ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވީޑިއަޓް: ވައިރަހަށް ވުރެ ނުރައްކާ ބޮޑު!

މިހާރު މުޅި ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 އިގެ އަލާމާތްތަކުގެ ތެރޭގައި ވަސް ނުދުވުމާއި، ރަހަ ނުލުން ފަދަ ހިއްސުތަކަށް އަސަރު ކުރާ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. ނަމަވެސް ސައިންސްވެރިންގެ ދިރާސާއެއް މި ކަމުގައި އަދި ނެތަސް ބަލި ޖެހުމުގެ ކުރިން ހަމަ ބުއްދި ފިލައިގެން ދިއުން މި ވަނީ މުޖުތަމައުގެ ތެރޭގައި ރަނގަޅަށް ވެސް ފެތުރިގެން ގޮސްފަ އެވެ.

މިހާރު "ކޮވީޑިއަޓް" ގެ ނަން ދީފައިވާ މިފަދަ މީހުން ބަލިމަޑުކަމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ. މިފަދަ މީހުން، ކޮރޯނާ ވައިރަހަށް ވުރެ ނުރައްކާ ބޮޑެވެ. އަދި މި ވައިރަސް މުޅި ދުނޔެއަށް ފެތުރިގެން ދިއުމުގައި މި "ކޮވީޑިއަޓް" އިންގެ ދައުރު އިންތިހާއަށް ބޮޑެވެ. ބަލާއާފާތެއްގެ ތެރެއިން އުފެދިގެން އުޅޭ މުޅީން ތަފާތު "ބަލިމަޑުކަމުގެ" ޝިކާރައަކަށް ދިވެހިންގެ ތެރެއިން ވެސް ބައަކު ވަނީ ވެފަ އެވެ.

ހުމުގެ ކުރިން ރަޖާ ނުލާން ބުނި އާދައިގެ ރޯގާ

މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން މި ވައިރަސް ފެނި މުޅި ދުނިޔެއަށް އެ ބަލި ނުރައްކާ ކުރަން ފެށުމާއެކު ހާއްސަކޮށް ޗައިނާއާ އިންވެގެން އޮންނަ ގައުމުތަކުން އަވަސްވެގަތީ ބޯޑަރުތައް ބަންދު ކުރުމަށެވެ. އެ ގައުމެއްގެ ސިއްހީ މާހިރުންގެ އިރުޝާދާއެކު އެ ވައިރަހަށް އާދެވޭނެ މައި ދޮރުތައް ބަންދުކޮށް ތަޅުއެޅުވީ އެވެ. ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ފުންނާބު އުސް އެކިއެކި ބޭފުޅުން ހަމަ އެ އިލްތިމާސް ތަކުރާރުކޮށް ކުރައްވަމުން ގެންދެވި އެވެ.

އެކަމަކު ސިއްހީ ބޭފުޅުންނަށް ވުރެ ކަންކަން މާ ރަނގަޅަށް އެނގިވަޑައިގަންނަވާ ރައްޔިތުން ވޯޓު ދީފައިވާ މަންދޫބުން ތިއްބަވަ އެވެ. ހަމައެކަނި އަތް ދޮވެލައިގެން ސަލާމަތްވެވޭ އާދައިގެ ރޯގާއެއް ދެކެ އެފަދަ އިއްޒަތްތެރީން ކަންބޮޑެއް ނުވާނެ އެވެ. އެ ބޭފުޅުންނަކީ ހުން އައުމުގެ ކުރިން ރަޖާ އަޅުއްވާނެ ފިނޑި ބައެއް ނޫނެވެ. ނުރައްކާތެރިކަމެއް ނެތް ކަމެއްގައި ގައުމު ބަންދު ކުރަން ތާއީދެއް އަދި އަމުދުން ނުކުރައްވާނެ އެވެ.

މަގުމަތިން އިވުނު "ލޮކްޑައުން"ގެ އަޑުތައް

މިދިއަ މަހުގެ ކުރީކޮޅު ރާއްޖެ އައި ފަތުރުވެރިއަކު ވައިރަހަށް ޕޮޒިޓިވްވި ހަބަރާއެކު މުޅި ގައުމު ހާސް ވެގެން ތެޅިގަތެވެ. އެންމެންގެ އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލި އެވެ. ވެރިންނަށް ހެއްދެވި ނެހެއްދެވި އެއް ގޮވި އެވެ. އެ ހުރިހާ އެންމެން އެއް އަޑަކުން ކުރަމުން ދިއައީ އެއް ސުވާލުތަކެކެވެ. ބޭރު މީހުން އައުން މަނާ ނުކުރަނީ ކީއްވެ ހެއްޔެވެ؟ ރައްޔިތުންގެ ފުރާނަތަކަށް ވުރެ މަހުޖަނުންގެ ރިސޯޓުތައް މުހިއްމުވީ ހެއްޔެވެ؟

