އީދު ފާހަގަ ކުރުން

ބޮޑު ޖަމާއަތް: އިޖުތިމާއީ ވަރުގަދަ ގުޅުމެއް

މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި މިއަދު އަޟްހާ އީދު ނަމާދުކޮށްފި އެވެ.

މާލެ ސަރަހައްދުގައި މިއަދު ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާކޮށްފައިވެ އެވެ. އެއީ ސަލްމާން މިސްކިތް، އިސްލާމީ މަރުކަޒު، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަ ދަނޑު، ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް ދޭކެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގެ އިތުރުން 28 މިސްކިތެއްގައިވެސް މިއަދު އީދު ނަމާދު ކޮށްފައިވެ އެވެ.

ގިނަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ އެ ރަށްރަށުގެ ބޯޅަދަނޑުތަކާއި އާންމު މައިދާންތަކުގަ އެވެ.

އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ވަނީ ހެޔޮ ކަންކަމުގައި އެއްބާރުލުންދީ އާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

މީގެކުރީގައި އީދު ނަމާދު ފަށަނީ ހެނދުނު 7:30 ގައެވެ. އެކަމަކު މިއަހަރުގެ ފިތުރު އީދު ދުވަހު ކުރެވުނު އީދު ނަމާދާއި މިއަދު ކުރެވުނު އަޟްހާ އީދު ނަމާދު ފަށާފައިވަނީ ހެނދުނު 7:00 ގައެވެ.