އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރުމަށް ނަން ހުށަހެޅި އަހްމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބަލައިނުގަތުމުން އެ މައްސަލަ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ފީއާއި އޭއެފްސީއަށް ހުށަހެޅުމުގެ ކުރިން ތޯރިގު ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގެން މައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ. ނަމަވެސް އިސްތިއުނާފް ކޮމިޓީ އެކުލަވާލާފައި ނެތް ކަމަށްވެސް ޓޮމްގެ ޓީމުން ބުނެ އެވެ. އެހެންވެ އޭނާ އިސްތިއުނާފް ކުރި މައްސަލަ ކުރިއަށް ނުދާ ކަމަށް ޓޮމް ބުނެ އެވެ.
ފީފާ އާއި އޭއެފްސީއަށް ތޯރިގު ހުށަހެޅި މައްސަލައިގައި އޭނާގެ ކެންޑިޑެސީ ބަލައިނުގެން މައްސަލައިގެ އިތުރުން އެފްއޭއެމްގެ ތެރޭގައި މިވަގުތު ހުރި ގިނަ މައްސަލަތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ތޯރިގު ހުށަހެޅި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެފްއޭއެމްގެ އިންތިހާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ ގޮތަށް އިލެކްޓޯރަލް އެޕީލް ކޮމިޓީ ނުވަތަ އިސްތިއުނާފް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް މައްސަލަ އެވެ. އެހެންވެ އެފްއޭއެމްގެ އަސާސީ ގަވާއިދާއި، އިންތިހާބީ ގަވާއިދާ ހިލާފަށް އެކުލަވާލާފައިވާ އެއްވެސް ކޮމިޓީއަކުން އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނުނިންމޭނެ ކަމަށް ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ކްލަބް ވެލެންސިއާ އިން ދީފައިވާ އެއްވެސް ސިޓީއެއް ބަލައިނުގަތުމަށް އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން މިމަހުގެ 10 ވަނަ ދުވަހު ނިންމުމާ އެކު އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި އެއް ކެންޑިޑޭޓް -- އަހްމަދު ތޯރިގު (ޓޮމް)އަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ތިން ޓީމެއްގެ ތާއީދު ސިޓީ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅަންޖެހެ އެވެ.
އިންތިހާބުގައި ވާދަކުރަން ތޯރިގު ހުށަހަޅާފައިވަނީ ވެލެންސިއާގެ ސިޓީއާ އެކު ތިން ސިޓީ އެވެ. ވެލެންސިއާގެ ސިޓީ ބަލައިނުގަތުމުން ތޯރިގު އަތުގައި މިހާރު އޮތީ ދެ ސިޓީ އެވެ. އެއީ ޓީސީ އާއި މާޒިޔާގެ ސިޓީ އެވެ.
ތޯރިގުއާ ވާދަކުރަން ފޯމު ހުށަހެޅި ހަމައެކަނި ކެންޑިޑޭޓް ކްލަބް އީގަލްސްގެ ވައިސް ޗެއާމަން -- މުފާވިޒް ހާޝިމް (މުފާ)ގެ އަތުގައި ވެލެންސިއާގެ ސިޓީއާ އެކު ޖުމްލަ ހަ ސިޓީ އޮތެވެ. އެހެންކަމުން ވެލެންސިއާގެ ސިޓީ ބަލައިނުގަތުމަށް އިލެކްޓޯރަލް ކޮމިޓީން ނިންމި ނަމަވެސް މުފާގެ ކެންޑިޑެސީ ބާތިލެއް ނުވެ އެވެ. މުފާއަށް ތާއީދު ސިޓީ ދީފައިވަނީ އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ކްލަބް ގްރީން ސްޓްރީޓްސް، ބުރު ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
ވެލެންސިއާގެ ސިޓީއާ މެދު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ގޮތެއް ނިންމީ އެ ސިޓީއާ މެދު އަމަލުކުރާނެ ގޮތުގެ ލަފާ އޭއެފްސީ އިން ހޯދުމަށްފަހު އެވެ.
އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެ އިދާރާ އިން ނިންމާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް އެފްއޭއެމްގައި ހުރި މައްސަލަތަކަކާއި މިހާރު ފެންމަތިވެގެން އުޅޭ ވެލެންސިއާގެ ޗެއާމަންގެ މައްސަލައިގައި ގޮތްތަތަކެއް ނިންމަންދެން އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވަނީ އެފްއޭއެމް އަށް އަންގާފަ އެވެ.