އެ އަޑުތަކުގެ ބެކްގްރައުންޑުގައި ސިއްހީ މާހިރުންގެ އާދޭސްތައް ހެޑަށް އޮޅިފައި އޮތް ރޯލެއްހެން ކުރައްވަމުން ގެންދެވި އެވެ. އެއްވެ ނޫޅުމަށެވެ. ގައިދުރުކަން ބެހެއްޓުމަށެވެ. މަގުމައްޗަށް ނުނިކުމެ ވީހާވެސް ގިނައިރު ގޭގައި ތިބުމަށެވެ. އެކަމަކު ސިއްހީ މާހިރުންގެ އާދޭހުގެ އަޑުއަހާނެ އަވައްޖެއް ވާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލައަށް ކުރަންޖެހޭ ކަމެއް ކުރުމުގެ ބަދަލުގައި، އެހެން މީހަކު ލައްވާ ކަމެއް ކުރުވުން މާ އައުލާކަން ބޮޑެވެ. ސޯޝަލް މީޑިއާގައި ގައުމު ލޮކްޑައުން ކުރާށޭ ގޮވާފައި، ބޭރަށް ނުކުމެ ރަށްޓެހިންނާއެކު ކޮފީއަށްއަރައި، ބޯޑަރު ބަންދު ނުކުރާތީ ސަރުކާރަށް ފާޑުކިއުމުގައި މަސްއޫލުވެ ތިބީ އެވެ.

މަގުތައްމަތީގައި ހިންގި އޮފީސްތައް

ރާއްޖޭން އިތުރު ފަތުރުވެރިންތަކެއްގެ ކިބައިން ބަލި ފެނުމާއެކު އެންމެ ފުރަތަމަ ގޮވީ ތިމަންނާމެންގެ ޅަ ދަރިން ސަލާމަތް ކޮށްދޭށޭ އެވެ. ސްކޫލުތައް އޮންނަންޏާ ދަރީން ގެންދަން ޖެހޭތީ ޝަކުވާކުރީ އެވެ. އެއީ ރަނގަޅު ވާހަކައެއްކަން ސަރުކާރަށް ވިސްނިގެން، ސްކޫލުތަކާއި ކޮލެޖުތައް ބަންދު ކުރުމުން ވެސް، މަގުމަތިން މީހުން މަދެއް ނުވި އެވެ. އޭގެ ސަބަބަކަށްވީ ސްކޫލުތައް ބަންދު ކުރުމަކުން ނުފުދޭ ކަމަށާއި، ވަޒީފާއަށް ދާންޖެހޭތީ މަގުމައްޗަށް ނުކުންނަން މަޖުބޫރު ވެއެވެ. އެކަންވެސް ހައްލު ކޮށްދޭން ސަރުކާރުގެ އޮފީސްތައް ބަންދުކުރި އެވެ.

ދެންވެސް މީހަކު މަގެއް މަތިން މަދުވާ ގޮތެއް ނުވި އެވެ. އެކަމުގައި ވެސް ހުއްޖަތެއް ދެއްކި އެވެ. ޕްރައިވެޓް އޮފީސްތަކުގައި އުޅޭ މީހުން ވަޒީފާއަށް ދާން ޖެހޭކަމަށް ބުނެ ރައްދު ދިނެވެ. އެއީ އަލަށް އެނގުނު ކަމެކެވެ. މާލޭގައި ޕްރައިވެޓް އޮފީސްތައް ހިންގަނީ މަގުމަތީގައި ކަމެވެ. އަދި އެތަންތަނުގައި ކުޑަކުދީން ވެސް ވަޒީފާގައި ގެންގުޅޭކަން ވެސް ފަޅާއެރީ އެ ދުވަސްކޮޅެވެ.

ގައިދުރު ކޮށްގެން މަސްދަތުރު

މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް، ސިއްހީ ދާއިރާގެ އެކިއެކި ބޭފުޅުން ރޮއެ އާދޭސް ކުރި އެވެ. ދުވާލަކު ދެ އިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަބަދު އެއް އިލްތިމާސްތަކެކެވެ. އެވަރުން ނުވެގެން ޓީވީ އަދި ސޯޝަލް މީޑިއާގައި ވެސް އެކިއެކި ޕޯސްޓަރުތަކާއި ވީޑިއޯތަކެވެ. އެހެން ގައުމުތަކުން މިސާލުތައް ނަގައިގެން، ތަކުރާރުކޮށް ދެމުންދިއަ ބިރުވެރި އިންޒާރުތަކެވެ.

