މީހުން

ގޭގައި ހުރެގެން އުފަންކުރި ހުނަރު ވިޔަފާރިއަކަށް

ގދ . ހޯނޑެއްދޫއަށް އުފަން އުމުރުން 35 އަހަރުގެ ފަރަހަނާޒް ސައީދަކީ ކުރޯޝޭ އަދި ބީޓްސްގެ މަސައްކަތުގައި ހުނަރުވެރި ޒުވާނެކެވެ. ގޭގައި ހުރެގެން އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރަން ބޭނުންވެގެން ފެށި މަސައްކަތުގައި ފަރަހަނާޒް ވަނީ ކާމިޔާބު ހޯދައި އޭނާގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ.

ހުނަރުވެރިންގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ ބައެއް ހަރަކާތްތަކުގައިވެސް ފަރަހަނާޒް ވަނީ އޭނާގެ ހުނަރު ދައްކާލާފަ އެވެ.

"މި މަސައްކަތުގެ ތެރެއަށް ވަދެވުނީ 2015 ގައި. ފުރަތަމަ ދަސްކުރީ ކުރޯޝޭގެ މަސައްކަތް. ދެންފަހުން އާމްދަނީއެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ދެ މަސައްކަތްވެސް ކުރަން ފެށުނީ،" މަސައްކަތަށް ވަދެވުނު ގޮތް ފަރަހަނާޒް ކިޔައިދިނެވެ.

ބީޓްސްގެ މަސައްކަތަކީ ފަރަހަނާޒް ކިރިޔާ ހަނދާން ހުންނައިރުވެސް އެންމެ ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެންމެ ކުޑައިރުވެސް ކޮންމެވެސް ވައްތަރެއްގެ ބީޓްސްއެއް ގެންގުޅޭ ހަނދާން އޭނާގެ ހުރެ އެވެ.

"މިމަސައްކަތްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާގެ ފަރާތުން. އެންމެ ފުރަތަމަ އެއްޗެހި ތައްޔާރުކޮށްދޭން ފެށީ ހަދިޔާގެ ގޮތުގައި ރައްޓެހިންނަށާއި އާއިލާ މީހުންނަން. އެމީހުންނަށް އެ އުފެއްދުންތައް ކަމުދިއުމުން އަސްލު މިކަމުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުނީ،" ފަރަހަނާޒް ބުންޏެވެ.

ފަރަހަނާޒް އެންމެ ގިނައިން ތައްޔާރުކުރަނީ ކުޑަކުދިންގެ ހެދުމާއި، ބޫޓާއި، ބޭންޑް، ކެވެލި، ނެކްލެސް، ބުލޭންކެޓް އެވެ. މީގެ އިތުރުން ތަންކޮޅެއް ގިނަ ވަގުތު މަސައްކަތް ކޮށްގެން ހަދަންޖެހޭ ކުރޯޝޭ އިއަރިންވެސް މިހާރު ހަދަ އެވެ.

"އުދަގޫ ބޮޑު މަސައްކަތެއްވިއްޔާ ހަފްތާއެއް ނޫނީ ދެހަފްތާ ވަރު ނަގާ މަސައްކަތް ނިންމަން. އެހާ ގިނަ މަސައްކަތް ނުހުންނަ ނަމަ އެއަށް ވުރެ ބައެއް ފަހަރު އަވަސްވެސް ވާނެ،" މަސައްކަތް ނިންމަން ކަންކުރާ ގޮތް ކިޔައިދެމުން ބުންޏެވެ.

ދިރިއުޅުމަށް ކުރާ މަސައްކަތުގައި ފަރަހަނާޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބުރަ މަސައްކަތުން އުފައްދާ ތަކެއްޗަށް ހަމަ އަގު ލިބޭނެ މާކެޓް ރާއްޖޭގައި ނެތުމެވެ. މަސައްކަތްތަކަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ނުލިބުމާއި ބައެއް ތަކެތި ރާއްޖެއިން ހޯދަން ދަތިވުމަކީވެސް ފަރަހަނާޒްއަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް މަސައްކަތްތައް ބަރާބަރަށް ނިންމާ ހަވާލުކުރުމެވެ.

"ކަސްޓަމަރުން ބޭނުންވާ ގޮތަށް މަސައްކަތް ކުރެވޭތީ ކަންނޭނގެ ކަސްޓަމަރުންގެ ފަރާތުން ވަރަށް އުފާވާ ބަސްތަކެއް ލިބެނީ،" އޭނާ ބުންޏެވެ.

ފަރަހަނާޒް ކުރާ މަސައްކަތް އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތް ހެދުމަށްޓަކައި އޭނާ ވަނީ ސޯޝަލްމީޑިއާގެ ބައެއް ވަސީލަތްތަކުގައި "ޕާލީންކުރާފްޓްސް"ގެ ނަމުގައި ޕޭޖެއްވެސް ހަދާފަ އެވެ. ދިވެހި އުފެއްދުންތައް ގަންނަ ތަނެއް ކަމަށްވާ އޮތެންޓިކްމޯލްޑިވިސް އަށް ފަރަހަނާޒްގެ ތަކެތި ގަތުމަކީ ކާމިޔާބެއްގެ ގޮތުގައި އޭނާ ދެކެ އެވެ. އަދި ބައެއް އާންމުންގެ ފަރާތުންވެސް ތަކެތި އުފެއްދުމަށް އޯޑަރުތައް ލިބޭ ކަމަށް ބުންޏެވެ.

ފަރަހަނާޒް ވަނީ 2015 އަދި 2019 ގައި ބޭއްވި ފަންނު އެކްސްޕޯގައި ބައިވެރިވެ ވިއުމުގެ ކެޓަގެރީން ދެވަނަ ހޯދާފަ އެވެ. އަދި ގދ. ތިނަދޫގައި 2022 ވަނަ އަހަރު ބޭއްވި ހިޔަލަ އެކްސްޕޯގައި ބައިވެރިވެ ފަރަހަނާޒް ވަނީ އޭނާގެ އުފެއްދުންތައްވެސް ދައްކާލާފަ އެވެ.

"އަޅުގަނޑު މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ 'ޕާލީންކުރާފްޓްސް' ޕޭޖަކީ އެންމެންނަށް އެގޭ ޕޭޖަކަށްވެ، އަޅުގަނޑު މިކުރާ މަސައްކަތް އިތުރަށް ފުޅާކުރެވި އަދި އަޅުގަނޑަށް އެނގޭ އެއްޗެއް އެހެން މީހުންނަށް ބުނެދެވޭނެ ގޮތެއް ހެދުން،" ފަރަހަނާޒް އުއްމީދުކުރާ ކަންކަން ހިއްސާކުރަމުން ބުންޏެވެ.