އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗު ކުޅެން ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ރަށުތެރެއަށް ނިކުމެ އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއެކު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. އެ ޓީމު ތިބެނީ ހޮޓެލް ޖެންގައެވެ.
ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ހޮޓެލުން ބޭރަށް ނިކުމެ ރަށުތެރޭގައި އުޅެފައެވެ. އެ މަންޒަރު އެތައް ބަޔަކަށް ފެނިގެން ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލޭގައި ހަތް ގަޑިއިރުގެ ކާފިއުއެއް ހިންގާ ފިޔަވަޅުތައް އަދިވެސް ހަރުކަށި ކުރަން މަޝްވަރާ ކުރަމުންދާއިރު އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުތައް މި ދަނޑިވަޅުގައި ކުޅޭތީވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތައް ފިނިކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްއިން ބުނީ އިންޑިއާ ކުޅުންތެރިން ރާއްޖެ އަންނާނީ ރައްކާތެރިކަމުގެ ގަދަ ފިޔަވަޅުތަކާއެކު ކަމަށާ އަދި ރާއްޖެ އައިސް ތިބޭ ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައިވާ ކަމަށެވެ.
އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިން ބުނާ ގޮތުންވެސް ޕްރެކްޓިސް އާއި މެޗުތަކަށް ނޫނީ ހޮޓަލުން ބޭރަށް ނުނިކުމެވޭނެ އެވެ. އަދި އެކަން ކުރަން ޖެހޭނީވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ކޮވިޑް ޖެހި އެތައް ސަތޭކަ ބަޔަކު މަރުވަމުންދާއިރު އިންޑިއާއިން މީހުން އެތެރެވުން ގިނަ ގައުމުތަކުން ވަނީ ހުއްޓުވާފައެވެ.