ބައްސާމް އަދީލް ޖަލީލް

ބައްސާމަށް ދައުވާކުރަން ފޮނުވައިފި

Feb 1, 2024

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ބައްސާމްގެ މައްޗަށް ވަނީ ހިޔާނާތުގެ ދައުވާ އާއި މާނީ ލޯންޑަރިންގެ ދައުވާކުރުމަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރަން ފީފާގެ ފަރާތުން ދެމުންދިޔަ ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 ޑޮލަރު ޖަމާކުރުމަށް ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާކުރުމަށް ލިޔެ އޮގަސްޓް 26، 2018 ގައި ބޭންކަށް ލިޔުން ހުށަހެޅި ކަމަށެވެ.

ބޭންކް ޗާޖަސްގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށްފަހު 9،999 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ސޭލްސް އޮފް ޑޮލާސް ލިޔެފައިވީ ނަމަވެސް 9،999 ޑޮލަރަށްވާ ދިވެހި ފައިސާ އެއްވެސްއިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށާއި ބައްސާމް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މިކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެ އިތުރުން ބައްސާމްގެ މައްޗަށް ވަނީ މާނީ ލޯންޑަރިންގެ ދައުވާކުރުމަށް ފޮނުވާފަ އެވެ.

އެގޮތުން އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރި 9،999 ޑޮލަރުގެ ތެރެއިން 1،910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް ބައްސާމްގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓަށް ކުލި ދެއްކުމަށް 2،000 ޑޮލަރު ބޭނުންކޮށްފައިވާ ކަމަށާއި އެފްއޭއެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވާ އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.