ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް މިއަދު

ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް މިއަދު ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ފީފާއިން ބުނެފި އެވެ.

އެއްވެސް ފަރާތަކުން އެފްއޭއެމް މަސައްކަތްތަކަށާއި އިންތިހާބަށް ނުފޫޒު ފޯރުވާނަމަ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ ސަމާލުކަން ގެނައުމަށް ފީފާއިން އެފްއޭއެމް އަށް އިއްޔަ ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި މިއަދު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ބާއްވާނެ އެވެ.

ކޮންގްރެސް ބާއްވާނެ ތާރީހަކާ މެދު އެފްއޭއެމުން މިހާތަނަށް ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައި ވަނީ މިދިޔަ މަހު 20 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އެޗްޕީއޭގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން އެފްއޭއެމުން ބުނީ ޖުލައި މަހަށް އިންތިހާބު ފަސް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ މާރިޗް މަހު 20 ވަނަ ދުވަހު އެވެ. އެދުވަހު ކޮންގްރެސް އަށް މީޑިއާ އަށް ދައުވަތު ދިން ފަހުން، އިންތިހާބު ނުބާއްވަން ނިންމީ އެޗްޕީއޭގެ އެދުމުގެ މަތިންނެވެ.

ދައުރު ހަމަވާން އަށް މަސް ބާކީ އޮއްވައި އެފްއޭއެމްގެ އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން ނިންމީ، އަވަސް އިންތިހާބެއް ބޭއްވުމާ މެދު ގޮތެއް ނިންމައި ދިނުމަށް އެކްސްކޯއަށް ބައްސާމް ހުށަހެޅުއްވުމުންނެވެ. އެފްއޭއެމްގެ މިހާރު އޮތް އެކްސްކޯގެ ދައުރު ހަމަވާ ތާރީހަކީ ނޮވެމްބަރު 20 އެވެ.

އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން، ކުރިމތި ލެއްވީ ބައްސާމް އެކަންޏެވެ. އޭނާ އިންތިހާބަށް ކުރިމަތި ލެއްވީ ނުވަ ކުލަބުގެ އެންޑޯޒްމެންޓާއެކު އެވެ. ފުރަތަމަ ޑިވިޝަނުން އޭނާ އަށް އެންޑޯޒްމެންޓް ދިނީ މާޒިޔާ، އީގަލްސް، ޓީސީ، ކުލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓަރީ އެވެ. މިދިޔަ ސީޒަންގައި ދެ ވަނަ ޑިވިޝަންގައި ވާދަ ކުރި ނަމަވެސް މިހާރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވާ ދެ ޓީމު ކަމަށްވާ ކުލަބު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު އަދި ކުލަބު ޕީކޭ ވެސް ވަނީ ބައްސާމަށް އެންޑޯޒްމެންޓް ދީފަ އެވެ.

ބައްސާމްގެ އެކްސްކޯ

ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ނައިބު ރައީސުންނަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ކުރީގެ ފޯވަޑް އަލީ އުމަރާއި މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރުގެ ނައިބު ރައީސް އަހްމަދު ޝަކީބު، މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.