ރާއްޖެ ކުޅިވަރު

ގަލޮޅު ދަނޑު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ފަށަނީ

Feb 3, 2022

މާލޭގެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން މި އަހަރަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ކުޅިވަރުގެ ދާއިރާއާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ގަލޮޅު ރަސްމީ ދަނޑު ތަރައްގީކުރުމަކީ މިއަހަރު ކުރިއަށް ގެންދާނެ ކުޅިވަރުގެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އެކަމަކު އެ މަސައްކަތް ފަށާނެ ވަކި ދުވަހެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.

ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިއަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވެ އެވެ.

ގަލޮޅު ދަނޑުގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުގެ ސިނޑި ބަރި ގިނަ ދުވަސްވުމާ ގުޅިގެން އެ ދެ ސިނޑި ބަރި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން އަންގާފައިވާތީ މީގެ ދެ އަހަރެއް ކުރިން އެ ސިނޑި ބަރި އާންމުކޮށް ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ބައެއް ހާއްސަ އިވެންޓްތަކަށް ވަރަށް މަދުން ބޭނުންކޮށްފައިވެ އެވެ.

ދެކުނު ސިނޑި ބަރީގެ ދަށުގައި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފީސްތަކާއި ސްޕޯޓްސް މިނިސްޓްރީގެ ބައެއް ގުދަންތައް ހުރެ އެވެ. އަދި ޔޫތު މިނިސްޓްރީގެ އެކޮމަޑޭޝަން ބްލޮކް ވެސް ހުންނަނީ ދެކުނު ސިނޑި ބަރިއާ ދިމާލުގަ އެެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މީގެކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ގަލޮޅު ދަނޑު އަވަސް އަވަހަށް މަރާމާތު ކުރުމުގެ ބަދަލުގައި އެ ދަނޑު ތަޅާލައި އާ ދަނޑެއް އެތަނުގައި އެޅުމެވެ.

ގަލޮޅު ދަނޑު މަރާމާތުކުރަން ފެށުމުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ހަދާފައިވާ ޓާފް ދަނޑުތަކާއި ހުޅުމާލޭގައި ނިންމަމުންދާ ޓްރެކް ދަނޑު ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަތޮޅު ތަކުގައި ހަދަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ ޓާފް މަސައްކަތް ނިންމައި ހުޅުވިއްޖެ ކަމުގައި ވިދާޅުވި އެވެ.

"ގައުމީ ފެންވަރުގެ މެޗްތައް، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުޅެވޭނެ. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުވެނިތަކެއް ގާއިމުކުރުން ވެސް މި އަހަރު ކުރިއަށްދާނެ. އަދި ގައުމީ ޓޭބަލްޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްގީ ކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ޕެރަލިމްޕިކްސްގައި ރާއްޖެ ބައިވެރިވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިއީ މި މުބާރާތް ބާއްވާތާ 54 އަހަރުވީ ދިގު މުއްދަތުގައި، ދިވެހި ޕެރަ އެތުލީޓުން ރާއްޖެ ތަމްސީލުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ތައާރަފް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މި އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިން ވޯލްޑް ޓުއާ މުބާރާތެއް ރާއްޖޭގައި ބޭއްވޭނެ ކަމުގައި ވިދާޅުވި އެވެ.. ސާފިން އަދި ބޮޑީ ބޯޑިންގެ ނެޝަނަލް ޓީމުތައް މުޅިން އަލަށް އެކުލަވައިލައި، ގަވާއިދުން މުސާރަ ދޭން ފަށާފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ގައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން. އެ ހަލުވިކަން ހޯދުމަށްޓަކައި ކުޅިވަރުގައި ކުރިފަޅަންޖެހޭ. ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ. ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް. ގާއިމުކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަން ފަހިވާނެ،" ރައީސް ވިދާޅުވި އެވެ.