ޞަފުހާ

އަހްމަދު ހަސަނަށް އިންޖީނުގެއެއްގައި ނުކުރެވޭނެ މަސައްކަތެއް ނުދެއްކޭނެ

އަ ހްމަދު ހަސަން އެންމެ ފުރަތަމަ މާލޭގެ ސަރުކާރު އިންޖީނުގެ، މިހާރުގެ ނަމުންނަމަ ސްޓެލްކޯއާ ގުޅުނީ 1978 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ނަމަވެސް ވަޒީފާގެ ޗިޓް ރަސްމީކޮށް ތައްޔާރުކުރެވި ގައުމީ ހިދުމަތް ރަސްމީކޮށް ފެށީ 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ހިދުމަތުގައި އުޅޭތާ 46 އަހަރުވީ އެވެ. މިމުއްދަތުގެ ތެރޭގައި ސްޓެލްކޯގައި އެކި މަގާމުތައް އަދާކޮށްފައިވެ އެވެ. އެގޮތުން މެކޭނިކްކަމާއި، ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް އިންޖިނިއާ އަދި އިންޖިނިއާ ކަމުގެ ވަޒީފާ ހިމެނެ އެވެ.

އަހްމަދު ހަސަން މިއަދުވެސް ހުރީ ސްޓެލްކޯގެ ވަޒީފާ ގައެވެ. އަހްމަދު ހަސަންގެ ގައުމީ ހިދުމަތް ނިމިދިޔަ ސަރުކާރުން ވަނީ ވަޒަންކުރައްވާ އޭނާއަށް ހާއްސަ އެވޯޑެއްވެސް ދީފަ އެވެ. އެއީ ހަޔާތުގައި ވަރަށް އުފާވި ދުވަހެއް ކަމަށް އަހްމަދު ހަސަން ބުންޏެވެ.

ސްޓެލްކޯގެ ވަޒީފާއަށް ނިކުންނަން ޖެހުނު ގޮތް ކިޔައިދެމުން އަހުމަދު ހަސަން ބުނީ އޭރު އާއިލާއަކީ ނިކަމެތި އާއިލާއެއް ކަމަށްވެފައި ކިޔެވުމަށްވެސް ޝައުގުވެރިކަން ނުހުންނަ ކަމަށެވެ. އެހެންވެ އޭނާއަކީ ޒިންމާދާރު މީހަކަށް ހެދުމަށް ބައްޕަ ބޭނުންވާތީ އިންޖީނުގެއަށް ވަނީ ކަމަށް ބުންޏެވެ.

"ބައްޕަމެންނަށް ކަންބޮޑުވެގެން އަސްލު އޭރުގައި އިންޖީނުގެއަށް ވައްދަން މަސައްކަތްކުރީ. އަޅުގަނޑުގެ ޝައުގެއް ހުރެގެންނެއް ނޫން،" އަހްމަދު ހަސަން މީގެ 46 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން ބުންޏެވެ.

މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް އޭރު ލިބިފައި ނެތް ނަމަވެސް ކުރަންޖެހުނު މަސައްކަތުގައި ޝައުގުވެރިވާ ކަންތައްތަކެއް ހުރުމުން އަހްމަދު ހަސަން އަޒުމު ކަނޑައެޅީ ހިދުމަތުގައި ކުރިއަށް ދިއުމަށެވެ.

"ފުރަތަމަ އަޅުގަނޑު ގެންގޮސް އޭރުގެ މެނޭޖިން ޑިރެކްޓަރު ޝުކޫރު ވިދާޅުވީ މިތިބި އިންޖީނަރުން ކުރާ މަސައްކަތް ކުރެވޭނެތޯއޭ. ދެން އަޅުގަނޑު ދެންނެވީ އަޅުގަނޑަކަށް އަދިއެއް ނޭނގޭނެއޭ. ނަމަވެސް އެމީހުން ހިފާ އެއްޗެއްގެ އެއްކޮޅުގައި އަޅުގަނޑު ހިފާނަމޭ. ހިފައިގެން ދަސްކުރެވިދާނެއޭ،" ސްޓެލްކޯގައި އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތްތައް ހިއްސާކުރަމުން އޭނާ ބުންޏެވެ.

އަހުމަދު ހަސަން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އިންޖީނަރުން ރޫޅާ އިންޖީނުގެ އެއްޗެހި ސާފުކުރުން ހިމެނެ އެވެ. އޭރު އޭނާ މަސައްކަތް ކުރެއްވީ ދަސްކުރާ ކުއްޖެއްގެ ގޮތުގަ އެވެ.

"ގާތްގަނޑަކަށް އުމުރުން 16 ވަރަކަށް އަހަރު ކަންނޭނގެ އޭރުގައި ވާނީ ވަތްއިރުގައި. އިންޖީނުގެ އަޑީތެޔޮ ސާފުކުރާއިރު އަރިމަތީގައި އިންނަ ދޮރު ހުޅުވާލާފައި އަޅުގަނޑުމެން ވަންނަން އެތެރެއަށްވެސް އޭރު އަޅުގަނޑުމެންނަކީ ކުދިކުދި މީހުން،" އަހުމަދު ހަސަން ވިދާޅުވި އެވެ.

މާލޭގައި 1970ގެ އަހަރުތަކުގައި ކަރަންޓުގެ ހިދުމަތް ދޭން ފެށި ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކަށް އާންމުކޮށް ކަރަންޓުގެ ހިދުމަތް ދޭން ފެށީ 90ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ވަނަ އަހަރުގެ ކުރީކޮޅު އެވެ.


ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އޭރު ކުރަންޖެހުނު އެކިއެކި މަސައްކަތްތަކުގައި އަހްމަދު ހަސަން ވަނީ އަމަލީ ގޮތުން މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ކަނޑުގައި އަޅާފައި އޮތް ކަރަންޓް ކޭބަލެއް ނެގުމާއި، ހިތަދޫއަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި ކުރަންޖެހުނު ބުރަ މަސައްކަތްތައް އަހްމަދު ހަސަން ދެކެނީ ފަހުރުވެރި މަސައްކަތެއްގެ ގޮތުގައެވެ. ފުވައްމުލަކުގައި ސްޓެލްކޯގެ ފުރަތަމަ އިންޖީނު ބަހައްޓަން އިންޖީނާއި ކޭބަލްތައް ގެންދިއުމުގައިވެސް އޭނާ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ސްޓެލްކޯގެ ފަރާތުން 1988 ވަނަ އަހަރު 80 ކިލޯ ވޮޓުގެ ތިން ޖަނަރޭޓަރު ބަހައްޓައި އިންސްޓޯލް ކުރުމާއި ހދ. ހަނިމާދޫގައި ސްޓެލްކޯގެ ފަރާތުން 1993 ވަނަ އަހަރު 80 ކިލޯ ވޮޓުގެ ތިން ޖަނަރޭޓަރު ބަހައްޓައި އިންސްޓޯލް ކުރުމުގައި އެންމެ ގިނަ މަސައްކަތްތައް ކުރި މީހަކީ އަހްމަދު ހަސަން އެވެ.

ސްޓެލްކޯގައި ހޭދަކުރި ދިގު މުއްދަތަށްފަހު އަހްމަދު ހަސަން މިއަދު ފަހުރުވެރިކަމާއެކު ބުނާ އެއް ކަމެއް އޮވެ އެވެ. އެއީ އިންޖީނުގެއެއްގައި އޭނާއަށް ނުކުރެވޭނެ މަސައްކަތެއް ނުދެއްކޭނެ ކަމެވެ.

"އަޅުގަނޑު އިންޖީނުގެއަށް ވަތްއިރު ނޭނގޭނެ އެއްވެސް މަސައްކަތެއް ކުރާކަށް. އެކަމަކު މިހާރު އަޅުގަނޑަށް ނުކުރެވޭނެ މަސައްކަތެއް ނުދެއްކޭނެ،" އަހްމަދު ހަސަން ބުންޏެވެ.

އަހްމަދު ހަސަން ބުނި ގޮތުގައި ހިދުމަތުގައި ގިނަ ދުވަހު ހުރެވުނީ ވެރިންގެ އޯގާތެރިކަމުންނާއި އެކުގައި މަސައްކަތް ކުރި މީހުންގެ ސަބަބުންނާއި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

ކުރީގެ މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކުގެ ކޮއްކޮ -- އަހްމަދު ހަސަން އަކީ ވެސް މަދުން ނަމަވެސް ކެމެރާ ކުރިމަތިން ފެނިފައިވާ މޫނެކެވެ. އޭނާ ވަނީ ކެމަރާގެ ކުރިމަތީގައިވެސް ތަފާތު ހުނަރުތައް ދައްކާލާފަ އެވެ. އެގޮތުން ޓީވީ މޯލްޑިވްސް އިން ގެނެސްދޭ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ސްޓެލްކޯއިން ހުށަހެޅި "ހުޅުކޮޅު"ގައި އަހްމަދު ހަސަން ވަނީ އެކްޓްކުރުމުގެ ހުނަރު ހުރިކަންވެސް ސާބިތުކޮށްދީފަ އެވެ.

ރަނގަޅު ޝަހްސިއްޔަތަކަށް ވުމަށްޓަކައި ޒުވާނުންނަށް އަހްމަދު ހަސަން ދޭ ނަސޭހަތަކީ އަވަސް އަވަހަށް ވަޒީފާ ބަދަލުނުކުރުމަށާއި މަސައްކަތުގެ އަހްލާގު ހިފެހެއްޓުމަށެވެ.