ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަވަސް ރީލް

މީން ޒަމާނަކު ނުފެންނަ ހުކުރު ހަވީރެއް!

މާލޭގެ ހެލްތު ކާފިއުއުގެ ތިންގަނޑި އިރާ ލައްވާލި ފުރަތަމަ ހުކުރު ދުވަހު ހަވީރާއި އިރާކޮޅު މާލެ ފެނުނު ގޮތް ދައްލުވައި ރޯލް -- އަވަސް ވިޑިއޯ | އާއިމް ޒަމީރު

އާދައިގެ ހުކުރު ދުވަހެކެވެ؛ ހުކުރަށް ކެއްކި ކުކުޅު ކާލައިގެން ބަނޑު ދަމާލަ އެވެ. ޕްލޭންގައިވާ ގޮތަށް ރާވައި ފޯނުގައިވާ ގްރޫޕްތަކަށް މެސެޖުތައް ފުލު ފުލުގައި ފޮނުވާލަ އެވެ. ރައްޓެހިންނާއެކު އޮންނަ ހުކުރު ކޮފީ އާއި ހަވީރު ސަޔަށް އާއިލާ އެންމެން ގޮވައިގެން ދިއުން ކުރިޔަށް އޮތީ އެވެ. ގޭގައި ތިބި ކުޑަ ގްރޫޕް ވެސް ތައްޔާރުވަނީ ބޭރަށް ދާށެވެ. ކުޑަކުދިންގެ ހަވީރުތައް ޕާކުގައި އެބަ އޮތެވެ. ކޮއްކޮމެން ކޮންމެހެން ދާން ބޭނުންވެ އެވެ. އާ ހެދުމެކެވެ. ކުލަ ކުލައިގެ ފަށާއި އަނގޮޓި އަޅާލައި ވިދާ ބޫޓަށް އަރައިން ރީތި ވެލައިގެނެވެ. އެންމެން އެކީ ހަވީރު 4:30 އަށް ގެއިން ނިކުމެ ހިނގައިގަންނަނީ "ފްރައިޑޭ ޕްލޭން" އާ އެއްގޮތަށެވެ.

އާޓިފިޝަލް ބީޗުގައި ކޮޅު ކޮޅަށް ދުވާ ކުދިން އުޅެ އެވެ. ބައެއް މަންމަމެން ފަހަތުން ދުވާނެ އެވެ. "މަޑުން ދުވާށޭ ވެއްޓި ތަދުވެދާނޭ" ބުނާނެ އެވެ. އެކަމަކު އެއީ ގެއިން ނުކުމެ ސަކަރާތްޖަހާލަން ލިބޭ ދުވަހެވެ. މަޑެއް ނުކުރެވޭނެ އެވެ. ރޯލާ ސްކޭޓް ކުރާ ކުދިން ބާރު ބާރަށް ދުއްވަ އެވެ. ކަހާލައިގެން ވެއްޓޭ ފަހަރު ވެސް އާދެ އެވެ. އެކަމަކުވެސް ވަރިހަމަ އެވެ.

ތަންކޮޅެއް ދުރުން، ރާޅު ޖަހާ ހިސާބުގައި ޒުވާން ކުދިންތައް ފުމެ އެވެ. ޕޮޕްކޯން ކޮތަޅުތައް އަތުގައި އަޅުވައިގެނެވެެ. އެންމެން ހީނހީނފައި ޖަހާ ސަކަރާތް ޖަހަ އެވެ. މަންޒަރު ބަލަން އަތިރި މަތީގައި ހުރި ގޮނޑިތަކުގައި އުމުރުން ދުވަސްވީ މީހުން އެ ތިއްބެވެ. ޒުވާނުން އުޅޭ ގޮތުން ޕިސްޕިސް ތަޅާލަތަޅާލަ އެވެ. މަޑުމަޑުން ތިބެ އެ މީހުން ގެނބިގެން އެ ދަނީ އިހުގެ ޒަމާނަކަށެވެ.

ބޮޑުތަކުރުފާނު މަގާ ދިމާއަށް ބަލާލާއިރު، ދުއްވާ އެއްޗެހިން އެކަކު އަނެކަކު ވަކިވާ ވަރެއް ނުވެ އެވެ. ޓްރެފިކްގައި ޖެހި އަޅާ ބަރުގޮނުގެ އަޑު އެއީ މާލޭގެ ދިރި އުޅުމުގައި މިއުޒިކެކެވެ. ފިނި ބުރު ޖަހާމީހުން ހަމަ ދުއްވަ އެވެ. ކުޑަކުދިން ގޮވައިގެން ސަަންސެޓް ބަލަން ދާ ބައްޕައިންގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ. ލިބޭ ރީތި ވަގުތުކޮޅެވެ.

