ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓީޓީ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

Apr 28, 2022

"ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުހަބާ ވިދާޅުވެ މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުގެ ޖާޒީއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވާ މި މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި ބޫޓާން އާއި ނޭޕާލް އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.