ރާއްޖޭގެ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކުގެ ދައުރު މި އަހަރަށް ހަމަވެ، އާ އިންތިހާބަކާ ކުރިމަތިލާނެ އެވެ. މައިގަނޑު ހުރިހާ އެސޯސިއޭޝަންތަކެއްގެ އިންތިހާބު މިއަހަރު ބޯ މަތީގައި އޮތްއިރު، އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓޭނީ ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ އިންތިހާބަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނޮވެމްބަރު 20 އަށް ހަމަވާނެ އެވެ. އިންތިހާބަކަށް ތައްޔާރު ވާނަމަ ކުރިމަތީގައި އޮތީ މަދު ވަގުތުތަކެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އެއްވެސް ބޭފުޅަކު ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެ އެވެ. މިހާރުގެ ރައީސް ބައްސާމްވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަކަށް ސީދާ ވިދާޅެއް ނުވެ އެވެ. އަވަސް އަށް އެންމެ ފަހުން ދެއްވި ދެ އިންޓަވިއުގައިވެސް އެ ސުވާލު ކުރިމަތި ކުރެއްވުމުން ސީދާ ޖަވާބެ ނުދެއްވަ އެވެ. ކުރިމަތިލައްވާނެ ކަމަކަށް އަދި ނުލައްވާނެ ކަމަކަށްވެސް ވިދާޅެއް ނުވެ އެވެ.
ސީދާ ގޮތުން އިއުލާން ނުކުރެއްވި ނަމަވެސް، ފެންނަ މަންޒަރަށް ބަލާއިރު މިއަހަރުގެ އިންތިހާބުގައި ބައްސާމް ވާދަ ކުރައްވަ އެވެ. އެކަން ހާމަވަނީ މިހާތަނަށް އޭނާ އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކުންނެވެ. ނޮވެމްބަރު 2016 ގައި ބޭއްވި އިންތިހާބުގައި ބައްސާމް އާ ވާދަ ކުރެއްވި ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރެއްވި މާޒިޔާވެސް މިފަހަރުގެ އިންތިހާބުގައި ބައްސާމްގެ ފަހަތުގައި ބޭއްވުމަށް އޭނާ ވަނީ ފިޔަޅުތަކެއް އަޅުއްވާފަ އެވެ. އެފްއޭއެމްގެ އެކްސްކޯގެ މެންބަރުކަމަށް މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) ގެންނެވީ، ކުރިއަށް އޮތް އިންތިހާބުގައި މާޒިޔާގެ ތާއީދު ހޯއްދެވުމަށް ކަމަށް ބެލެވެ އެވެ.
ދެން އޮތީ ކުލަބު އީގަލްސް އެވެ. އެ ކުލަބުގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) އަކީވެސް އެފްއޭއެމްގެ އެކްސްކޯގެ މެންބަރެކެވެ. އެންމެ ފަހުގެ އިންތިހާބުގައި އީގަލްސްގެ އޭރުގެ ޗެއާމަނަކަށް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުންނެވުމުން އޭނާ ވަޑައިގެންނެވީ ތޯރިގްގެ އަރިހުގަ އެވެ. އެހެންވެ އީގަލްސްގެ ވޯޓް ބައްސާމްއަށް އޭރު ނުލިބުނު ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ބައްސާމްއަށް އެންމެ ވަފާތެރިކޮށް އޮތް ކުލަބަކީ އީގަލްސް އެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ހުށަހެޅުނު ގަރާރުގައި ފުރަތަމަ ޑިވިޝަންގައި އޭރުވެސް ވާދަ ކުރާ ކުލަބުތަކުގެ ތެރެއިން ސޮއި ނުކުރަނީ އީގްލްސް އެވެ. މާޒިޔާ، ޓީސީ، ކުލަބު ގްރީން ސްޓްރީޓު އަދި ޔުނައިޓަޑް ވިކްޓަރީން ގަރާރުގައި ސޮއި ކުރިިއިރުވެސް އެކަނިމާއެކަނިވެސް ގޮތުގައި ހިފަހައްޓާލީ އީގަލްސް އެވެ. ފަހުން މާޒިޔާ އާއި ޓީސީ އަދި ޔުނައިޓަޑް ވިކްޓަރީ އަދި ކުލަބު ގްރީން ސްޓްރީޓް ސޮއި އަނބުރާ ނެގީ އެވެ.
ކުލަބުތައް ބައްސާމްގެ ފަހަތުގައި އޮތުމަށް ބޭނުންވެގެން އެޅި އަނެއް ފިޔަވަޅަކީ އެފްއޭއެމް އާ ސީދާ ގުޅޭ ކަންކަމުގައި ކުލަބުތަކުން ކަނޑައަޅާ ފަރާތްތައް ޝާމިލު ކުރުވަން ފެށުމެވެ. ގައުމީ ޓީމުގެ މެނޭޖަރުގެ ގޮނޑި ފެންނަނީ ޓީސީން ހުށަހަޅާ ނަމެއް ނޮމިނޭޓް ކުރައްވާ ތަނެވެ. އުމުރުފުރާގެ ގައުމީ ޓީމުގެ ތެރެއިން 19 އަހަރުން ދަށުގެ ގައުމީ ޓީމު މެނޭޖަރަކީ ކުލަބު ގްރީން ސްޓްރީޓުން ހުށަހެޅުމެކެވެ. ގައުމީ ޓީމުތަކުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އީގަލްސް އާއި މާޒިޔާ އަދި ޓީސީގެ ބެކް ރޫމް ސްޓާފުންގެ މަސައްކަތް ފެނެ އެވެ. ފަހަރެއްގައި އެއީ އެކްޓިވްކޮށް މަސައްކަތް ކުރާ ކޯޗުންގެ އަދަދު މަދުވުމުން އެޅި ފިޔަވަޅަކަށްވެސް ވެދާނެ އެވެ. ނުވަތަ އެއީ ކުލަބުތައް ބައްސާމްގެ ފަހަތުގައި ތިބުމަށް އެދި އެޅި ފިޔަވަޅެއްގެ ގޮތުގައިވެސް މާނަ ކުރުމުގެ ޖާގަ އެބައޮތެވެ.
މިހާރު އޮތް ހާލަތުން ވިކްޓަރީ އާއި ނިއު ރޭޑިއަންޓަކަށް އެފްއޭއެމްގެ އިންތިހާބުގައި އަދި އާންމު ކޮންގްރެސްގައިވެސް ވޯޓެއް ނުދެވޭނެ އެވެ. ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން އެ ދެ ކުލަބު ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރެވިފަ އެވެ.
ދެން އޮތީ އިންތިހާބުގައި ބައްސާމް ކުރިމަތިލާނަމަ. އޭނާ އާ ވާދަ ކުރަން ނުކުންނާނެ ކެނޑިޑޭޓެއް ހޯދުމެވެ. އެފްއޭއެމް އަކީ ސަރުކާރުން އެ އިދާރާގެ ކޮންޓްރޯލް ނަގަން ބޭނުންވާނެ އެސޯސިއޭޝަނެކެވެ. އެއީ އެފްއޭއެމް މެދުވެރިވެގެން ހޯދޭނެ ނުފޫޒާއި ކުރެވޭނެ ކަންކަމުގެ ބާރުވެރިކަން ބޮޑު ކަމުންނެވެ. ދެން ވާދަ ކުރާ ކެނޑިޑޭޓް ވަނީ ނުސީދާ ގޮތުން ސަރުކާރުގެ ރުހުމާއި ތާއީދު ލިބޭނެ ކެނޑިޑޭޓަކަށެވެ. އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ސީދާ އިއުލާން ކޮށްފައި ނުވިނަމަވެސް އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް ސަރުކާރާ ގާތް ގުޅުމެއް އޮންނަ، އެފްއޭއެމްގެ އެންމެ ފުރަތަމަ ޖެނަރަލް ސެކެޓްރީ ހާމިދު އަބްދުލް ގަފޫރު ވަނީ ކުރިން ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
މިދިޔަ އަހަރު ވިކްޓަރީން އެފްއޭއެމް އާ ދެކޮޅަށް ގަރާރު ހުށަހެޅިއިރު، އެ މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުން ހާމިދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭރު ޓީވީތަކަށް އަރާ ވަޑައިގެން އެފްއޭއެމް ހިންގަމުންދާ ގޮތާމެދު ހާމީދު ވަނީ ފާޑު ކިޔުންތައް ކުރިމަތި ކުރައްވާފަ އެވެ. ވިކްޓަރީގެ މަސައްކަތް ނާކާމިބުވީ ފީފާ އާއި އޭއެފްސީން ހާލަތު ބެލުމަށް ފޮނުއްވި މަންދޫބުން ވިކްޓަރީގެ ގަރާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ކަނޑައެޅުއްވި ހިސާބުންނެވެ. އެ މަސައްކަތަށް ފަހު ފުޓްބޯޅައިގެ ކަމެއްގައި ހާމިދު ބަސް ވިދާޅުވާ އަޑެއް ނީވެ އެވެ.
ސަރުކާރުގެ ރުހުމާއި ތާއީދު ލިބިގެން ނެރޭ ކެނޑިޑޭޓަކީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ވުން ކައިރިކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެ އެވެ. މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން ޑިސެމްބަރު ކުރީކޮޅާ ހަމައަށް އަލީ ވަހިދު ވަނީ އެފްއޭއެމް އާ ވަރަށް ގާތުން މަސައްކަތް ކުރައްވާފަ އެވެ. ސެޕްޓެމްބަރު މަހު ފަހުކޮޅުގައި އަލީ ވަހިދު ހިމެނޭ ގޮތަށް ގައުމީ ޓީމުގެ ކޮމިޓީ އަލުން އުފެއްދެވި އެވެ. ކޮމިޓީގެ ޗެއާމަންގެ މަގާމަށް ފަހުން އަލީ ވަހީދު ހަމަޖައްސަވައި އޭނާއަށް ގިނަ ބާރުތަކެއް ދެއްވި އެވެ.
