ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފިލައިގެން ގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދައުލަތުން ބުނެ ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ބައްސާމްގެ ޕާސްޕޯޓް، ޝަރީއަތް ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ބައްސާމް ފިލައިގެން ގޮސްފާނެ ކަމުގެ ބިރު އޮތް ކަމަށް ދައުލަތުން ބުނީ، ބައްސާމްއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މިއަދުގެ ޝަރީއަތު ގައެވެ.
މިއަދު އޮތީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުމާމެދު ގޮތެއް ނިންމުމެވެ. ބައްސާމްގެ ޕާސްޕޯޓް ކުރިން އޮތީ ހަ މަސް ދުވަހަށް ހިފަހައްޓާފައެވެ. އެ މުއްދަތު ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭގައި ހަމަވާނެ އެވެ. އެހެން އެކަން އޮއްވާ، ދައުލަތުން މިއަދު އެދުނީ މައްސަލަ ނިމެންދެން ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. އަދި ޝަރީއަތުން މިއަދު ވަނީ ދައުލަތުން އެދުނު ގޮތަށް ބައްސާމްގެ ޕާސްޕޯޓް، މައްސަލަ ނިމެންދެން ހިފެއްޓުމަށް ނިންމާފަ އެވެ.
ބައްސާމް ފިލައިގެން ދާން އުޅޭނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ދައުލަތުން މިއަދު ބުންޏެވެ. އެހެންނަމަވެސް އެ އިންޓެލިޖެންސް މައުލޫމާތު ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވާ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ އެކަމަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.
ދައުލަތުގެ ފަރާތުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް ބައްސާމްގެ ފަރާތުން އޭނާގެ ވަކީލް ވިދާޅުވީ ބައްސާމް ފިލައިގެން ދާން ނޫޅޭ ކަމަށެވެ. އަދި ބައްސާމަކީ ފިލައިގެން ދާނެ މީހެއް ނޫން ކަމަށް، ބައްސާމްވެސް ހާޒިރުވެ އިން ޝަރީއަތުގައި ވަކީލް ވިދާޅުވި އެވެ.
އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދައުވާއެއް ބައްސާމްގެ މައްޗަށް ވަނީ ހުށަހަޅާފަ އެވެ.
ޕީޖީ އޮފީހުން ކުރިން ބުނި ގޮތުގައި ބައްސާމް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން އެފްއޭއެމްއަށް ދެމުން ގެންދިޔަ ފައިސާއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ. އެގޮތުން އެފްއޭއެމްއަށް ޑޮލަރުން ލިބުނު ފައިސާގެ ތެރެއިން އެ އިދާރާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 ޑޮލަރު ޖަމާކޮށްފައިވެ އެވެ.
މި ފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. މިކުށް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ބައްސާމްއާ ދެކޮޅަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގެ ދައުވާއަކީ ފީފާއިން ޖަމާކުރި ފައިސާ ލޯންޑާ ކޮށްފައިވާތީ ކޮށްފައިވާ ދައުވާ އެކެވެ. މި ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބައްސާމަށް ތާއީދު ކުރާ މީހަކު ވަނީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތް ނިންމާލުމަށްފަހު ބައްސާމް ބޭރަށް ނިކުންނެވި ވަގުތު އޭނާގެ ފޮޓޯ ނަގަން އުޅުމުން އަވަސްގެ ފޮޓޯގްރާފަރުގެ ގައިގައި އަތްލާ އިންޒާރުވެސް ދީފަ އެވެ.