އެފްއޭއެމްގެ އިންތިހާބު ހުއްޓުވަން ރައްޔިތުންގެ މަޖިލީހުން އެންގުމަކީ ހަޑި ކަމެއް ކަމެއްގެ ގޮތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ސިފަ ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ހުއްޓުވަން އެންގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިނިސްޓަރު މަހްލޫފަށް އަންގާފަ އެވެ. އެފްއޭއެމްގެ ރައީސް ކަން ކުރިން ކުރެއްވި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް އަންގާފައި ވަނީ، އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ އެ މައްސަލަ ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަށް އެންގުމަށެވެ.
މަޖިލީހުން އެގޮތަށް އެންގުމުން ސްޕޯޓްސް މިނިސްޓްރީން ވަނީ އެދުވަހުގެ އިންތިހާބު ފަސް ކުރަން އެފްއޭއެމް އަށް އަންގާފަ އެވެ.
މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން އެންގުމަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އެންގީ މަޖިލީހުން އެގޮތަށް އެދުމުން ކަމަށެވެ.
"އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސް ކޮށްދޭން އެދުމަކީ، ކުޅިވަރާ ބެހޭ ގާނޫނު އަޅުގަނޑަށް ލިބޭ ބާރެއް ނޫން އެއީކީ،" މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މަހްލޫފް މިއަދު ވިދާޅުވި އެވެ. "އެކަންވެސް އަޅުގަނޑު ކުރިން."
މަހްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރާއި ކޮމިޝަނާ އޮފް ސްޕޯޓްސް، އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން އެދުމަށް ވުރެ ކުލަބުތަކުން އެކަމަށް އެދުނުނަމަ މާ ބާރުގަދަވީސް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަށް ފުޓްބޯޅަ ވާއިރު އެ ކުޅިވަރުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ ކަމެއް ސަރުކާރާއި މަޖިލީހުން މެދުވެރިގެން ނުކުރުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އެދުވަހު އެތަނަށް ފުލުހުން ފޮނުވައިގެން ހުއްޓުވިނަމަ އަޅުގަނޑަށް ޔަގީން ރާއްޖެ ސަސްޕެންޑް ކުރާނެކަން،" މަހްލޫފް ވިދާޅުވި އެވެ. "ސަސްޕެންޑް ކުރީމަ އެއަކުން ނުކުންނާނެ ނަތީޖާއެއް ނެތޭ، އަޅުގަނޑު މިކަން ވަރަށް ރަނގަޅަށް ބަލާފަ މި ދަންނަވަނީ."
އެގޮތުން މިނިސްޓަރު މިސާލެއްގެ ގޮތުގައި ދެއްކީ، ޕެރޫ އާއި ޕާކިސްތާން ސަރުކާރުން އެ ގައުމުތަކުގެ ފުޓްބޯޅަ ފެޑްރޭޝަންގެ ލީޑާޝިޕާމެދު އަމަލު ކުރުމުން އެ ގައުމުތައް ސަސްޕެންޑް ކުރި ކުރުމެވެ.
މަހްލޫފް ވިދާޅުވީ ހަތަރު މަސް ކުރިން އިއުލާން ކުރި އިންތިހާބެއްގައި ވާދަ ކުރާނެ ދެ ވަނަ ކެނޑިޑޭޓަކު ނެތް އިރު މަޖިލިހުން މިނިސްޓަރު ކައިރިގައި އިންތިހާބު ފަސް ކުރަން އެދުމުން ކަންބޮޑުވި ކަމަށެވެ.
"މީގެ ހަތަރު މަސް ކުރިން އިލެކްޝަނަކަށް ގޮވާލީމަ ވާދަ ކުރާނެ އެއްވެސް މީހަކު ކުރިމަތި ނުލައި ބޮޑު ގާނޫނީ ސަރުކާރެއް ކައިރީގައި އެތާ ހުރި މިނިސްޓަރު ކައިރީގައި އިންތިހާބު ހުއްޓުވާށޭ ބުނީމަ އެއީ ރީތި ކަމެއް ނޫން އެނގޭތޯ." އިޖުތިމާއީ ކޮމިޓީގެ މެންބަރުންނާ މުހާތަބު ކުރައްވައި ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނެއްގެ ތެރެއަށް ސަރުކާރުން ވަދެގެން އެއްވެސް ހައްލެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"ވޮލީބޯޅަ އެސޯސިއޭޝަނެއްގެ ކަންތަކުގައިވެސް އިލެކްޝަނެއްގެ ކަންތަކާ އަޅުގަނޑުމެން ވަނީ، މިއަދާ ހަމައަށްވެސް އަދިވެސް ހައްލެއް ނުނެރެވޭ، މިހާރު ގާތްގަނޑަކަށް އަހަރެންވާން މިދަނީ ވޮލީބޯޅަ އެސޯސިއޭޝަން ހިންގާނެ ބޮޑީއެއް ނެތި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް ދިނީމަ އަޅުގަނޑު ފުރައިގެން [ސްވިޒަލޭންޑް ގެ] ލުޒާން އަށް ގޮސް އެފްއައިވީބީގެ ރައީސް ކައިރިން އާދޭސް ކުރީމަ ކޮމިޓީއެއް ހަދައިދިނީ، އެ ކޮމިޓީގައި މަސައްކަތް ކޮށްކޮށް އެތިބެނީ (ހައްލެއް ނުފެނޭ)."
އޭނާ ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕް މިހާރު ބަދަލު ކުރަން ބޭނުންވާނަމަ، އެ ފުރުސަތު ކުލަބުތަކަށް އެބައޮތް ކަމަށާއި ކުލަބުތައް ބޭނުން ނަމަ މިހާރުވެސް ނޯކޮންފިޑެންސް ވޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރަކުން އެކަމުގައި އަތްލާނެ އެއްވެސް ފުރުސަތެއް އެފިލިއޭޓް ވެފައިވާ އިންޓަނޭޝަނަލް ފެޑްރޭޝަންތަކުން ނުދޭނެކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.