ރައްޔިތުންގެ މަޖިލިސް

ރައީސާއި ނައިބު ވަކިކުރެވޭ މާއްދާއަށް އިސްލާހުތަކެއް

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މިއިސްލާހު ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މިއިސްލާހުތައް މަޖިލީހުގައި ގަވައިދުގައި ހިމެނިގެން ދާނީ މަޖިލީހުގެ ތަޅުމުން އިސްލާހުތައް ފާސްވުމުންނެވެ.

އާޒިމު އިސްލާހު ހުށަހެޅުއްވީ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިނަމަ އެ މަރުހަލާތައް ގެންދާނެ ގޮތްތަކަށް އަދި ބައެއް ވަގުތުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.

ކޮމިޓީން ފާސްކުރި އިސްލާހުތައް

  • ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
  • ނޯޓިސް ދިން ދުވަހުން ފެށިގެން 14 ދުވަސް ބެލުމަށްފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
  • މިފަދަ ގަރާރެއްގެ ބަހުސް ތިން ގަޑިއިރަށް ވުރެ އިތުރު ނުކުރުން
  • ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ދިނުން
  • ވަކީލުންނާ އެކު ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާނަމަ ގިނަވެގެން ތިން ވަކީލުންނަށް ފުރުސަތު ދިނުން
  • މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން އެ ޖަލްސާގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ އެ މައްސަލަ ދިރާސާކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި މައްސަލަ ކޮމިޓީއަށް ފޮނުވުން

މަޖިލިސް ގަވައިދު މިހާރު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރަށް ބަހުސްކުރެވޭނީ ގިނަވެގެން ދެ ގަޑިއިރަށެވެ. މިފަދަ މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދަން މެންބަރުން ނިންމައިފިނަމަ އެ މައްސަލައެއް ދިރާސާ ކުރާ 11 މެންބަރުންގެ ކޮމިޓީގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލް ވާން ޖެހޭނެ މަޖިލިސް ގަވައިދުގައި މިހާރު އޮވެ އެވެ. ނަމަވެސް އާޒިމު ހުށަހެޅުއްވި އިސްލާހުގައި އެގޮތަށް ލާޒިމުކޮށްފައެއް ނުވެ އެެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު މިހާރު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށްވެސް އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅާފަ އެވެ.

މިއިސްލާހު ފާސްވެއްޖެނަމަ އެހެން ޕާޓީއެއްގެ އެހީތެރިކަަމަކާ ނުލައި އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. ޝިފާއު ހުށަހެޅި ގޮތަށް އިސްލާހު ފާސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތުވެސް 56 މެންބަރުން އެބަތިއްބެވި އެވެ.