އެފްއޭއެމް

އެފްއޭއެމްއަށް ޖެނެރަލް ސެކްރެޓަރީއަކު ހޯދަނީ

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)އަށް ދާއިމީ ޖެނެރަލް ސެކްރެޓަރީއަކު ހޯދަން އިއުލާންކޮށްފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދަން އެ އެސޯސިއޭޝަން ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީން އިއުލާންކޮށްފައިވަނީ އެ މަގާމަށް ޝައުގުވެރިވާ އެންމެންގެ ތެރެއިން އެކަމަށް ގާބިލު ކެންޑިޑޭޓެއް ނެގުމަށް ފީފާ އިން ލަފާދިނުމުންނެވެ.

މަގާމަށް މީހަކު އައްޔަންކުރަންދެން އެ މަގާމު ފުރުއްވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައިވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

އެފްއޭއެމް އިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން މި މަގާމަށް ކުރިމަތިލެވޭނީ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށެވެ. މީގެތެރޭގައި ކުޅިވަރުގެ ދާއިރާއިން ތަޖުރިބާ ހުރި މީހުންނަށް އިސްކަމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން މި މަގާމަށް ކުރިމަތިލާ މީހަކީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ އިވެންޓްތަކާއި، ބަޖެޓް މެނޭޖްމަންޓުގެ އިތުރުން ސްޓްރެޓީޖިކް ޕްލޭނިން އިން ތަޖުރިބާ ހުރި މީހަކަށްވެސް ވާންޖެހެ އެވެ. ފީފާ، އޭއެފްސީ ނުވަތަ ގައުމީ އެސޯސިއޭޝަންތަކުގައި ނުވަތަ ކްލަބްތަކާ ގުޅިގެން މީގެކުރިން މަސައްކަތްކޮށްފައިވާ މީހަކަށް އިސްކަންދޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

އިއުލާނުގައި ބުނީ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޓެސްޓުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓުތަކުގެ އިތުރުން އައިޑީ ކާޑު ކޮޕީއާއި، ތަޖުރިބާގެ ލިޔުންތަކާއި، ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރިފަރެންސް ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ޖައިޝަން ހުންނަވާތީ ބައެއް މީހުން އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އެއީ އެފްއޭއެމްގެ ތެރޭގައި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގިއިރު އޭނާވެސް މަގާމުގައި ހުންނެވުމާ ގުޅިގެން އާންމުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމެކެވެ.