އަކީ މިހާރު ކޮމްޕެޓީޝަން ޑިޕާޓްމެންޓްގެ ހެޑެވެ. އެ ފަސް ބޭފުޅުން އިސްތިއުފާ ދެއްވީ ތޯރިގްގެ ލީޑާޝިޕް ބަދަލު ކުރުމަށެވެ. ކޮންމެހެން ކަންކަން ގޯހުން ގޯހަށް ގޮސްގެން ނޫންކަން އޭރުވެސް އެނގެ އެވެ.
ހިނގަހިނގާ އޮތް ލީޑާޝިޕެއް ބަދަލު ކުރުމަކުން ހައްލެއް ނުހޯދޭނެކަން، ތޯރިގްގެ ލީޑާޝިޕް ބަދަލު ކުރުމަށް ފަހު އެނގިގެން ދިޔަ އެވެ. ފުޓްބޯޅައަށް ހިންދެމިލާނެ ވަގުތެއް ނެތެވެ. ދުވަސްވީ ކުލަބުތަކުގެ ހިންގުން ދޯދިޔާވެ ޒަމާނުން ސުރެ އެ ކުލަބުތަކުން ރާއްޖޭގެ ފުޓުބޯޅައިގައި ދެމެހެއްޓި ބާރުވެރިކަން މަޑުމަޑުން ދަނީ ބީވަމުންނެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް، އިލްހާމް އަހްމަދުގެ ދުވަސްވަރުން ފެށިގެން ފުޓްބޯޅަ ވަޅުޖެހެމުން އައިސް އޮތީ ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. އެއަށް ފަހު 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައަށް ހަމަ ނޭވާލާނެ ވަގުތެއް ނެތެވެ.
އޭގެ އަސަރު ގައުމީ ޓީމުތަކަށާއި ކުލަބުތަކަށް ކުރި އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް، ނިއުޒިލޭންޑްގެ ރިކީ ހާބަޓް ބުނީ، ރާއްޖެއިން އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެފްއޭއެމް ތެރޭގައި ކޯޅުން ބޮޑުވުމުން، ގައުމީ ޓީމަށް މެނޭޖުމެންޓުން ދޭން ޖެހޭ އަހަމިއްޔަތުކަން ކުޑަވުން ކަމަށެވެ.
"އަހަރެން ރާއްޖޭގެ ކޯޗު ކަމާ ހަވާލުވީ ވެސް އަހަރެންވެސް ޑިމާންޑްތަކެއް ކޮށް އެ ކަންކަން ފެޑްރޭޝަނުން ފުރިހަމަކޮށް ދޭނެކަމަށް ވައުދު ވުމުން،" ނިއުޒިލޭންޑް ވޯލްޑްކަޕަށް ކޮލިފައިކޮށްދީ ވަރުގަދަ އިޓަލީ ހިފަހައްޓާލި ޓީމުގެ ކޯޗް ބުންޏެވެ. "އަހަރެން ބުނިން ގައުމީ ޓީމު ތައްޔާރު ކުރުމުގައި އަހަރެން ބޭނުމޭ ގިނަ ފްރެންޑްލީ މެޗުތަކެއް ކުޅެން، އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ފުރިހަމައެއް ނުވޭ، ފެޑެރޭޝަން އޮންނަނީ އަބަދުވެސް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި، އަހަރެން ރާއްޖޭގައި މަސައްކަތް ކުރީ ވަރަށް އެހެންކަހަލަ ހާލަތެއްގެ ތެރެއިން."
