ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ޖެހުމުން، އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައި ނުގަންނަން ރަޖިސްޓްރާ ނިންމަވައިފި އެވެ.
ހުޅުމާލޭ ކޯޓުގެ އަމުރަކާއެކު އެކު ބައްސާމްގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކޮށްފައިވާކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ފުލުހުންނާ އެޕާޓްމަންޓް ހަވާލުކުރުމަށްފަހު އެވެ.
މި މައްސަލަ މި މަހުގެ އަށްވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވާފަ އެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ހައިކޯޓަށް މައްސަލަ ބަލައި ގަންނާނެތޯ ނުވަތަ ނޫންތޯ ފުރަތަމަ ނިންމަވާނީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. އެކަމަކު ރަޖިސްޓްރާ ނިންމާ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން މުރާޖައާ ކުރެވޭނެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހުރި ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ހުސްކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ކޯޓު އަމުރުގައި އޮތީ ހަ ދުވަސް ތެރޭގައި ތަން ހުސްކުރަން ކަމަށްވާތީ ބައްސާމް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ މުއްދަތު އިތުރުކޮށްދިނުމަށް ފުރަތަމަ އެދިފަ އެވެ.
އެހެންވެ ފުލުހުން ވަނީ އެ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ވަގުތު ދީފަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހާލަތްތަކެއް ބަޔާންކޮށް މިމަހުގެ ހަތަރު ވަނަ ދުވަހު ބައްސާމު ވަނީ މުއްދަތު އިތުރުކޮށްދިނުމަށް ދެވަނަ ފަހަރަށްވެސް ފުލުހުންގެ އިދާރާގައި އެދިފަ އެވެ. ފުލުހުން މިމަހުގެ އަށްވަނަ ދުވަހު ހެނދުނު މީޑިއާއަށް އެންމެ ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނީ ބައްސާމު ފޮނުވި ސިޓީގައިވާ ހާލަތްތަކަށް ބެލުމަށްފަހު މިމަހުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން އޭނާއަށް ވަގުތު ދީފައިވާ ކަމަށެވެ.
އެކަމަކު ފުލުހުން މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ފަހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން މީގެކުރިން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށްވެސް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.