ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެކި އުމުރުފުރައިގެ މީހުންނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްގީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ދިވެހިރާއްޖޭގައި އެ ކުޅިވަރެއް ތަރައްގީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވެވި އެވެ.
ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕުގައި ނުވަ ގައުމަކުން އަށް އަހަރާ 18 އަހަރާ ދެމެދު 160 ރާޒުވާ ކުޅުންތެރިން ބައިވެރިވެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު އުކުޅަހުން ވެސް ރާޒުވާ ކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ހަމަޖެހިފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ.