ހަބަރު

ބައްސާމަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް ހޯމަ ދުވަހު މެންދުރުފަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ބައްސާމްއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތް ބަލަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އެވެ.

މި މައްސަލަ ފެށުމުގެ ކުރިން ބައްސާމްގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު މެންދުރުފަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މައްސަލައިގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން މުރާޖައާކުރުން އޮންނާނެ އެވެ.

އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދައުވާއެއް ބައްސާމްގެ މައްޗަށް ވަނީ ހުށަހަޅާފަ އެވެ.

ބައްސާމްއާ ދެކޮޅަށް ހުށަހަޅާފައިވަނީ ހިޔާނަތްތެރިވުމުގެ ދައުވާއަކާ މަނީ ލޯންޑްރިންގެ ދައުވާ އެކެވެ.

ޕީޖީ އޮފީހުން ކުރިން ބުނި ގޮތުގައި ބައްސާމް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން އެފްއޭއެމްއަށް ދެމުން ގެންދިޔަ ފައިސާއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ. އެގޮތުން އެފްއޭއެމްއަށް ޑޮލަރުން ލިބުނު ފައިސާގެ ތެރެއިން އެ އިދާރާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 ޑޮލަރު ޖަމާކޮށްފައިވެ އެވެ.

މި ފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. މިކުށް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ބައްސާމްއާ ދެކޮޅަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ ދައުވާއަކީ ފީފާއިން ޖަމާކުރި ފައިސާ ލޯންޑާ ކޮށްފައިވާތީ ކޮށްފައިވާ ދައުވާ އެކެވެ. މި ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.