ހަބަރު

ފުޓުބޯޅަ ސަލާމަތް ކުރަން މަޖިލީސް މަސައްކަތް ކުރަން ޖެހޭ: މޮސްޓާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ކަމަށާއި، އެ ކަންކަން ބަލައި ފުޓުބޯޅަ ސަލާމަތް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭނެ ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު، ނިއު ރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ނިއު ރޭޑިއަންޓް އުވާލަން ބޭނުންވެގެން ކަމަށާއި އެ ކަން ކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކުގެ އިތުރުން އެފްއޭއެމްގެ އަސާސީ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.

"ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރަން ވެގެން، ނިއު ރޭޑިއަންޓް އުވާލަން ވެގެން، ދިވެހި ފުޓުބޯޅައިން ނިއު ރޭޑިއަންޓްގެ ނަން ފުހެލަން ވެގެން ކުރަމުންދާ މަސައްކަތަށް [އެފްއޭއެމްގެ ރައީސް] ބައްސާމް އެއްބާރުލުންދީގެން، [އޮލިމްޕިކް ކޮމިޓީގެ ރައީސް] ސަވީދާ ގުޅިގެން އެ ކުރާ ކަންތައްތައް ހުއްޓާލަން އެބަ ޖެހޭ." މޮސްޓާ ވިދާޅުވި އެވެ.

ފުޓުބޯޅަ ކްލަބްތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ސަރުކާރުން ކޮށްދީފައިވާ ކަންކަމުގެ މިސާލުތައް ނަންގަވައި، ދިވެހި ސަރުކާރުން ނިއު ރޭޑިއަންޓާއި ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ނުކުރެވެނީ ކީއްވެގެންތޯ މޮސްޓާ ސުވާލު ކުރެއްވި އެވެ.

ނިއު ރޭޑިއަންޓްއާއި ފުޓުބޯޅަ ކްލަބްތައް ސަލާމަތް ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އޭނާ ގޮވާލެއްވި އެވެ. އެ ދެ ބޭފުޅުންނަކީ ވެސް ނިއު ރޭޑިއަންޓްގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

"އަޅުގަނޑު އާދޭސްކޮށްގެން މި ދަންނަވަނީ ނިއު ރޭޑިއަންޓް ކޮޅަށް ޖަހައިދޭން މަސައްކަތް ކޮށްދޭން. އެފްއޭއެމް ސަލާމަތްކޮށްދޭށޭ، ދިވެހި ފުޓުބޯޅަ ސަލާމަތްކޮށްދޭށޭ. ރައްޔިތުންގެ މަޖިލީހުން ވެސް އެފްއޭއެމްގެ ތެރެއިން ހިނގާ ކަންކަން ހުއްޓުވައިދޭށޭ. ދިވެހި ފުޓުބޯޅަ ކުރިން އޮތް މިސްރާބަށް ގެންގޮސްދޭށޭ،" މޮސްޓާ ވިދާޅުވި އެވެ.

މޮސްޓާ ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ. ޔޫތު މިނިސްޓްރީއަށް ނިއު ރޭޑިއަންޓްގެ ޗެއާމަން ވެސް ނޭނގޭ ކަމަށް ޗެއާމަން މޮސްޓާ ވިދާޅުވި އެވެ. މިނިސްޓްރީން ނެރުނު ލިއުމެއްގައި ވެސް މޮސްޓާގެ ނަމުގެ ބަދަލުގައި އެހެން މީހެއްގެ ނަން އޮތް ކަމަށެވެ.

"ޔޫތު މިނިސްޓްރީން ނެރެފައިވާ ލިއުމުގައި ނިއު ރޭޑިއަންޓްގެ ޗެއާމަނަކީ ޒިޔާދު ކިޔާ މީހެއް ކަމަށް އިނީ، އެކަމަކު އަޅުގަނޑު އަތުގަ މި އޮތީ ރާއްޖޭގެ ސަރުކާރުން އެގާރަ ފަންލީ ރުކުގެ ނިޝާނެއް ޖަހާފަ ދީފަ އޮތް ލިއުމެއް، މި ލިއުމުގައި އިނީ ހދ. ނޮޅިވަރަންފަރު ފަޒާ މުހައްމަދު ނަޝީދު އަބްދުﷲ،" މޮސްޓާ ވިދާޅުވި އެވެ.

އަލީ އާޒިމް މިފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، ޔޫތު މިނިސްޓަރު ކަމާ މަހްލޫފު ހަވާލުވެވަޑައިގެންނެވި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލަށް ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް އެފްއޭއެމްއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން މިނިސްޓްރީން އެ މަސައްކަތް ހުއްޓާލި އެވެ.