ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ބޯ ނުލަނބަންޏާ އޮތީ ނާމާން ދުވަސްތައް!

މާލޭ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރުމުން މީހުން ގޭބަންދުވީތާ ފަސް ދުވަސްވީ އެވެ. އެކަމަކު އަދިވެސް މަޑުން ނުތިބެވޭ މީހުން މަދެއް ނުވެ އެވެ. ކޮންމެވެސް ބަހަނާއަކާއެކު ބޭރަށް ނުނުކުމެއެއް ނުތިބެ އެވެ. އެ މީހުން ޖޫރިމަނާގެ އިންޒާރަކަށް ވެސް ނުގުޑަ އެވެ. ނުރައްކާތެރި ބައްޔެއް ޖެހުނަސް އެ މީހުންގެ ފަރުވާލެއް ނެތެވެ. ނުކުރާށޭ ބުނާތީ ކުރާ ހިތް ވެގެން އުޅޭހެން ވެސް ހީވެ އެވެ. އަނެއްކޮޅުން ފުލުހުން މިހާރު އެވަނީ އެފަދަ މީހުނަށް ރޯދައިގެ ކުރިން "ކުޑަ އީދެ"އް އިއުލާނު ކޮށްފަ އެވެ.

މާލެ ލޮކްޑައުން ކުރި ފަހުން، ޓެސްޓް ކުރިކަމަށް ސަރުކާރުން ބުނި ޑެލިވަރީ ނިޒާމް ފެއިލްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފޭލިވީ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ފިހާރަތަކަށް ނުކަތައިގެނެވެ. އެންމެ ފުރަތަމަ ނެރުނީ ވޮލަންޓިއަރުންނެވެ. އެވަރުން ނުވެގެން ސިފައިން ވެސް ނެރެންޖެހޭ ހިސާބަށް އޯޑަރުތައް ފުނި ޖެހުނެވެ. އާންމު ޝައްކުވާތައް ބަންޑުންވެ، ފިޔަވަޅު އެޅިޔަސް ހެޔޮ ކަމަށް ހާލުގައި ޖެހުނު ގިނަ ބައަކު ފިހާރަތަކަށް ދާން ނުކުންނަން އެހިސާބުން މަޖުބޫރުވީ އެވެ.

ޑެލިވަރީ ނިޒާމް ފެއިލްވެފައިވާ މިންވަރު ފުލުހުން ނޫސްވެރިންނާ ކުރިމަތިލައި ދެއްކި ވާހަތަކުގައި ވަރަށް ސާފުކޮށް ސިފަ ކޮށްދީފައި ވެއެވެ. ގިނަ ފިހާރަތަކަށް ޑެލިވާ ނުކޮށްދެވި ހުރި އޯޑަރުތަކުގެ އަދަދު 4،000 އަށް އަރަ އެވެ. ލޮކްޑައުންގެ ކުރި ދުވަހު އޯޑަރު ކުރި ސާމާނު ނުލިބޭ ކަމުގެ ޝަކުވާތައް ވެސް އެހާ ގިނަ އެވެ. އެކަމާ ހުރެ ގިނަ އަދަދެއްގެ ބަޔަކު "ފަޅައިގެން" ދިއުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދޭން ފުލުހުންނަށް މަޖުބޫރެއް ވެސް ވީއެވެ.

މިވަގުތު އެންމެ މުހިއްމު ކަމަކީ ނުކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނުނުކުތުން. ހުއްދަ ނެގޭ ގޮތަށް އޮތަސް، އެއީ ކޮންމެހެން ކުރަން ލާޒިމު ކަމެއް ނޫން،
ޑރ. ނަޒްލާ ރަފީގު | އެޗްޕީއޭ

ފުލުހުން ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ނުކުންނަން ޖެހޭ މީހުން ތިބޭތީ އާއިލާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދޭން ބޭނުންވެ އެވެ. އެހެންވެ ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދޫކުރާނެ އެވެ. އެ ހުއްދައިން ލިބޭނީ ވިޔަފާރީގެ އެއް ގަޑިއިރެވެ. ނުކުމެ އުޅެވޭނީ އެމީހެއްގެ ގެ ހުންނަ ވަކި ސަރަހައްދަކަށެވެ. އަދި ނުކުމެވޭނީ ވެސް ގެއަކުން މީހަކަށެވެ.

"މި ހުއްދައިގެ ދަށުންް އެހެން މީހަކު ގެންދާކަށް އަޅުގަނޑުމެން ހުއްދައެއް ނުދެން،" ޑެޕިއުޓީ ފުލުސް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވި އެވެ.

އުނދަގޫ ހާލަތު އޯގަނައިޒް ކިރަން ފުލުހުން ކިތަންމެ މޮޅު ފޯމިއުލާއެއް ނެރުނަސް އެކަމަކު ދިވެހީންގެ ކަންކަން ހުންނަގޮތް އެންމެ ރަނގަޅަށް މިހާރު އެނގޭނީ ވެސް ފުލުހުންނެވެ. ދެން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒުގެ އިތުރުންއެޗްޕީއޭގެ މެޑިކަލް އޮފީސަރު ޑރ. ނަޒްލާ ރަފީގެވެ.

މުޅި ރާއްޖެ ކޮވިޑްގެ ނާމާންކަމުގެ ތެރެއަށް ވެއްޓުނީ އެ ދެ ބޭފުޅުން ކޮންމެ ރެއަކު ރައްޔިތުންގެ ގާތު އިލްތިމާސްތައް ދަންނަވަން ތިއްބަވަނިކޮށެވެ. މިހާރު ދެން ވާނެ އެއްޗެއް ވެއްޖެ އެވެ. މާޒީ ބަދަލެއް ނުކުރެވޭނެ އެވެ.

ކޮންމެ ދުވަހަކު އެ ބަލި ޖެހިފައިވާ އެތައް މީހުނެއް މިހާރު ދަނީ ފެންނަމުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ބަލި ޖެހިފައި ތިބި މީހުނާ ސީދާ ގޮތުންނާ ނުސީދާ ގޮތުން ބައްދަލުވި މީހުނެވެ.

އެކަމަކު އަދިވެސް ބައެއް މީހުނަށް ބޮޑު ކަމެއް ވެއްޖެހެނެއް ހީއެއް ނުވެއެވެ. މިހާތަނަށް މާލެއިން ޕޮޒިޓިވްވި ކޭސްތަކާ އެކި ގޮތް ގޮތުން ބައްދަލުވި މީހުންގެ އަދަދު 500 އާ ގާތްކުރެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ބަލި ޖެހިފައި މީހުނަށް ވެދާނެ އެވެ. ޕޮޒިޓިވްވާ ކޮންމެ އިތުރު ކޭހަކާއެކު، އެ އަދަދު އެތައް ގުނައަކަށް އިތުރުވަމުން ވެސް ދާނެ އެވެ.

މުހިންމު ތަންކޮޅަކީ މިއީ އެވެ. ފުލުހުން ދޭ ފުރުސަތެއްގައި ކޮންމެހެން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެއިން ނުކުތުން ލާޒިމެއް ނޫނެވެ. އެއީ ކުރަން މަޖުބޫރު ކަމެއް ނޫން ކަން ވިސްނައި ދެއްވަން ނަޒްލާ ވަރަށް މަސައްކަތް ކުރައްވަނީ ވެސް އެހެން ވެގެނެވެ.

"މިވަގުތު އެންމެ މުހިއްމު ކަމަކީ ނުކުންނަންޖެހިގެން ނޫން ގޮތަކަށް ގެއިން ނުނިކުތުން. ހުއްދަ ނެގޭ ގޮތަށް އޮތަސް، އެއީ ކޮންމެހެން ކުރައްވަން ލާޒިމު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ދޭ ހުއްދަ ހޯދައިގެން ފިހާރައަކަށް ދިޔަސް، ގައިދުރު ކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ޖެހެ އެވެ. ނަޒްލާ ވިދާޅުވި ފަދައިން، މިހާރު ބަލި ފެތުރިފައިވާ ނިސްބަތަށް ބަލާއިރު، ފިހާރަ ތެރެއިން ދިމާވާ މީހަކަށް ވެސް ބަލިޖެހިފައި ހުރެދާނެ އެވެ. އަމަލުތައް ބަހައްޓަންވީ ވެސް އެ ވިސްނުމުގަ އެވެ. އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން ރަނގަޅަށް ބަހައްޓަން ހާއްސަ ސަމާލުކަމެއް ދޭން ޖެހެނީ އެހެން ވެގެނެވެ.

ސަރުކާރުން ވަނީ އިލުތިމާސްތަކަކާއެކު އިންޒާރުތަކެއް ވެސް ދީފަ އެވެ. ތަރުޖަމާނު މަބުރޫކު ވިދާޅުވި ގޮތުގައި ގެއިން ނުކުތުމުގެ އިންތިޒާމަކީ ކޮންމެހެން ބޭނުން ކުރަން ލާޒިމު އިންތިޒާމެއް ވެސް ނޫނެވެ.

"އަޅުގަނޑުމެން ސަމާލު ނުވެއްޖެނަމަ، ރާއްޖެ އަތުން ކައްސާލައިގެން ހިނގައިދާނެ. އޭރުން ނުތިބޭނެ އެންމެނަށް ފަރުވާދޭނެ ޑޮކްޓަރުންނެއް. ނަރުހުންނެއް ވެސް ނުތިބޭނެ. އިކުއިޕްމަންޓެއް ވެސް ނުހުންނާނެ،" މަބުރޫކު ވިދާޅުވި އެވެ.

އެ އިޝާރާތް ކުރެއްވީ މިހާރު ސިއްހީ މާހިރުންގެ އެންމެ ބިރުވެރި އަންދާޒާތަކަށެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލަނބާނަމަ، ކުރިއަށް އޮތީ ނާމާން ދުވަސްތަކެކެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނަމަ، އެ އެންމެނަށް ފަރުވާދެވޭނެ ގާބިލު ކަމެއް ރާއްޖޭގެ ސިއްހީ ނިޒާމަކަށް ނޯންނާނެ އެެވެ. އެވަރަކަށް އައިސީޔޫ އެނދެއް ނެތެވެ. ވެންޓިލޭޓަރެއް ވެސް ނެތެވެ. އެހެން ވެއްޖެނަމަ އެއް ބަޔަކު މަރުވާން ދޫކޮށްލަންޖެހޭ ހިސާބަށް ރާއްޖޭގެ ހާލަތު ދިއުން އޮތީ ދުރަކު ނޫނެވެ.

އެކަމަކު އެ އަންދާޒާތައް އަދި އޮތީ ކަރުދާހުގަ އެވެ. މާދަމާވެސް ފުލުހުންގެ ހުއްދަ ލިބުމާއެކު ހުރިހާ ރަށްޓެހިންނަށް ގުޅާނެ އެވެ. ލިބުނު ގަޑިއާ ދިމާވާ ރަށްޓެއްސަކު ހުރިތޯ ބަލައި، ދެ މީހުން ކޮންމެވެސް ގޮތަކުން ދިމާވާން ރާވާނެ އެވެ. ފުލުހުންނަށް ވެސް ނުކުންނަ އެންމެން ޗެކު ކުރެވޭނީ ވަކި ވަރަކަށެވެ. އަދި ނުކުންނަ މީހުން ވެސް ފިހާރައިން އެއްޗެއް ގަތުމަކީ އެންމެ ފަހުގެ ކަމަކަށް ހަދާނެ އެވެ. ކޮންމެހެން އެއްޗެއް ހުސް ނުވިޔަސް އެ ގަޑިޖެހުމާއެކު ނުކުމެ ދުއްވައި ގަންނާނެ އެވެ. ނުކުމެވުމަށްފަހު އެއް ގަޑިއިރު ހަމަވުމުގެ އެންމެ ސިކުންތެއް ކުރިން ގެއަކަށް ވެސް ނުވަންނާނެ އެވެ. އެއްވެސް އާދޭހެއް ނޫނީ އިންޒާރެއް ވެސް ޖުރިމަނާއެއް ވެސް ހަނދާނަކު ނުހުންނާނެ އެވެ.