އެފްއޭއެމްގައި ޖެހެމުން އައި މައްސަލަތަކުގެ ތެރެއަށް، މިހާރު އިތުރުވެގެން މިއުޅެނީ ތަފާތު ބޮޅެކެވެ. ކުލަބުތަކުން އިސްނަގައިގެން އެފްއޭއެމްގެ ލިޑަޝިޕް ބަދަލު ކުރުމަށް، ލީޑަޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ތޯރިގު ދުއްވާލީވެސް، އެފްއޭއެމްގެ ލީޑަޝިޕްގެ ކޮންޓްރޯލް ހޯދުމަށް ދަހިވެތިވި ތިބި ބަޔަކު އަޑީގައި ތިބެގެންނެވެ. މިހާރު އެފްއޭއެމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފުނަށް ދިއުމުން ހާމަވާ ކަމަކީ އެކަމުގެ އަޑީގައި ތިބީވެސް އެފްއޭއެމްގެ ލީޑާޝިޕަށް ދަހިވެތިވެފައިވާ ތިބި ބަޔަކު ކަމެވެ. އެފްއޭއެމްއަށް ހުށަހެޅި ގަރާރަށް ކުލަބުތަކުގެ ސޮއި ހޯދުމަށްޓަކައި، ކުލަބުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭން އެއްބަސްވެފައިވާ ނުވަތަ ދީފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.
ތޯރިގުގެ ލީޑާޝިޕުން ފަސް މެންބަރުން އިސްތިއުފާ ދެއްވައި އިންތިހާބަކަށް ދާން ޖެހުމުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފައި ވަނީ އެފްއޭއެމްއަކީ އަބަދު އިންތިހާބު ބާއްވަންޖެހޭ ތަނަކަށް ވެއްޖެނަމަ، ރާއްޖޭގެ ފުޓްބޯޅައަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
އެފްއޭއެމް ހިންގުން ގޯސް ވެއްްްޖެ ކަމަށް ބުނާ ކޮންމެ ފަހަރަކު، ހަމަމަގަށް އަޅުވަން ޖެހޭނީ ލިޑާޝިޕްގެ ދުވަސް ދުއްވާލައިގެންތޯ މިއީ އޭރުވެސް މިހާރުވެސް އުފައްދަން ޖެހޭ ސުވާލެކެވެ.
ތޯރިގްގެ އެކްސްކޯއިން އިސްތިއުފާ ދެއްވި ފަސް މެންބަރުން އިސްތިއުފާ ދެއްވީ ހިންގުން ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ އެވެ. އޭގައި ދެކޮޅު ނުޖެހޭ ކިތަންމެއް ކަންތައްތަކެއް ހުއްޓެވެ. އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވަޑައިގަތުމުގެ މާ ކުރިންސުރެ އެތަން އޮތީ ބޮއްސުންލާފަ އެވެ.
އަނެއްކާ މިފަހަރުވެސް މިއޮތީ ލިޑާޝިޕް ބަދަލު ކުރުމެވެ. ބަޔަކު އަޑީގައި ތިބެގެން މިކަމަށް މެދުވެރި ކުރި ކުލަބުތަކެވެ. އެފްއޭއެމްގެ ހިންގުން ގޯހުންގޯހަށް ދާނަމަ އެކަން އިސްލާހް ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކުލަބުތަކަށެވެ. ލީޑާޝިޕް ޒިންމާދާރު ކުރުމާއި ސުވާލު ކުރުމުގެ ފުރުސަތު ކުލަބުތަކަށް އޮވެ އެވެ. ނަމަވެސް ކުލަބުތަކަށް އެހެން ބަޔަކު ޒިންމާދާރު ކުރެވޭނީ، ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ކުލަބުތައް ހިންގާނަމަ އެވެ. ކުލަބުތައް ހަރުދަނާ ކުރުމަކީ އެފްއޭއެމްގެވެސް މަސްއޫލިއްޔަތެކެވެ.
މިއަހަރުގެ އޭއެފްސީ ކަޕުން، ރާއްޖެއަށް ފުރުސަތު ގެއްލުނީ، ކުލަބުތައް އިހްމާލުވުމުން ކަމަށް އެފްއޭއެމުން އެބަ ބުނެ އެވެ. އެހެންވީއިރު މިކަމުގައި ކުލަބުތަކުން ބަސް ބުނަން ޖެހެ އެވެ. ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް އެކަނިވެސް 36 މިލިއަނެއްހާ ރުފިޔާ ދިނެވެ. އެހުރިހާ ފައިސާއެއް ލިބުނު އިރު އޭއެފްސީ ކަޕުން ޖާގަ ގެއްލުނު ސަބަބު ހާމަ ކޮށްދޭން ޖެހެ އެވެ. އެކަމުގައި ކުލަބުތަކުގެ އިހްމާލެއް ނެތް ކަމުގައި ވާނަމަ ސާފްކޮށް ބަސް ބުނަން ޖެހެ އެވެ. އެހެންނަމަވެސް ހަގީގަތަކީ އޭއެފްސީ ކުލަބު ލައިސެންސިން އަކީ ކޮންމެ އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހޭ އެއްޗެއްކަންވެސް ބައެއް ކުލަބުތަކަށް އެނގިފައިވެސް ނެތް ކަމެވެ.
ލީޑާޝިޕް ކުއްލިއަކަށް ބަދަލުކޮށްގެން، އެފްއޭއެމް އާއި ފުޓްބޯޅައަށް ހަމަޖެހުމެއް ނުލިބޭކަން މިދިޔަ ދެ އަހަރު ތެރޭ ފެނިގެން ދިޔަ އެވެ. ތޯރިގް ދުއްވާލައި، އެފްއޭއެމްގެ ޒައާމަތަށް ވަޑައިގެންނެވި އާ ލިޑާޝިޕަށްވެސް ފުޓްބޯޅައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނުގެނެވުނެވެ.
އަނެއްކާވެސް ފުޓްބޯޅައަށް އޮތް މަސައްކަތަކީ ލީޑާޝިޕް ބަދަލު ކުރުން ހެއްޔެވެ. ބައްސާމްގެ ލީޑާޝިޕަށް ގޯސް ހެދިފައި އެބަހުއްޓެވެ. އެހެންނަމަވެސް ލީޑާޝިޕް ނަގާ އެއްލާލައިގެން ހައްލެއް ނުހޯދޭނެ އެވެ. ލީޑާޝިޕް ބަދަލު ކުރުމަށް ފަހު އަނެއްކާ ފެށޭނީ އެހެން ވާދަވެރި ކަމެކެވެ. އެފްއޭއެމްގެ ރައީސްކަން ބޭނުންވާ ކިތަންމެ ބޭފުޅަކު އެބަ ތިއްބެވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ޓަކައި އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ވެސް އެބަހުއްޓެވެ. ގަލޮޅު ދަނޑާ ބީރައްޓެހިވެފައިވާ ސަޕޯޓަރުން އަލުން ދަނޑަށް ގެނެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ. ރެފްރީންނާއި އޮފިޝަލުންގެ ކަންކަން ހަރުދަނާ ވާން ޖެހެ އެވެ. އިންސްޓްޓިއުޓް ލެވަލްގައި ކުލަބުތައް ހިންގޭނެ ފެންވަރަށް ރާއްޖޭގެ ފުޓްބޯޅަ ހަރުދަނާ ވާން ޖެހެ އެވެ. އެފެއޭއެމްގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށްޓައި، މަސައްކަތްތަކެއް ރޭވެން ޖެހެ އެވެ.
މިއީ ވަރަށް ބައިވަރު މަސައްކަތްތަކެވެ. އިސްލާހު ކުރުމަށްޓަކައި ދިގު މުއްދަތުތަކެއް އެކަމަށް ހޭދަ ވާނެ މަސައްކަތްތަކެވެ. ކޮންމެ ބަދަލެއް ގެނައުމުގެ ކުރިން ދިރާސާކޮށް ސްޓަޑީތައް އެކުލަވާ ލެވެން ޖެހެ އެވެ. ކޮންމެ ބަދަލެއް ގެނައުމުގެ ކުރިން އެކަމަކާ ގުޅޭ ފަންނީ ގާބިލު މީހުން އުފައްދަން ޖެހެ އެވެ. މަސައްކަތް ކުރަންތިބި މީހުންނަކީ ތަޖުރިބާއާއި އެކަމާ ގުޅޭ ލެވަލްގައި އިލްމީގޮތުން މައުލޫމާތު ހުރި މީހުންނަށް ވާން ޖެހެ އެވެ. ބަދަލުކުރަންވީ މައިންޑްސެޓެވެ.