ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެހާ ފަސޭހައިން ފެތުރޭ ވެސް ބައްޔެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ، އަދި ޝިފާއެއް ވެސް މިހާތަނަށް ހޯދިފައި ނުވާ މި ބަލި ދުނިޔޭގައި އުޅޭކަން އެނގުނުތާ ފަސް މަހަށްވުރެ ގިނަ ދުވަސްވީއިރު މި ބަލި ވެފައި ވަނީ މުޅި ދުނިޔެއަށް މިވަގުތު ޖެހިފައިވާ ބޮޑު ވެގެންވާ ބަލާ މުސީބާތަކަށެވެ. ބަލީގެ ޝިކާރަކަށް ވެފައިވާ މީހުންގެ އަދަދު ވަނީ 2.5 މިލިއަނާ ހަމަކޮށްފަ އެވެ. ގައުމުތަކުގައި ބަލި ފެތުރެމުންދަނީ ކަފަ ދަނޑެއްގައި ހުޅު އަލިފާން ހިފަމުން އަނދަމުންދާހާ ބާރަށެވެ.
މި ރާއްޖެއިން ކޮވިޑް ޖެހުނު މީހަކު ފެނުނުތާ 50 ދުވަސްވީ އެވެ. މި ބަލި ރާއްޖޭގެ ގްރާފު ކްރެހެމުން ދާ ގޮތުން ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. ދިވެހިންނަށް އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ ދިވެހި އާބާދީގެ ބޮޑު ބައި ޖަމާވެ މަސްހުނިވެފައިވާ ވެރިރަށް މާލެއިން މި ބަލީގެ މީހުން ފެންނާން ފެށުމެވެ. ފުލުފުލުގައި މާލެއިން ކޮވިޑްގެ ކޭސްތައް ދަނީ ރިޕޯޓް ކުރެވުންނެވެ. އިއްޔެގެ ކުރީ ދުވަހު 17 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. އިއްޔެ 15 މީހުން ޕޮޒިޓްވި އެވެ. ރޭވެސް އިތުރު ދެ މީހުން ޕޮޒިޓްވެ މިހާރުގެ ޕޮޒިޓިވް އަދަަދަކީ 69 މީހުނެވެ. މި ނަމްބަރު ބޭނުން ކޮށްގެން އާބާދީގެ ނިސްބަތުން ހިސާބެއް ހަދަންޏާ މިއީ ވަރަށް ބިރުވެރި ނަމްބަރަކަށް ވާނެ އެވެ.
ހުރިހާ ކަމެއް ވެސް ކޮރޯނާގައި ޖެހި ބަދަލުވެފައި ވުމުން މިހާރު މިއޮތީ ރާއްޖެ ކުރިން އޮތް އާދައިގެ ހާލަތުގައެއް ނޫނެވެ. ރާއްޖޭގައި މިކަން ފުރަތަމަ ފެނުނީ ރިސޯޓްތަކުން ނަމަވެސް މިހާރު މިިއޮތީ މާލެ އާއި މީހުން އުޅޭ ރަށްރަށުގަ އެވެ. މިހާރު ވެސް ރާއްޖޭގެ އެންމެ އުތުރު އޮތީ ނުރައްކާތެރި ހާލަތަށް ގޮސްފަ އެވެ. އުލިގަމުން މީހަކު ޕޮޒިޓިވް ވެފައިވާއިރު އުތުރުގެ "މާލެ" ކުޅުދުއްފުށި މިހާރު އެވަނީ ލޮކްޑައުން ޕްރޮޓޮކޯލްގެ ތެރެއަށް ގެންދިއުމާއެކު ކާފިއުއެއްގަ އެވެ. މި ސަބަބުތައް މިހެން ހުރުމުން މިހާރު އެ އެންމެން ވެސް ތިބީ ކަންބޮޑުވުމުގެ ތެރޭގައި ހާސްވެފަ އެވެ.
ކޮރޯނާ ފެތުރެން ފެށީއްސުރެ އާންމުންނަށް ސިއްހީ މާހިރުން ގެންދެވީ އެކިއެކި ލަފަޔާ އިރުޝާދުތައް ދެމުންނެވެ. އެ ވަގުތަކު އޮތް ހާލަތަކަށް ބަލައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ޑޮކްޓަރުން ގެންދިޔައީ ނަސޭހަތްތެރި ވަމުންނެވެ.
މާލެއިން ފުލުފުލުގައި ކޮވިޑްގެ ކޭސްތައް ފެނުމާ ހަމައަށް މާސްކް އެޅުމާމެދު ޑޮކްޓަރުންގެ ލަފައަކަށްވީ އަދި މިއީ އެ ވަގުތެެއް ނޫނެވެ. މާސްކް އަޅަން ނުޖެހޭ މީހުން މާސްކް އަޅައި އެ ވަސީލަތް ހުސް ނުކުރުމަށެވެ. އަދި އެންމެން މާސްކު އަޅަންޖެހޭ ވަގުތު ޖެހުމުން ޑޮކްޓަރުން އެ އިރުޝާދު ދެއްވާނެ އެވެ. މި ވާހަކަތައް އައީ މާލެ ލޮކްޑައުން ކުރުމުގެ ވެސް މާ ކުރިންނެވެ.
އޭރު ގިނަ ބަޔަކު ބޭރަށް ނިކުންނައިރު މާސްކް އެޅި އެވެ. އަދި ރައްކާތެރިވާން ރާއްޖޭގައި ފިޔަވަޅުތައް އަޅަން ފެށި ދަނޑިވަޅު މާސްކަށް އޮތް ޑިމާންޑް ބޮޑުވެ، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މާލެއިން މާސްކާއި ސެނިޓައިޒާ ހުސް ވެސް ވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ފަރާތުން ރޭ ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަކީ މުހިންމު ކަމެއް ނޫން ކަމަށް ކުރިން އަންގަމުން ދިޔައީ މާލޭގައި އޭރު ބަލި ފެތުރިފައި ނުވާތީ ހާލަތަށް ބަލައިގެނެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މި އޮތީ ހާލަތު ބަދަލުވެފަ އެވެ. އެހެން ކަމުން ކޮންމެހެން ނުކުންނަން ޖެހިގެން ބޭރަށް ނުކުންނަ ނަމަވެސް މާސްކް އެޅުން މިހާރު ވަރަށް މުހިންމެވެ. އަދި މިއީ މާސްކްގެ ވަގުތެވެ.
"މިހާތަނަށް އަޅުގަނޑުމެން ދަންނަވާފައިވާނީ އަދި މާސްކް އަޅާކަން ނުޖެހެއޭ. އަދި އެ ވަގުތެއް ނާދެއޭ! އެއީ އޭރު މާލެތެރެއަކު މި ބަލި ފެތުރިފައެއް ނެތް. މިހާރުވެސް ބަލި ފެތުރުނަ ނުދޭން އަޅާ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި މީހުން ތިބުން. އަދި މިހާރު ކޮންމެހެން ނުކުންނަންޖެހިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ނުކުންނަވާއިރު މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް." ލަތީފް ވިދާޅުވި އެވެ.
މިހާތަނަށް އަޅުގަނޑުމެން ދަންނަވާފައިވާނީ އަދި މާސްކް އަޅާކަން ނުޖެހެއޭ. އަދި އެ ވަގުތެއް ނާދެއޭ! އެއީ އޭރު މާލެތެރެއަކު މި ބަލި ފެތުރިފައެއް ނެތް. މިހާރުވެސް ބަލި ފެތުރުނަ ނުދޭން އަޅާ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި މީހުން ތިބުން. އަދި މިހާރު ކޮންމެހެން ނުކުންނަންޖެހިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ނުކުންނަވާއިރު މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް.ޑރ. އަލީ ލަތީފް | އެންއައިއޯސީ
މިހާރު މި އޮތީ މާސްކް އަޅަންޖެހޭ އަސްލު ވަގުތު އައިސްފަ އެވެ. މާލެ އޮތީ ލޮންޑައުންއެއްގަ އެވެ. ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބޭރަށް ނުނިކުމެވެ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށްޓަކައި ބޭރަށް ނިކުތުމުގެ ފުރުސަތު ފުލުހުން ވަނީ ފަހިކޮށްދީފަ އެވެ. އެއީ ކެއިންބުއިމަށް ބޭނުންކުރާ ސާމާނު ގަތުމަށް ފިހާރަތަކަށް ދިއުމުގެ ހުއްދައެކެވެ.
މިއަދު ވެސް މާލެތެރެއިން އެ ހުއްދަ އެތައް ބަޔަކަށް ފުލުހުން ދީފައިވެ އެވެ. މާލެ ޒޯންތަކަކަށް ބަހާލާ އެ ޒޯނެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދުގައި ހުރި ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެހެން ކަމުން ބޭރަށް ނުކުންނައިރު މިހާރު އެންމެ މުހިންމީ މާސްކެވެ. މާސްކް އަޅައިގެން ނޫނީ މިވަގުތު ބޭރަށް ނުކުތުން އެއްގޮތަކަށް ވެސް ރައްކާތެރިއެއް ނޫނެވެ. އެއީ މި މުޖްތަމައުގައި ބަލި އުޅޭކަން ޔަގީން ކުރެވިފައިވާތީ އެވެ. އަދި ބަލި ފެތެރެން ފެށި ހަގީގީ ސަބަބު އަދިވެސް ދެނެގަނެވިފައި ނުވާތީ އެވެ.
މީގެ އިތުރުން އަލަށް ފެންނަ ބައެއް ކޭސްތަކާއި ކުރިން ފެނުނު ކޭސްތަކާއި ގުޅުމެއް ނެތުމަކީ ވެސް މުޖްތަމައުގައި ބަލި އޮތް ނުރައްކާތެރި ހާލަތު އަންގައިދޭ ކަމެކެވެ. އަދި މާލޭގައި ޑެލިވަރީ ނިޒާމެއް ގާއިމް ކޮށްފައިވާއިރު މިހާރު ވެސް ބައެއް ފިހަރަތަކުގެ ޑެލިވަރީ މީހުނާއި ބައެއް ކަސްޓަމަރުން ދެނެގަތުމުގެ މަސައްކަތް ހިނގާއިރު މިހާރު މާސްކާ އެކުގައި ނޫން ގޮތަކަށް އުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެ އެވެ.
އަޅަންވީ ކޮންކަހަލަ މާސްކެއް؟
މީވެސް ބައެއް މީހުންގެ ސުވާލެކެވެ. އެންމެ ރައްކާތެރީ ކޮންކަހަލަ މާސްކެއް ހެއްޔެވެ؟ މި ބަހުސް ޑޮކްޓަރުން ނުކުރައްވައެވެ. މި މައްސަލާގައި ވާހަކަ ދެއްކި ހުރިހާ ޑޮކްޓަރުންހެން ލަފާ ދެއްވަނީ މާސްކެއް އެޅުމަށެވެ. ނުވަތަ ފޮތިކޮޅަކުން ނަމަވެސް އަނގަމަތި ނިވާ ކުރަމެވެ.
"ކޮރޯނާގެ ވައިރަސް ހަށިގަނޑުގެ ތެރެއަށް މި އެތެރެވަނީ އަނގައިން ނުވަތަ ނޭފަތުން ކަހަލަ ގޮތަކަށް. އެހެންވީމަ ކޮންމެވެސް ގޮތަކަށް އަނގައާއި ނޭފަތް ފޮނުވޭ ގޮތަށް މާސްކެއް އެޅުން ވަރަށް މުހިންމު،"
ސިއްހީ މާހިރުންގެ ލަފަޔާއެކު ތަފާތު ފެންވަރުގައި އުފައްދާފައިވާ މާސްކްތައް ހުރެއެވެ. ނުރައްކާތެރި ވައިރަހެއް ފެތުރެެމުންދާ އަދި ނުރައްކާތެރި ބަލިތައް ޖެހިފައިވާ މީހުންނާ ކައިރިވާއިރު ބޭނުން ކުރާނެ ވަރަށް ކޮލިޓީ މާސްކްތައް ވެސް އުފައްދާފައި ވެއެވެ. ނަމަވެސް އެފަދަ މާސްކެއް ހޯދުމަކީ އާންމުންގެ މީހަކަށް އަދި އަމުދުން މިފަދަ ހާލަތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ބޭނުން ކަމެއް ވެސް ނޫނެވެ. މިވަގުތަކީ މިހާރު އާންމުކޮށް މީހުން ބޭނުންވާ ނޫކުލައިގެ ނުވަތަ ފެހި ކުލައިގެ އާދައިގެ މާސްކް ވެސް ގަންނަން ދަތި ވަގުތެކެ.
މިހާރު ވަރަށް ގިނަ މީހުން މާސްކް ފަހައިގެން އަޅާތަން ފެނެއެވެ. ބައެއް މީހުން ފަހައިގެން ބަހަނީއެވެ. އަނެއް ބަޔަކު ހެޔޮ އަގެއްގައި ވިއްކަ އެވެ. އެހެންވީމަ މާސްކް ނުލިބިގެން އުޅޭކަށް ނުޖެހެ އެވެ. މިވަގުތަށް މާސްކެއް އަތު ނުޖެހިއްޖެނަމަ ފޮތިކޮޅަކުން ނަމަވެސް މާސްކެއް ގޮތަށް އަނގައާއި ނޭފަތްމަތި ނިވާކޮށްލަންވީ އެވެ. އެ ނޫން ގޮތަކަށް މިހާލަތުގައި ބޭރަށް ނުކުތުން ރައްކާތެރިއެއް ނޫނެވެ. މާސްކް އަޅަން ޖެހޭ ވަގުތު މިއޮތީ އައިސްފަ އެވެ.