ރާ އްޖޭގެ އެކި ސަރަހައްދުތަކުގައި އީދުގެ ކުޅިވަރުތައް ފޯރިއާ އެކު ކުޅެމުންދާއިރު މިފަދަ ދުވަސްވަރެއްގައި ލިބޭ ހުސްވަގުތެއްގައި ކޮށްލާނެ ރަނގަޅު ކަމެއް އޮތުންވެސް މުހިއްމެވެ. އެގޮތުން ދިވެހިންގެ އާދަކާދައާއި ސަގާފަތް އަދި ސަގާފީ ކުޅިވަރުތަކުގެ މައުލޫމާތު ހޯދައި ލިބުމަށް މިއީ ރަނގަޅު ދުވަސްވަރެކެވެ.
ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔެއް ކަމަށްވާ މޫސާ އަލީގެ "ދިވެހީންގެ އާދަކާދަ" މި ފޮތަކީ މި ދުވަސްވަރު ކިޔާލަން މުނާސަބު ފޮތެކެވެ. މި ފޮތުގައި ދިވެހީންގެ ތެރޭގައި އިހު ޒަމާނުއްސުރެ ގެންގުޅެމުން އައި ރީތި އާދަކާދަތަކާއި ކުޅެމުން ސަގާފީ ކުޅިވަރުތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.
މީގެ އަހަރުތަކެއް ކުރިން ޖުލައި 12، 1995 ވަނަ އަހަރު ބޭއްވި ފޮތް ލިޔުމުގެ މުބާރާތުން މޫސާ އަލީ ވަނީ މިފޮތް ލިޔުއްވައިގެން އެއްވަނަވެސް ހާސިލްކޮށްފަ އެވެ.
މި ފޮތުގައި ދިވެހީންގެ އާދަކާދަތަކާއި ސަގާފަތުގެ ތެރެއިން ދިވެހިން މުނިފޫހިފިލުވުމަށް ކޮށްއުޅުނު ކަންކަމާއި، ދިވެހިންގެ ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ މަސައްކަތްތަކުގެ މައުލޫމާތާއި ސަގާފީ ކުޅިވަރުތަކާއި އެ ކުޅިވަރުތައް ކުޅޭނެ ގޮތުގެ އިރުޝާދު ދީފައިވެ އެވެ.
މޫސާ އަލީ 278 ސަފްހާގެ މައްޗަށް މި ފޮތް ލިޔުއްވާފައިވަނީ ދިވެހި ރަދީފާއި އަމާޒް، ދިވެހި ކާނާ، ފަތްތޫރަ އަދި ގަނޑުވަރު ފަދަ އެތައް ފޮތަކުން ދިވެހިންގެ އާދަކާދައާއި ސަގާފީ މައުލޫމާތު ހޯއްދަވައި އެ މައުލޫމާތުގެ އަލީގައެވެ.
ގައުމީ ކުތުބުހާނާ އިން އަދި އޮންލައިންކޮށް ވެސް މި ފޮތް މިހާރު ކިޔާލެވޭނެ އެވެ.
މި ފޮތާއި ގުޅޭގޮތުން ގައުމީ ކުތުބުހާނާ އިން ބުނީ މިއީ ދިވެހިންގެ އިހުގެ މައުލޫމާތު ހިމެނޭ އަދި ނަމޫނާ މަސައްކަތްތަކެއް ކޮށްގެން ކިޔެފައިވާ ފޮތެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ޖީލުތަކަށް މި ފޮތުގެ މުހިއްމު ކަމާއި ބޭނުން ބޮޑު ކަމަށްވެސް ކުތުބުހާނާ އިން ބުނެ އެވެ.