ހަބަރު

އެފްއޭމްގެ މައްސަލަ ދިރާސާކުރަން މަޖިލީހުން ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ މަޖިލީހުން ދިރާސާކުރުމަށް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ދިރާސާކުރަން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ މަޖިލީހުން ދިރާސާ ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން މައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އެ އެސޯސިއޭޝަނާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއް ގޮތަށް މަހަކު އެއް ފަހަރު ހިންގާ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި ކޮމިޓީގައި ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވާފައި ނުވާ ކަމަށެވެ. ގަވާއިދުގައި ބުނާ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް ވެސް އެފްއޭއެމް އިން އުފައްދާފައިވާ ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި އެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނުތަކާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާއިރު ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ މައްސަލަ ދިރާސާކުރަން މަޖިލީހުން ފާސްކުރިއިރު، ޔޫތު މިނިސްޓަރު ކަމާ މަހުލޫފު ހަވާލުވެވަޑައިގެންނެވި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލަށް ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމަކު އެފްއޭއެމަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން އެ މަސައްކަތް ހުއްޓާލި އެވެ.