އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާމެދު ނުތަވަސް ކަމެއް ނެތް ކަމަށާއި އޭނާއާއެކު ގުޅިގެން މަސައްކަތްކޮށް މައްސަލަތަކަށް ހައްލު ހޯދޭ ކަމަށް ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ކުރީކޮޅު، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ބައެއް ކުލަބުތަކުން ސޮއިކޮށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި މަހްލޫފު ތާއީދު ކުރެއްވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރާށެވެ.
އެފްއޭއެމްގެ ފުޓްބޯޅަ ޓޯކް ޝޯ، "ލެޓްސް ޓޯކް ފުޓްބޯލް" ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ ވަރަށް ގާތްކޮށް ކަމަށެވެ.
"ކުރީގައި އޮތް ނުތަނަވަސް ކަމެއް މިހާރަކު ނެތް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގުޅިގެން ކަންކަމަށް ހައްލު ހޯދެން އެބައޮތް، މިހާރު އަޅުގަނޑުމެން މިނިސްޓްރީ އާއި އެފްއޭއެމާ ބައްސާމާ ވެސް ވަރަށް ގާތް ރިލޭޝަނެއް އޮވެގެން މަސައްކަތް ކުރަމުން މިދަނީ، ކޮންމެ ކަމެއްގައި ވެސް މަޝްވަރާ ކުރެވިގެން ދަނީ."
ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއް ކަމަށާއި، އޭނާ ނިސްބަތް ވަނީވެސް ސިޔާސީ ޕާޓީއަކަށް ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ މަސައްކަތްތަކުގައި ހާއްސަކޮށް ކުޅިވަރުގައި އެއްވެސް ކުލަބެއް ކައިރީގައި ވެސް އެއްވެސް ސިޔާސީ މަސައްކަތެއް ކުރަން ނޭދޭނެ ކަމަށެވެ.
"އަޅުގަނޑު އައިސް އެފްއޭއެމާއެކު ކުލަބުތަކާއެކު ކުރާނީ އަޅުގަނޑާ ހަވާލުކޮށްފައި އޮތް ޒިންމާގެ ދަށުން ކުރާ މަސައްކަތެއް،" މަހްލޫފް ވިދާޅުވި އެވެ. "އެކަމަކާ ސިޔާސީ އެއްވެސް ކަމަކާ ނުގުޅުވޭނެ، ކޮންމެ ސިޔާސީ ފިކުރެއްގައި އަޅުގަނޑުމެން ތިބި ކަމުގައިވީ ނަމަވެސް، އެކަކު އަނެކަކާ އެކީގައި ފުޓްބޯޅަ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވެން ވާނެ."
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ކަންކަން ވީގޮތުން އެކުގައި މަސައްކަތް ނުކުރެވި ހައެއްކަ މަސް ފާއިތު ވެގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އޭރު ކަންކަން ވެގެން ދިޔަ ގޮތުގެ ވާހަކަ ދެއްކުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ.
"އެފްއޭއެމުން އެ ކުރާ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަދެ އަތް ބާނަން ބޭނުންވާ އެއްވެސް ސަބަބެއް ނެތް،" މަހްލޫފު ވިދާޅުވި އެވެ. އެފްއޭއެމުން ކުރަން ބޭނުންވާ ކަންކަމުގައި އެއްވެސް ކަހަލަ ދައްޗެއް އުޅެންޏާ އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ލިބޭނެ، ވަރަށް ގުޅިގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ މެނޭޖުމެންޓާ މެދުވެސް އެއްވެސް މައްސަލަ އެއް ނެތް."