އީދު ފާހަގަ ކުރުން

އީދު ޗުއްޓީއަށް ފުރުން، ބޮޑު ހިތްހަމަޖެހުމެއް

އަ ޟްހާ އީދުގެ އުފާވެރި ދުވަސްތައް މާދަމާ ފެށިގެންދާއިރު މި ދުވަސްވަރަކީ ވެރިރަށް މާލެއަށް އަބަދުވެސް ފަޅުކަމެއް އިހްސާސްވާ ދުވަސްވަރެވެ. އެއީ މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ އެތައް ހާސް ބަޔަކާއި މާލޭގެ ބައެއް ރައްޔިތުންވެސް އީދުގެ އުފަލުގައި ބައިވެރިވުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ފުރާތީ އަންނަ ފަޅު ކަމެކެވެ.

އީދަށް މާލެއިން ރަށްރަށަށް ފުރާ މީހުންގެ އަދަދު އެންމެ ގިނަވާނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. އެހެންވެ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ ބަނދަރުތައް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ. އެގޮތުން މާލޭގެ އުތުރު ފަރާތު އެއް ނަންބަރު ފާލަމާއި ދިމާލާއި މާލޭގެ ދެކުނު ފަރާތު ސްޓޭޑިއާމާ ދިމާ މި ދެ ތިން ދުވަހު ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ.

އީދަށް އެތައް ހާސް ބަޔަކު މާލެ އިން ފުރާތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ގެންދަނީ ކަނޑުއުޅަނދުތައް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.

އީދުގެ އުފަލުގައި ބައިވެރިވުމަށް މާލެ އިން އަތޮޅުތަކަށް މީހުން ފުރާއިރު މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރަށް ވެފައި ބައެއް ދުވަސްތަކުގައި މޫސުން ގޯސްވާތީ ފުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އިލްތިމާސްވެސް ކުރަމުންނެވެ. އަދި މިދުވަސްވަރު ވާރޭވެހުން އިތުރުވެ މަދިރީގެ ސަބަބުން ދިމާވާ ބަލިތައް އާންމުވަމުންދާތީ އާންމު ސިއްހަތަށް ރައްކާތެރިވުމަށް އެޗްޕީއޭ އިންވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

އެހެންކަމުން އީދުގެ އުފަލުގައި ބައިވެރިވުމަށް ފުރާއިރު ކަނޑުދަތުރުގެ ރައްކާތެރިކަމަށާއި ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންގެ އަމިއްލަ ނަފްސަށް ވަކިން ހާއްސަކޮށް ސިއްހަތަށް ރައްކާތެރިވުން މިފަދަ ދުވަސްވަރެއްގައި މުހިއްމެވެ. އެހެން ނޫނީ އީދުގެ އުފާ، ހިތާމައަކަށް ބަދަލުވުމަކީ ދުރުކަމެއް ނޫނެވެ.