ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފީފާގެ ކޮންގްރެސްއަށް ރަޖިސްޓާކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައި ވަނިކޮށް ފީފާ އާއި އޭއެފްސީގެ ކޮންގްރެސްގައި ބައިވެރިވުމަށް ބައްސާމްގެ ނަން ރަޖިސްޓާކޮށްފި އެވެ.

ފީފާގެ ކުރިއަށް އޮތް ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކް ގައެވެ. ފީފާގެ ކޮންގްރެސްގެ ކުރިން އަންނަ ބުރާސްފަތި ދުވަހު އޭއެފްސީގެ ކޮންގްރެސް ވެސް ތައިލެންޑްގައި އޮންނާނެ އެވެ.

ރާއްޖޭގެ ފަރާތުން މި ދެ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓާކޮށްފައިވަނީ ބައްސާމްގެ އިތުރުން އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރާއި ސެކްރެޓަރީ ޖެނަރަލް މުހައްމަދު ޖައުޝަން ޝަރީފް އެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ގަތަރުގައި އޮތް އޭއެފްސީގެ ބައްދަލުވުމަކަށް ދިއުމަށްވެސް މީގެކުރިން ޕާސްޕޯޓް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ބައްސާމް އެދިފައިވެ އެވެ. ނަމަވެސް ކޯޓުން އޭރު ނިންމީ ޕާސްޕޯޓް ދޫނުކުރުމަށެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ހިޔާނާތާއި ފަސާދައިގެ އަމަލުތަކަކާ ގުޅިގެން ބައްސާމްގެ ޕާސްޕޯޓް ހަމަސް ދުވަހަށް ހިފެހެއްޓީ ފުލުހުން އެދިގެންނެވެ. އެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ދައުލަތުން މިހާރު ވަނީ ހިޔާނާތުގެ ދައުވާ އާއި މާނީ ލޯންޑަރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް އުފުލާފަ އެވެ.