ސު ކޫލު ދައުރުއްސުރެ ކުޅިވަރަށް ހިތުގައި އޮންނަނީ ތަފާތު ލޯތްބެކެވެ. ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ. ބާސްކެޓު ބޯޅައިން އޭނާގެ ކުޅިވަރުގެ ހަޔާތް ފެށި އަހްމަދު ސައިފް ނައީމް އަކީ މިއަދު ރާއްޖޭގެ ގައުމީ ހޭންޑް ބޯޅަ ޓީމުގެ ފުރަތަމަ ހަތަކުން ފެންނަ ވަރުގަދަ ކުޅުންތެރިއެކެވެ. ގައުމީ ފެންވަރުގައި ރާއްޖެ ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައިފްގެ އުއްމީދަކީ ގައުމީ ޓީމަށް ވަނައެއް ހޯދައިދީ މެޑަލެއް ކަރުގައި އެޅުވުމެވެ.
އުމުރުން 26 އަހަރުގެ ސައިފް ހޭންޑް ބޯޅަ ކުޅެން ފެށީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރުގެ ބާސްކެޓް ކޯޗު ދިން ފުރުސަތެއްގެ ތެރެއިންނެވެ. ގައުމީ ހޭންޑް ބޯޅަ ޓީމުގެ މެނޭޖަރުންގެ ލޮލުގައި ސައިފްގެ ހުނަރު އަޅައިގަތީ އެ މުބާރާތުންނެވެ.
"ބާސްކެޓް ކުޅެނިކޮށް ހޭންޑްބޯލް ކުޅެލަން އޮފާއެއް ލިބުނީ. އެއީ އޭރުގެ ކޯޗު ދިން އޮފާއެއް. އަލަށް ބައިވެރިވީ ހަމަ ބާސްކެޓް ކުޅުނު ކުދިން ޓީމެއް ހަދާލައިގެން. އެ މުބާރާތުގަ ފައިނަލަށް ގޮއްސަ އެމްއެންޑީއެފް އަތުން އެއް ގޯލުން ބަލިވީ. މުބާރާތް ނިމުނުތަނާ ހޭންޑް ބޯލް ޖޫނިއާ އަންޑާ 21 ޓީމަށް ފުރުސަތެއް ލިބުނީ،" އޭނާގެ ހޭންޑް ބޯޅަ ހަޔާތް ފެށުނު ގޮތް ސައިފް ހިއްސާކުރި އެވެ.
މިހާރު ސައިފް އަކީ ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ސީނިއާ ޓީމުގެ ކުޅުންތެރިއެކެވެ. މީގެއިތުރުން އޭނާއާއި ޓީމުގެ ކުޅުންތެރިން އެކުވެގެން ވަނީ ހޭންޑް ބޯޅައިގެ ރޮނގުން ކުދިން ތަމްރީނުކޮށް ކުރިއަށްދިއުމަށްޓަކައި "ފިއުޗާ ސްޕޯޓް ކްލަބް"ގެ ނަމުގައި އެކަޑެމީއެއް ވެސް އުފައްދާފަ އެވެ. އަދި ސައިފް އަންނަނީ ހޭންޑް ބޯޅަ މުބާރާތްތަކުގައި އެ ކުލަބުގެ ޓީމު ތަމްސީލު ވެސް ކުރަމުންނެވެ.
ދިހަ އަހަރު ދުވަހުގެ ހޭންޑް ބޯޅަ ހަޔާތުގައި ސައިފް ވަނީ ގިނަ އަދަދެއްގެ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގައި ހޮވި ރާއްޖޭގެ ހޭންޑް ބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ތިން ކުޅުންތެރިންގެ ތެރޭގައި ސައިފް ހިމެނެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
ސައިފް ވަނީ 2014 ވަނަ އަހަރު ވައިސް ކެޕްޓަންގެ މަގާމު އަދާކުރުމަށްފަހު، 2016 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި އޮތް ނޭޝަނަލް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ އަންޑާ 21 ޓީމް ތަމްސީލުކޮށް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި ބައިވެރިވާ ކޮންމެ ހޭންޑް ބޯޅަ މުބާރާތަކުން "އަހްމަދު ސައިފް ނައީމް" މި ނަން ވިދާލަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
މިހާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ރޭމްޕް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސައިފް އަކީ ކުޅުންތެރިއެއްގެ އިތުރުން ހޭންޑް ބޯޅައަށް ކުދިން ތަމްރީނުކުރުމުގައި ފާހަގަކޮށްލެވޭ ކޯޗެއް އަދި ރެފްރީ އެކެވެ. މިގޮތުން ސައިފް ވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލުގައި ސްޕޯޓްސް ޓީޗަރެއްގެ ވަޒީފާވެސް އަދާކޮށްފަ އެވެ. އަދި މުބާރާތްތަކުގައި އޭނާ ކޯޗުކަން ކޮށްދީފައިވާ ޓީމުތަކުގެ ތެރޭގައި ރެޑް ހޯކްސް، ކީންސް، އެމްއޭސީއެލް، ކްރިމިނަލް ކޯޓް، ޕީއެސްއެމް، ގިޔާސުއްދީން ސުކޫލް އަދި ކަލާފާނު ސުކޫލުގެ އިތުރުން ހިރިޔާ އަދި މަޖީދިއްޔާ ސުކޫލު ވެސް ހިމެނެ އެވެ.
ސައިފް ދެކޭ ގޮތުގައި ހޭންޑް ބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް މިއަދު އެ ފުރުސަތު އެބައޮތެވެ. މުބާރާތްތައް އެބަ ބޭއްވެ އެވެ. ތަމްރީނު ދޭނެ ތަޖުރިބާކާރުން އެބަތިއްބެވެ. އޮތީ އެންމެ މައްސަލަ އެކެވެ. ހަމައެކަނި ހޭންޑް ބޯޅަ ކުޅެގެން ދިރިއުޅެން ބޭނުންވާ ވަރަށް އާމްދަނީ ނުލިބުމެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އެވަރަށް ތަރައްގީ ނުވުމެވެ.
"ރާއްޖޭގަ އަދި ހަމައެކަނި ސްޕޯޓްސްއަށް ހުސްވެގެން އެގޮތުން ކެރިއާއެއް ގޮތަށް ކުރިއަކަށް ނުދެވޭ. އެކަމަކު އެ ލެވެލްއަށް ދިއުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް،" ސައިފް ކިޔައިދިނެވެ.
ތެދެކެވެ. ރާއްޖޭގެ ކުޅުންތެރިންނާއި އެތްލީޓުންގެ ކުރިއެރުމަށް އޮތް މިއީ ބޮޑު ހުރަހެކެވެ. ހަމައެކަނި ކުޅެގެން ރަނގަޅު އާމްދަނީއެއް ނުލިބުމެވެ. މިގޮތުން ކޮންމެ މީހަކުވެސް ވަޒީފާގައި ވަގުތު ހޭދަކުރުމަށްފަހު ކުޅެން އަންނަށް ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަން ސައިފް ފާހަގަކުރި އެވެ.
"ރާއްޖޭގެ އެތްލީޓުން ވަޒީފާ އަދާކުރަމުން ކުޅުން މިޖެހެނީ. އެހެންވެ އަސްލު އެ ވަރުބަލިކަންމަތީ ބޮޑީ ރަނގަޅަކަށް ރިކަވާއެއް ނުވޭ. ކުޅުންތެރިންނަށް ބެސްޓް ޕަފޯމެންސްއެއް ނުދެވޭ،" އޭނާއަށް ކުރިމަތިވާ ގޮންޖެހުންތައް ސައިފް ހިއްސާކުރި އެވެ.
ދެކަންތައް އެއްފަހަރާ ކުރަންޖެހުމާއިއެކު ވަގުތު މެނޭޖެކުރަން ސައިފްއަށް ވެސް ދަތިވެ އެވެ. ނަމަވެސްއެފަދަ ހާލަތްތަކުން އަރައިގަނެ އޭނާއަށް ހިތްވަރު އެލުވާނުލާ ކުރިއަށް ދެވެނީ އޭނާގެ އާއިލާއާއި އަންހެނުންގެ އިތުރުން ކޯޗް އަދި ރައްޓެހިންގެ އެއްބާރުލުމާ އެކީގައެވެ.
ހޭންޑް ބޯޅައިގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ސައިފްގެ ހިތްވަރާއި ކާމިޔާބީ އަކީ ފާހަގަކޮށްލެވޭނެ ނަމޫނާ އެކެވެ. ވަގުތާއި އަމިއްލަ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް އިސްކަންދިނުމުގެ މުހިއްމުކަމުގެ އިތުރުން ދަނޑުމަތީގައި އަހުލާގު ހިފެހެއްޓުމަކީ ކުޅުންތެރިއެއްގައި ގައިގައި ހުރުން ލާޒިމު ސިފައެއް ކަމުގައި ސައިފް ގަބޫލުކުރެ އެވެ. މިހާރު އޭނާ ހުރީ އަންނަ އޮގަސްޓް މަހުގައި އޮންނަ "އިންޑިއަން އޯޝަން އައިލެންޑް ގޭމްސް" ގައި ރާއްޖޭގެ ގައުމީ ހޭންޑް ބޯޅަ ޓީމަށް ރަން ވަނައެއް ހޯދައިދީ ކަރުގައި މެޑަލްއެއް އެޅުވުމުގެ އުންމީދުގަ އެވެ.
"މިހާރު އެންމެ ބޭނުންވަނީ މޮޅަށް ކުޅެގެން ގައުމީ ޓީމަށް މެޑަލްއެއް ހޯދައިދޭން. އެއީ އެންމެ ދެކެން ބޭނުންވާ އެއް ދުވަސް،" ސައިފް އޭނާގެ އުއްމީދު ހިއްސާކުރި އެވެ.