އެ މުއްދަތުގައި ފުޓްބޯޅައިގެ ކުރިމަގަށް ގިނަ ކަންކަމެއް އިއުލާން ކުރެއްވި އެވެ. ފުޓްބޯޅައިގެ ކުރިއަށް އޮތް 20 އަހަރުގެ ޕްލޭން މި މަހު 20 ގައި އިއުލާން ކުރައްވާނެ ކަމަށް އޮކްޓޯބަރު މަހު ވިދާޅުވި އެވެ. އެހެންނަމަވެސް އަލީ ވަހީދު ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު ގައުމީ ޓީމު ކޮމިޓީ އުވާލަން އެފްއޭއެމުން ނިންމީ މިދިޔަ މަހު އެވެ.
ދުރު މުސްތަގުބަލަށް މަސައްކަތް ކުރެއްވުމަށް އުފެއްދެވި ކޮމިޓީ އުވާލީ، ނިމި ދިޔަ އަހަރަށް ގައުމީ ޓީމުގެ އިތުރު މުބާރާތެއްވެސް ނެތް ކަމަށް ބުނެ އެވެ. އެކުވެރިކޮށް މަސައްކަތް ކުރައްވަމުން ގެންދެވަނިކޮށް ދެ ފަރާތުގެ ދެމެދުގައި ގޮށް ޖެހުނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނޭންގެ އެވެ.
ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތެރެއިން ނެގުނު ޑްރީމް ޓީމު ހިމެނޭ ގޮތަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަށް ލިބުނު ފުރުސަތަށް އެ ޓީމު ދަތުރު ކުރާނެ ކަން އަދި ނުކުރާނެ ކަން ވެސް ކަށަވެރެއް ނުވެ އެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ވަނީ ޓީމު އެކުލަވާލާފަ އެވެ. އަލީ ވަހީދު އާއި އެފްއޭއެމް އާ ގުޅުން ކެނޑިފައިވުމުން އެ ފުރުސަތު ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަލީ ވަހިދު އާއި އެފްއޭއެމް އާ ގުޅުން ކެނޑިގެން ދިޔަ ސަބަބުތަކާ ބެހޭގޮތުން އެކި ވާހަކަތައް ރަށުތެރޭގައި ދެކެވެއެވެ. އެއްބަޔަކު ބުނަނީ އަލީ ވަހީދުގެ ބަސް ފުޓްބޯޅައިގެ ގަދަވެ އޭނާ ބާރުގަދަކޮށް ފެންނަން އެފްއޭއެމުން ބޭނުން ނުވަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ސަރުކާރާ ގާތްވުމަށް އެފްއޭއެމުން ކުރި މަސައްކަތުގައި އަލީ ކުރިއަށް ނެރުއްވައިގެން އެފްއޭއެމުން އޭރު ކުރިއަށް ދިޔައީ ކަމަށެވެ. އަނެއް ވާހަކައަކީ އަލީގެ ޝައުގުވެރިކަން އެފްއޭއެމްގެ އިންތިހާބާ މެދު ހުރުމުން ފުޓްބޯޅައިގެ ކަންކަމުގައި އޭނާ އަށް ފުރުސަތު ދޭން އެފްއޭއެމުގެ ވެރިން ބޭނުންފުޅު ނުވުމެވެ.
ފުޓްބޯޅައާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަ ދެއްކެވި ދުވަހުވެސް އަލީ ވިދާޅުވީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ލައްވަން ނޫޅުއްވާ ކަމަށާއި އިންތިހާބުގައި ކޮންމެ ބޭފުޅަކު ވަޑައިގަތްނަމަވެސް އެ ބޭފުޅަކާއެކު ސަރުކާރު މަސައްކަތް ކުރައްވާނެ ކަމަށެވެ. ފަހަރެއްގައި މިހާރު އެ ވިސްނުން ބަދަލު ކުރެއްވުންވެސް އެކަށީގެން ވެ އެވެ.
ސަރުކާރުގެ ތާއީދު ލިބިގެން ކޮންމެ ބޭފުޅަކު ވާދަ ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތަށް ކުލަބުތައް ގެނައުމަށް ސަރުކާރުން ފިޔަވަޅު ތަކެއް އަޅާނެ ކަމާމެދު ޝައްކެއް ނެތެވެ. އެގޮތުން ކުލަބުތަކުގައި މަސައްކަތް ކުރާ ލައިސެންސް އޮތް ކޯޗުންނަށް ސަރުކާރުން ދޭ 15000 ރުފިޔާ، 35000 އަށް ބޮޑު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. މި ސަރުކާރުން ދިނުން ހުއްޓާލާފައިވާ މާލީ އެހީތެރިކަން އަލުން ދޭން ފެށުން ފަދަ ނިންމުންތައް އެފްއޭއެމްގެ އިންތިހާބާ ކައިރިކޮށް ސަރުކާރުން ކުރާނެ ކަމަށްވެސް ލަފާ ކުރެ ވެއެވެ. ބޭނުމަކީ ސަރުކާރު ބޭނުންވާ ގޮތަށް މަސައްކަތް ކުރާނެ ބޭފުޅަކު އެފްއޭއެމްއަށް ގެންނެވުމަށް މަގު ކޮށްޓެވުމެވެ.