މިއީ ހަނދާންތަކެކެވެ. މިއީ މާލޭގެ ހުކުރު ދުވަހެއްގެ އަސުރުން ތިރިވީމާ އޮންނަ ގޮތުގެ ފޮޓޯގަނޑެކެވެ! ފްރައިޑޭ، "މައި ފްރައިޑޭ" އަކަށް ވަނީ މި ހަލަބޮލިކަމާއި އަޑުތަކާއެކު އެވެ! އެކަމަކު އިއްޔެ މުޅި ތަސްވީރު ބަދަލުކޮށްލި އެވެ. ކޮވިޑް-19 ބަދަލު ނުކޮށްލަނީ ކޮން ކަމެއް ހެއްޔެވެ؟

ހުކުރު ދުވަހަށް އެންމެ ފަރިވާ ގަޑިއިރަށް ކުޑަ ކާފިއު ރެޑީވީ އެވެ. ފަހެއް ޖަހާއިރަށް ގެއަށް ވަދެ ދޮރުތައް ބަންދު ކުރުމަށް ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނަރަލް މައިމޫނާ ވަނީ އަންގަވާފަ އެވެ.

ގަޑި ޖެހެން 15 މިނެޓަށްވީ އިރަށް ހާއްސަ ފާހާއެކު އަހަރެން ވެސް މަގު މައްޗަށް ނުކުތީ އެވެ. އޭރު ވެސް މަގުމަތީ މީހުން ހޭލަމޭއްޔަށް އުޅެ އެވެ. އެކަމަކު، މިސްރާބު ހުރީ ޕާކްތަކާ ދިމާލަކަށް ނޫނެވެ. ގެއާ ދިމާލަށެވެ. ފަހެއް ޖެހުމާއެކު ފޯރިމަރަން ކޮންމެ މަގެއްގެ ކަންމައްޗަށް ފުލުހަކު އައިސް މަޑު ކުރެ އެވެ. ސައިކަލްތައް ޕާކިން ޒޯނުތަކަށް ވައްދަން ކޮންމެ މީހަކު ވެސް އަވަސްވެ ގަނެ އެވެ. ބައެއް މީހުންނަށް ގެއަށް ނުދެވި އުޅެނިކޮށް އެ ޖެހީ ފަހެކެވެ. ކާފިއުގެ ގަޑި ހިނގަން ފެށީ އެވެ.

-- ޕިން ޑްރޮޕް ސައިލެންސް -- މާލޭގެ މަގުތައް މަތިން މީހެއްގެ ހިލަމެއް ވެސް ނެތެވެ. މަގެއް މަތީ ފުލުހަކާއި ބައެއް ހާލަތްތަކުގައި ބޭރަށް ނިކުމެ އުޅެވޭނެ ހުއްދަ އޮތް ދެތިން މީހެއް ނޫނީ ހަމަ މުޅީން ފަޅަށެވެ. ކުޑަކުދިންގެ އަޑުތައް ނުކެނޑި ހުރި ޕާކުގެ މައި ގޭޓު ހުރީ ޓޭޕު އަޅާ ބަންދުކޮށްފަ އެވެ. ޕާކުގެ ސީސޯތަކަށް އަރާނެ ކުއްޖަކު ނާންނާނެ އެވެ. އުނދޯލިތައް ހެއްލާލަން ދުވެލާ މަޖާ ކުރާނެ ކުއްޖެއް ނެތެވެ. އެންމެން ގޭގަ އެވެ. މީހުންގެ ވާހަކަތަކާއެކު މަގުތަކުގައި އެއްވެފައި ހުރި ބަރުގޮނުގެ އަޑުތައް އެއްކޮށް ކެނޑިފަ އެވެ.

ގެއެއްގެ ބެލްކަނީގައި ހުރެ މީހަކު ދައްކާލާ ވާހަކަ ވެސް ތިރީގައި ހުންނަ މީހާއަށް އިވެ އެވެ. ސައިކަލްތަކުގެ ބަރުގޮނުގެ އަޑެއް ނެތެވެ. ގޭގޭގައި ގެންގުޅޭ ދޫނިތަކުގެ ނަލަނަލަ އަޑުތައް އެކިޔާ ލަވަތައް އަދި އިވެން މި ފެށީ އެވެ. ވައިރޯޅިއެއް ޖެހިލާ އިރު ގަސްތަކުގެ ފަތްތައް މަޑުމަޑުން އެނބުރިލާ ގޮތާއި އެ އަޑުތައް ވެސް ވީ އާ މިޔުޒިކަށެވެ.

