މޯލްޑިވްސް ޕޮލިސް ސާވިސް

ބައްސާމަށް ވަގުތު ދިނީ އިންސާނީ ކަރާމާތަށްޓަކައި: ޕޮލިސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް އިތުރު މުއްދަތު ދިނީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އިއްޔެގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ބައްސާމްގެ ވަކީލުން ވަނީ އެކަމަށް އިތުރު ވަގުތު ދިނުމަށް ސިޓީއަކުން ފުލުހުންގެ އިދާރާގައި އެދިފަ އެވެ.

ބައްސާމުގެ ސިޓީއާ ގުޅިގެން ފުލުހުން އިއްޔެ ވަނީ އެޕާޓްމަންޓް ހުސްކުރުމަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަގުތު ދީފަ އެވެ.

ފުލުހުން މިއަދު ބުނީ ބައްސާމަށް އިތުރު ވަގުތު ދިނީ ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައިވެސް އިންސާނީ ކަަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިފައިވާތީ ކަމަށެވެ.

ފުލުހުން ބުނީ ބައްސާމުގެ ދެ އެޕާޓްމަންޓަކީ ބޮޑެތި މީހުންނާއި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށް ވާތީ ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަމަށް ބަލާފައިވާނެ ކަމަށެވެ.

އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށްވެސް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.