ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއް ގޮތަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލޅީ އާޒިމް އެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް، އަލީ އާޒިމް މިފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، ޔޫތު މިނިސްޓަރު ކަމާ އަހުމަދު މަހްލޫފު ހަވާލުވެވަޑައިގެންނެވި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލަށް ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް އެފްއޭއެމްއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން މިނިސްޓްރީން އެ މަސައްކަތް ހުއްޓާލި އެވެ.
އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސް، އާޒިމް ހުށަހެޅުއްވި މައްސަލާގައިވާ ގޮތުން، އެ މައްސަލައަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި އުޅޭ ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެފްއޭއެމްގެ ގާނޫނީ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރަމުން ނުދާތީ، މިހާތަނަށްވުރެ ބޮޑަށް އެ އެސޯސިއޭޝަނަށް ސަމާލުކަން ދިނުމަށް ހުށަހަޅާ މައްސަލައެއް ކަމަށެވެ.
އާޒިމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވާ ގޮތުން ނޮވެމްބަރު 16، 2016 ގައި އިންތިހާބުވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އެފްއޭއެމް ހިންގަމުން ދަނީ އެ އެސޯސިއޭޝަންގެ ގަވާއިދާ ރާއްޖޭގެ ކުޅިވަރު ގާނޫނާ ހިލާފަށް ކަމަށް ދެކޭ ކަމަށެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން އެ ކޮމިޓީއަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތަކުން ވަނީ އެކި ދުވަސްވަރު މަތިން އިސްތިއުފާ ދީފައިވާ ކަމަށެވެ. އެ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަން ވާނެ ކަމަށާއި އެ ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ އެ މަގާމަސް 30 ދުވަހުގެ ތެރޭގައި އިންތިހާބު ކުރަން ވާނެ ކަމަށް ވެސް އެ މައްސަލާގައި ބުނެފަ އެވެ.
މީގެ އިތުރުން އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށް އާޒިމްގެ މައްސަލާގައި ބުނެފައިވެ އެވެ. އެފްއެމްއޭމްގެ ހިންގާ ގަވާއިދުގައި ބުނާ އެސޯސިއޭޝަންތައް އުފަންކޮށްފައި ނެތް ކަމަށް ވެސް އާޒިމްގެ މައްސަލާގައި ބުނެފައިވެ އެވެ.
ކުޅިވަރު ގާނޫނުގައި ބުނެފައިވާ ގޮތުގައި ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލު ކުރޭތޯ ފާރަވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަން އެ ކުއްލި މައްސަލާގައިވެ އެވެ.
އެހެންކަމުން އެ ކަންކަން ބެލުމަށް ފަހު، މައްސަލާގައި ބުނެފައި ވަނީ އެފްއޭއެމްގެ ގަވާއިދާއި ކުޅިވަރު ގާނޫނާއި ފީފާގެ ހިންގާ ގަވާއިދާ އެއް ގޮތަށް މިނިސްޓްރީއަށް އެންގުމަށާއި އެ ކަންކަމަށް އަމަލު ކުރުމަށް ފަހު މެނުވީ އެފްއޭމްއެންގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މި ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށެވެ.