ކުޅިވަރު

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފައްޓަވައިދެއްވައިފި

Oct 18, 2022

ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް" -- ބެޑްމިންޓަން މުބާރާތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައިދެއްވައިފި އެވެ.

މި މުބާރާތް ކުރިއަށްދާ މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައި މިއަދު ހެނދުނު މުބާރާތް ފައްޓަވައިދެއްވުމަށްފަހު ރައީސް ސޯޯލިހް ވަނީ ބައެއް މެޗުތައް ބައްލަވާލައްވާފަ އެވެ.

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމާއި އެފަދަ މުބާރާތްތަކުގައި ދިވެހި އެތުލީޓަށް ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަކީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ހަތްވަނަ މުބާރާތެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ މެޗުތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމުބާރާތުގައި ދުނިޔޭގެ 25 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ. މީގެތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެ އެވެ.

މުބާރާތުގެ ކުރިން ޒުވާނުންގެ މަރުކަޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ބުނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އުއްމީދަކީ ދިވެހި ރައްޔިތުންގެ ފަރާތުން ސަޕޯޓް ލިބުން ކަމަށާއި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން މަސައްކަތްކުރާނެ ކަމަށްވެސް ނަބާ ބުންޏެވެ.

"ޓާގެޓަކީ މި ފެންވަރުގެ މުބާރާތްތަކުން ހަމަ ޕޯޑިއަމް ލެވަލަށް މެޑަލް ހޯދުން. އިރާދަކުރެއްވިއްޔާ ވާނެ. ގޯލްޑްވެސް މިހާރު ހޯދާފައި މިއޮތީ. ޓާގެޓަކަށް މިހާރު ވިސްނައިގެން މިދަނީ. މިއީ ރާއްޖެ ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު މުބާރާތެއް ވާދަކޮށްލަން" ނަބާ ބުންޏެވެ.

ރާއްޖޭން މުބާރާތުގައި ވާދަކުރާ ޓީމުގައި ރާއްޖޭން ބޭރުގައި މިވަގުތު ތަމްރީނު ހޯދަމުންދާ ނިބާލް އަހްމަދާއި އަހްމަދު ތޯއިފް ވެސް ހިމެނެ އެވެ.

ނިބާލް އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފަހިކޮށްދިން ސްކޯލާޝިޕެއްގައި ޔޫއޭއީގައި ޓްރެއިނިން ހަދަމުންނެވެ. ތޯއިފް ގެންދަނީ ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަނުން ދި ފުރުސަތެއްގައި އިންޑިއާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.