ބަނދަރުމަތީ އަޅާފައި ހުރި ދޯނިތަކުގައި ތިބި ބޭބެމެން ޖަހާލާ ދުވަސްވީ ހިންދީ އިޝްގީ ލަވަތަކުގެ އަޑުން އެއޮށް ހަލަބޮލިކޮށް އޮންނަ ބަނދަރުމަތި މުޅިން ރޮމޭންޓިކްކޮށްލައިފި އެވެ. އަޅާފައިވާ ދޯނިތަކުގައި އުނގުޅޭ ރާޅުތަކުގެ އަޑު ވެސް މިޔުޒިކަކަށް ފުދޭހާ ރީއްޗަށް އިވެ އެވެ. މަގުތަކުގެ މެދަށް ޖެހިލައި ހިސާބަކަށް އުދުހިލައި ހޮވާ ކާލުމުގެ މިނިވަންކަމެއް ނުލިބޭ ކޮތަރުތަކަށް ވެސް ހީވަނީ އީދެއް އައިސްގެން އުޅޭ އެހެނެވެ. މީހުން ގޭގައި "ބަންދުކޮށްފައިވާ" މި ތިން ގަޑިއިރަކީ އެސޮރުމެނަށް ރީތި ބަހާރެކެވެ.

އަށެއް ޖެހީ ކަމަށް ހީކޮށް ގަޑި ބަލާލީމެވެ. އަދި 7:59 އެކެވެ؛ މަގުތަކަށް މީހުން ނުކުންނަން ފަށައިފި އެވެ. ބައެއް ގޯޅިތަކުން މީހުން ނުކުންނަނީ ތަނެއްގައި ބަންދުގައި ބައިތިއްބާފައި ތިބި ބަޔަކު ދޫކޮށްލުމުން އަވަސް އަވަހަށް ނުކުމެގަންނަން އުސޫލުންނެވެ. އިރުކޮޅެއްގެ ތެރޭގައި ފިހާރަތައް ފުރި ބަންޑުންވި އެވެ.

ސައިކަލްތައް ޕާކިންއިން ނެރެގެން ކޮޅުކޮޅަށް ދުއްވަން ފަށައިފި އެވެ. ބޭރު މަގު ފިނި ބުރު ޖަހާ މީހުންނާއެކު ފުރާލައިއިފި އެވެ. އެއް ކަހަލަ ހަމަހިމޭން މިޔުޒިކީ ދުނިޔެ "މަރުވެގެން" ހިނގައްޖެ އެވެ. މިހާރުގެ މިޔުޒިކަކީ ކަންފައްތަށް އުނދަގޫ، ސައިލަތްތަކުގެ އަޑުތަކާއި މީހުން ހެލިފެލިވާ އަޑުތަކެވެ.

މާޗް 3، ވީ ހުކުރު ދުވަހުގެ ހަވީރު ކިތަންމެ ތަފާތަސް ހުކުރު ދުވަކީ އެންމެންގެ ވެސް ދުވަހެކެވެ. މުސްލިމުންގެ އީދެވެ. އާއިލީ ދުވަހެކެވެ. ރައްޓެހިންނާއި ގާތް މީހުންނަށް ވެސް ހާއްސަ ދުވަހެކެވެ. އެކަމަކު މިކަހަލަ ހުކުރު ދުވަހެއް މިއިން ޒަމާނަކު ރާއްޖެއަކުން ނުފެނެ އެވެ. މިކަހަލަ ހަމަހިމޭން ހުކުރު ދުވަހެއް ހޯދަން މިހާތަނަށް ޖެހިފައި އޮތީ ޓައިމް ޓްރެވަލް ކުރާށެވެ. އެކަމަކު މިއޮތީ އެފަދަ ދުވަހެއް އައިސްފަ އެވެ. މި ކޮރާނާ ވައިރަހާއި މި ކާފިއު އޮތީވިއްޔާ އަންނަ ހުކުރު ދުވަސް ވެސް ވާނީ މިފަދަ ހިމޭން ދުވަހަކަށެވެ.