އެފްއޭއެމް

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅައިފި

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް 10 ކުލަބަކުން ހުށަހަޅައިފި އެވެ.

ކޮންގްރެސްއެއް ބޭއްވުމަށް ހުށަހެޅި 10 ކްލަބުގެ ތެރޭގައި އިސްކޮށް އުޅެނީ ފުރަތަމަ ޑިވިޝަންގައި މިހާރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ސްޕޯޓްސް އެވެ.

މިލިސްޓްގައި އިތުރަށް ހިމެނޭ ކްލަބް ތަކަކީ ޓީސީ ސްޕޯޓްސް ކުލަބް، ދަ ގްރޭންޑޭ ސްޕޯޓްސް ކުލަބް، ކުލަބް ވެލެންސިއާ، ބީޖީ ސްޕޯޓްސް، ކުޑަ ހެންވޭރު ޔުނައިޓެޑު، މަހިބަދޫ ސްޕޯޓްސް ކުލަބް، ޓެންޓް ސްޕޯޓްސް ކުލަބް، ސީބީއެލް ސްޕޯޓްސް އަދި އެލްޓީ ސްޕޯޓްސް ކުލަބް އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހެޅީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިސް ނަގައިގެންނެވެ. މާޒިޔާ އަކީ ކުރިއަށް އޮތް އެެފްއޭއެމްގެ އިންތިޚާބުގައި، އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއިދު ކުރާ ކުލަބެކެވެ.

ކްލަބްތަކުގެ ތަކުގެ ފަރާތުން މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ސޮއިކުރައްވާފައިވާ ސިޓީގައި ވަނީ މިވަގުތު އެފްއޭއެމްގެ ތެރޭގައި ހުރި މައްސަލަތައް ހިމަނާފަ އެވެ. މީގެތެރޭގައި އެފްއޭއެމްގެ ބައެއް މަގާމުތަކުގައި ތިބެންޖެހޭ ބައެއް ބޭފުޅުން ނެތުމާއި، އެފްއޭއެމްގެ ތެރޭގައި އޮންނަންޖެހޭ ބައެއް ކޮމިޓީތައް ނެތުމާއި އަދި ބައެއް ކޮމިޓީތަކުގެ ސައްހަކަން ނެތުންވެސް ފާހަގަކޮށްފައިވެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުންނަމަ ވަކި އަދަދަކަށް ކްލަބްތަކުން ސޮއިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފިނަމަ 14 ދުވަސް ތެރޭގައި ކޮންގްރެސް ބާއްވަން މަޖުބޫރުވާނެ އެވެ. އެފްއޭއެމް އިން އެކަން ނުކޮށްފިނަމަ ފީފާ އަދި އޭއެފްސީގެ ބެލުމުގެ ދަށުން ކުލަބުތަކުން އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތުވެސް އޮވެ އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އިސްކޮށް މަސައްކަތް ކުރާ މާޒިޔާ އަކީ އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ކުރިމަތިލި އަހްމަދު ތޯރިގު (ޓޮމް)އަށް ތާއީދު ސިޓީ ދިން ކްލަބެކެވެ. ނަމަވެސް އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ ތޯރިގުގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ.