ރިޕޯޓް

ނުނިދޭތީ ފެށި މަސައްކަތްވީ ފަރުވާއަކަށް

މީ ގެ ހަތަރު އަހަރު ކުރިން "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް"ގެ މަސައްކަތް ޔުމްނާ ރަޝީދު ފެށީ ރޭގަނޑު ނުނިދި އިންނަންޖެހުމުގެ ސަބަބުންނެވެ. "އިންސޮމްނިއާ" ނުވަތަ ނުނިދުމުގެ ބައްޔާއި ކުރިމަތިވެ ޑިޕްރެޝަން އަދި އެންޒައިޓީގެ ޝިކާރައަކަށް ވެފައި ހުރި ޔުމްނާއަށް ކުޑަ ކުދިންގެ ކުޅޭ އެއްޗިއްސާއި ބޭބީމޯބައިލް އަދި ކުޑަކުދިންގެ ބާލީސް ފަދަ ތަކެތި ހެދުމުގެ މަސައްކަތުން ލިބުނީ އަޖައިބުކުރަނިވި ހިތްހަމަޖެހުމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މިއަދު ވިޔަފާރިއަކަށް ބަދަލުވެފައިވާ މި މަސައްކަތަކީ އޭނާގެ ނަފްސާނީ ބައްޔަށް ލިބުނު ފަރުވާއެކެވެ.

އުމުރުން 40 އަހަރުގެ ޔުމްނާއަކީ ދެ ކުދިންގެ ހީވާގި މަންމަ އެކެވެ. މާސް ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ އިން ޑިގްރީ ނަގައިގެން ހުރި ނަމަވެސް ވަޒީފާގެ މާހައުލު ދޫކޮށް "ހައުސް ވައިފް" އެއްގެ ރޯލު އަދާކުރަން އޭނާ ނިންމީ ދަރިންނަށް ފުރިހަމަ ސަމާލުކަން ދޭން ބޭނުންވާތީ އެވެ. ގޭގައި ހުރެގެން ކުރެވޭނެ ތަފާތު މަސައްކަތަކާއި މެދު ވިސްނަމުން ދިޔަ ޔުމްނާއަށް މިފަދަ ތަކެތި ހެދުމުގެ ހިޔާލު ލިބުނީވެސް އެއްރޭ ނުނިދިފައި އިން ވަގުތެއްގަ އެވެ.

އަތުން ފަހައިގެން ފުރަތަމަ ޔުމްނާ ހެދީ ކުޅޭ ކުޑަކުޑަ ބުޅަލެކެވެ. އާއިލާގެ އެންމެނަށާއި އޭނާއަށްވެސް އެ މަސައްކަތް ވަރަށް ކަމުދިޔަ އެވެ. ޔުމްނާ ބުނާ ގޮތުގައި އިންސްޓަގްރާމް ޕޭޖެއް ހަދައި އޭނާގެ މަސައްކަތް ހިއްސާ ކުރަންފެށީ ހަމައެކަނި އެ ކަވި މަސައްކަތް އެހެން މީހުންނަށްވެސް ދައްކާލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މީހުންނަށް އޭނާގެ މަސައްކަތް ކަމުގޮސް އޯޑަރުތައް ލިބެން ފެށީ ހީވެސްނުކުރާހާ އަވަހަށެވެ.

"އަޅުގަނޑު ފުރަތަމަ ޕޭޖެއް ހަދާފައި ޕޯސްޓް ކުރީ ވިޔަފާރިކުރުމުގެ ހިޔާލަކު ނޫން. ހަމަ މީހުންނަށް ދައްކާލަން ވެގެން. އެކަމަކު މީހުންނަށް އެ އެއްޗިސް ކަމުގޮސްގެން އަޅުގަނޑަށް މެސެޖުކުރަން ފެށީ،" ޔުމްނާ ކިޔައިދިނެވެ.

ކުޑަ ކުދިންނާއި ގުޅޭ ތަފާތު ކުލަތައް ބޭނުންކޮށްގެން އެކި ވައްތަރުގެ "ސޮފްޓް ޓޯއީސް" ޔުމްނާ އުފައްދަ އެވެ. ފުރަތަމަ މަސައްކަތް ފެށިއިރު ފަހާފޮށި ބޭނުންކޮށްގެން ފަހަން ނޭނގުނަސް ޔުމްނާ ވަނީ އެ މަސައްކަތް ވެސް ދަސްކޮށްފަ އެވެ. އޭނާ ދެކޭ ގޮތުގައި މި މަސައްކަތުން އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ ބަޔަކާއި ގުޅުން ބަދަހިވެ އެކުވެރިކަން އުފެދުމެވެ.

"އަސްލު ވަރަށް ގިނަ މީހުންނާ ވާހަކަދެކެވި ކަނެކްޓްވެވޭ. ގިނައިން ހަމަ އަޅުގަނޑު ކަހަލަ މަންމައިންނާ. އެކުވެރިކަމެއް އުފެދޭ،"

ވިޔަފާރިއަކަށް ވުރެ ބޮޑަށް އޭނާގެ މަސައްކަތް ޔުމްނާ ސިފަކުރަނީ އަމިއްލަ ކުރިއެރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ. ދަރިން ލިބުނު ފަހުން ވަޒީފާއަށް ކުރިމަތިލީ ނަމަވެސް "ރިޖެކްޓް" ވުމަކީ ވެސް މި މަސައްކަތައިގެން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމުގައި ޔުމްނާ ގަބޫލުކުރެ އެވެ. ލިބުނު ނައްސި ޖަވާބުވެސް މިއަދު އޭނާ ދެކެނީ ލިބުނު ފުރުސަތެއްގެ ގޮތުގައެވެ.

ސިއްހީ ހާލަތުގެ ނާޒުކު ކަމާ މެދު ނުވިސްނައި ޔުމްނާ ކުރި ހިތްވަރުން އޭނާގެ ޕޭޖް "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" ވަނީ ދިވެހިންގެ މެދުގައި މަގުބޫލުވެފަ އެވެ. އަދި އޭނާގެ މި މަސައްކަތައް ވަނީ ގައުމީ ފެންވަރުގެ އެވޯޑެއްވެސް ލިބިފަ އެވެ. މިގޮތުން ވުމެން އިންޑިއަން ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ޑަބްލިއުއައިސީސީއައި) އިން ބާއްވާ "އިންޓަނޭޝަނަލް ވުމެން އެންޓްރެޕްރެނާސް ސަމިޓް 2022" ގައި ޔުމްނާއަސް ވަނީ "ޔަންގް އިނޮވޭޓާސް ކްރިއޭޓިންގް އަ ބެޓާ ވޯލްޑް" އެވޯޑު ލިބިފަ އެވެ.

މި އެވޯޑަކީ އުފެއްދުންތެރި ފަންނިޔާތާއި ޑިޒައިންގެ ރޮނގުން ފާހަގަކޮށްލެވޭ ކަނބަލުންނަށް ދޭ އެވޯޑެކެވެ.

މިފަދަ ކަވި މަސައްކަތެއް ކުރަން ގިނަ ވަގުތު ހޭދަކުރަންޖެހޭއިރު، ޔުމްނާއަށް މި މަސައްކަތައް ހުސްވެވެނީ ހަމައެކަނި ރޭގަނޑު އެވެ. މަންމައެއްގެ ޑިއުޓީ އަދާކޮށް ނިމުމާއިއެކީގަ އެވެ.

ގިނަ އޯޑަރުތަކެއް ނަގަން އޭނާ ފަސްޖެހެނީ ވެސް މަސައްކަތް ކުރަން ލިބޭ މަދު ވަގުތުކޮޅުގެ ސަބަބުންނެވެ.

"މަސައްކަތް ނުނިންމި ގިނަ ދުވަސްވާތީ އޯޑަރުތައް އަތުން ދޫވޭ. ނުދެވޭ ކޮމިޓްމެންޓެއް ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން،" ޔުމްނާ ކިޔައިދިނެވެ.

މަސައްކަތުގައި ޔުމްނާއަށް ކުރިމަތިވާ އަނެއް ގޮންޖެހުމަކީ ބައެއްކަހަލަ ފޮތި ނުވަތަ މެޓީރިއަލް ރާއްޖެއިން ހޯދަން އުނދަގޫވުމެވެ. އެއްފަހަރު ގަންނަ ފޮތި ދެވަނަ ފަހަރަށް ގަންނަން ނުލިބޭކަން ޔުމްނާ ފާހަގަކުރި އެވެ.

"އެއްފަހަރު ގަނެފައި ދެވަނަ ފަހަރު ގަންނަންދާއިރު އެ މެޓީރިއަލް ނުލިބޭނެ. ކުލަވެސް ހުސްކޮށްލާފައި ހުންނަނީ. އެހެންވެ އަޅުގަނޑު އާންމުކޮށް ޕޮލިސްޓާ ބޭނުންކުރަން. އެއީ އަބަދުވެސް ލިބޭ މެޓީރިއަލްއަކަށް ވީމަ،" ޔުމްނާ ބުންޏެވެ.

އަމިއްލަ ކުޑަ ޝޯ ރޫމެއް ހުޅުވައި ވިޔަފާރި މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރުމަކީ ޔުމްނާ ދެކޭ ހުވަފެނެކެވެ. މިކަމަށް ޝައުގުވެރިވާ ކުދިންނަށް ދަސްކޮށްދީ ކުދިންނަށް އެއްބާރުލުން ދޭން ވެސް ޔުމްނާ ހުރިހާ ތައްޔާރަށެވެ.

"މިވަގުތު އިތުރު ކުދިންނަށް ދަސްކޮށްދެވެން ނެތީ އަޅުގަނޑަށް ވަގުތު ނުވާތީ. އެކަމަކު އަޅުގަނޑުގެ ކުޑަ ދަރިފުޅު ބޮޑު ވެލީމަ މަސައްކަތައް ދޭ ވަގުތު އިތުރުކުރެވޭނެ،" ޔުމްނާ ހިއްސާކުރި އެވެ.

އަމިއްލަ ގޭގައި އިނދެގެން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ވެސް އަމިއްލަ ކުރިއެރުމަށްޓަކައި އެޅޭ އިތުރު ހަރުފަތެއްކަމުގައި ޔުމްނާ ގަބޫލުކުރެ އެވެ. އަދި މިފަދައިން މަސައްކަތްކުރަން ބޭނުންވާ އޭނާ ފަދަ ކުދިންނަށް ޔުމްނާ ދޭން ބޭނުންވާ މެސެޖަކީ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނައި ކުރިއަށް ދާން ހިތްވަރާއިއެކު މަސައްކަތް ކުރުމެވެ.