ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީކުރުމަށް ހާއްސަ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.
މި މައުލޫމާތު ހާމަކުރެއްވީ އެފްއޭއެމް ހިންގުމަށް ފީފާ އިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީންނެވެ.
ދެކުނު ކޮރެއާގައި ބޭއްވި އޭޝިއާ ފުޓްބޯޅަ ވެރިންގެ ބައްދަލުވުމުގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު އަދި އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި އެފްއޭއެމްގެ ހާލަތާ ބެހޭ ގޮތުން ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއާ މަޝްވަރާކުރެވުނެވެ.
ޒުހޫރު ވިދާޅުވި ގޮތުގައި ފީފާއިން އާންމުކޮށް ދޭ ބަޖެޓުގެ އިތުރުން އެފްއޭއެމްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ. މީގެތެރޭގައި އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހުން މަހަށް ފައިސާގެ އެހީއެއް ދިނުން ހިމެނެ އެވެ. މި އެހީ ލިބޭނީ އެފްއޭއެމް މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެންދެންނެވެ.
އަދި ރާއްޖޭގައި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. މި އެކަޑަމީގެ ތެރެއިން ޒުވާން ކުޅުންތެރިން ތަމްރީނުކުރުމާއި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް މަސައްކަތް ފަށާނެ އެވެ.
ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ފުޓްބޯޅަ އެކަޑަމީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމަށް އެދި އެފްއޭއެމް އިން ވަނީ ސަރުކާރަށްވެސް ސިޓީއެއް ފޮނުވާފަ އެވެ. މި މަޝްރޫއަށް ކުރިން ކަނޑައަޅާފައިވާ ބިމުގެ ކުލި ނުދެއްކުމުގެ ސަބަބުން އެޗްޑީސީ އިން ވަނީ އެ ބިން އެފްއޭއެމްގެ އަތުން ނަގާފަ އެވެ. މިހާރު އެ ބިން އަނބުރާ ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސައުދީ އަރަބިއްޔާ، ޖަޕާން އަދި ދެކުނު ކޮރެއާގެ ފުޓްބޯޅަ އިދާރާތަކުގެ ވެރިންނާއެކު ވެސް ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. މި މަޝްވަރާތައް ވަރަށް އުއްމީދީ ކަމަށްވެސް ޒުހޫރު ވިދާޅުވެފައިވެ އެވެ.