އީދުގެ އުފާ ފާހަގަކުރުމަށް ހާއްސަ ލައިޓްތަކަކުން މާލެ ދިއްލާލަށް ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އީދު ރަމްޒުވާ އަދި އިސްލާމީ ޝިއާރުތައް ފާޅުވާ ގޮތަށް މާލޭގެ އެކި ހިސާބުތަކުގައި މިފަދަ ދިއްލުންތައް އީދަށް ދިއްލާލުމަކީ އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ކަމެކެވެ.
އީދަށް ހާއްސަކޮށްގެން މިދިޔަ އަހަރު އެންމެ ފުރަަތަމަ މާލެ ދިއްލާލީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ ކުޑައީދާއި މިއަދު ފެށުނު ބޮޑު އީދުގައި ވަނީ މާލޭގެ އިތުރުން މީހުން ދިރިއުޅޭ އަތޮޅު ތެރޭގެ ބޮޑެތި ރަށްތަކުގައިވެސް އީދަށް ހާއްސަ ލައިޓްތަކެއް ބޭނުންކޮށްގެން ރަށްތައް ދިއްލާލާފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އީދު ފަދަ ހާއްސަ މުނާސަބަތުތައް މާލެއާއި މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުލަ ގޮތަކަށް ފާހަގަކުރަން ނިންމާފަ އެވެ. އެއީ ދިވެހި ގައުމިއްޔަތު އަލުން ދިރިވާ އާލާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. މާލެ އާއި ރަށްތައް ހާއްސަ ލައިޓްތަކަކުން ދިއްލާލުމަކީވެސް މީގެ ބައެކެވެ.