ބައްސާމް އަދީލް ޖަލީލް

ބައްސާމުގެ އެޕާޓްމަންޓްތަކުގެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ޖެހުމުން، އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައި ނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުން މުރާޖައާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބައްސާމް މިމަހުގެ އަށްވަނަ ދުވަހު ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިމަހުގެ 17ވީ ބުރާސްފަތި ދުވަހު އެވެ. މައްސަލަ ހައިކޯޓަށް ހުށަހެޅީ ފުލުހުންނާ ހަވާލުކުރަން އެންގި އެޕާޓްމަންޓްތައް ހަވާލުކުރުމަށްފަހު އެވެ.

ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ބަލައި ގަންނާނެތޯ ނުވަތަ ނޫންތޯ ފުރަތަމަ މަރުހަލާގައި ނިންމަވާނީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާ ނިންމެވުމާ މެދު މައްސަލަ ހުށަހަޅާ ފަރާތުގެ ކަންބޮޑުވުމެއް އޮތް ނަމަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން މުރާޖައާ ކުރުމުގެ ފުރުސަތު މައްސަލަ ހުށަހަޅާ ފަރާތަށް ގާނޫނީ ގޮތުން އޮވެ އެވެ.

އެ އުސޫލުން މައްސަލަ މުރާޖައާކޮށްދިނުމަށް ބައްސާމް މިހާރު ވަނީ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހުރި ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ހުސްކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ކޯޓު އަމުރުގައި އޮތީ ހަ ދުވަސް ތެރޭގައި ތަން ހުސްކުރަން ކަމަށްވާތީ ބައްސާމް ވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެ މުއްދަތު އިތުރުކޮށްދިނުމަށް ފުރަތަމަ އެދިފަ އެވެ.

އެހެންވެ ފުލުހުން ވަނީ އެ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ވަގުތު ދީފަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހާލަތްތަކެއް ބަޔާންކޮށް މިމަހުގެ ހަތަރު ވަނަ ދުވަހު ބައްސާމު ވަނީ މުއްދަތު އިތުރުކޮށްދިނުމަށް ދެވަނަ ފަހަރަށްވެސް ފުލުހުންގެ އިދާރާގައި އެދިފަ އެވެ. އެހެންވެ ފުލުހުން މިމަހުގެ އަށްވަނަ ދުވަހު ހެނދުނު މީޑިއާއަށް އެންމެ ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނީ ބައްސާމު ފޮނުވި ސިޓީގައިވާ ހާލަތްތަކަށް ބެލުމަށްފަހު މިހިނގާ އޮކްޓޫބަރުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން އޭނާއަށް ވަގުތު ދީފައިވާ ކަމަށެވެ.

އެކަމަކު ފުލުހުން މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ފަހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން މީގެކުރިން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށްވެސް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.