ގައިދުރު ކުރުމަށެވެ. މީހުން ގިނަ ތަންތަނަށް ނުދިއުމަށެވެ. އެއްވެ ނޫޅުމަށެވެ. ބޭރަށް ނުނިކުމެ ގޭގައި އޮންނާށޭ އެވެ. އެކަމަކު ފަހަރުގައި އެ ބޭފުޅުންނަށް ވިދާޅުވެވުނު ގޮތް ގޯސް ކަމަށް ވެދާނެ އެވެ. ނޫނީ އެއްބައަކަށް އެ ވިދާޅުވި އެއްޗެއް ފަހުމް ނުވީ ތޯއްޗެކެވެ. ސަބަބަކީ އެއް ބައަކަށް އެ އިލްތިމާސްތައް އަޑުއިވުނީ ދިމާ އިދިކޮޅަށްވީމަ އެވެ. އެ ބައަކަށް އަޑުއިވުނީ، ގިނަ ގިނައިން މަސްދަތުރު ދާށޭ އެވެ. ވީހާވެސް ގިނަ މީހުން އެއް ކޮށްގެން ޕާޓީތައް ބާއްވާށޭ އެވެ. ކިރިޔާ ވެސް ދަންނަ މީހެއްގެ ގެއަށް ގިނަގިނައިން ދާށޭ އެވެ. އެ ބައަކު އެކަން ވަރަށް ފުރިހަމައަށް ކުރި އެވެ. ދުވާލެއްގެ މައްޗަށް އެ މީހުން ބައްދަލުކުރި މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ވެސް ގިނަ ކޮށްލީ އެވެ.

ވައިރަހަށް ވުރެ "ބިރުވެރި" ފުލުހުން

ކޮވިޑް-19 އިގެ ކޭހެއް ބައިބޯ މާލެއިން ފެނުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް، މުޅި ދުނިޔޭގައި ވެސް ނިސްބަތުން އެންމެ އާބާދީ ބޮޑު ސިޓީގެ އެންމެން ގޭބަންދު ކޮށްލީ އެވެ. އަދި އެ ފިޔަވަޅު އެޅި ސަބަބު ރައްޔިތުންނަށް ވިސްނައިދެއްވަން ކަމާބެހޭ ބޭފުޅުން ވަރަށް މަސައްކަތް ކުރައްވަ އެވެ. މިހާލަތަށް ދާންޖެހުނީ ކުރިން ކުރަމުންދިއަ އިލްތިމާސްތައް ރައްޔިތުން އަޑުނޭހުމުންކަމަށް ވިދާޅުވަމުންނެވެ. އަދި ދެންވެސް ރާއްޖެއަށް ފުރުސަތެއް އޮތީ، މި ބަލި މުޖުތަމައުގެ ތެރޭގައި އިތުރަށް ފެތުރުން ހުއްޓުވައިގެންކަމުގެ އިންޒާރާއެކުގައި އެވެ.

ލޮކްޑައުންގެ ހާލަތުގައި އެއްބައަކަށް ވައިރަހަށް ވުރެ ނުރައްކާތެރި އެއްޗެއް މަގުމަތިން ދަނީ ފެންނަމުންނެވެ. މަގުގެ ދެކޮޅު ހޯދައި ބަލަނީ ފުލުހަކު ފެނޭތޯ އެވެ. ފެންނަން ނެތް ނަމަ، ދުވެފައި ނުކުންނަނީ އެވެ. ސައިކަލު މަތީގައި އިނދެގެން ސިނގިރޭޓެއް ބޯލާށެވެ. ސުޕާރީއެއް ގަނެލަން ފިހާރައަށް ދާށެވެ. ވައިރަހަށް ވުރެ އެމީހުން ބިރު ގަންނަނީ ފުލުހުން ޖޫރިމަނާ ކޮށްފާނެތީ އެވެ. ހުއްދަނެތި ބޭރުގައި އުޅެގެން ހައްޔަރު ކޮށްފާނެތީ އެވެ. މި މީހުން ނުރައްކާތެރި ބައްޔެއް ޖެހިދާނެތީ އެއްވެސް ޖެހިލުމެއް ނުވެ އެވެ.

ހުހަށް ހުއްޓަސް ކުލި ލިބޭ ގެދޮރު

މާލޭގައި ގެދޮރުގެ ދަތިކަން ހުރީ އިންތިހާ އަށެވެ. ކުލިތައް އެހާ ބޮޑީ އެހެންވެ އެވެ. މިއީ އެންމެ އާދައިގެ އިކޮނޮމިކްސް އެވެ. ސަޕްލައިއަށް ވުރެ ޑިމާންޑު އެތައް ގުނައެއް ބޮޑުވީމަ އެވެ. އެކަމަކު މާލޭގައި ކަންކަން ހިނގަނީ އާއްމު ބުއްދި އާއި އުސޫލުތަކާ ހިލާފަށެވެ. އިކޮނޮމިކްސް ފޮތްތައް ވެސް އަލުން ލިޔަންޖެހޭ މިންވަރަށް ތަފާތެވެ.

އާއްމުކޮށް ގަބޫލު ކުރެވޭ އިގުތިސޯދީ އުސޫލުތައް މާލޭގެ ގެދޮރު ކުއްޔަށް ދިނުމުގެ ވިޔަފާރިއާ އަޅައެއް ނުކިޔެ އެވެ. މި ލޮކްޑައުންގެ ތެރެއިން އެކަންވަނީ ވަރަށް ރީތިކޮށް ސާފުވެގެން ގޮސްފަ އެވެ. މުޅި ގައުމުގެ އިގުތިސޯދު އޮތީ ވެންޓިލޭޓަރުގަ އެވެ. ގިނަ ބައެއްގެ ވަޒީފާތައް ވަނީ މިހާރު ވެސް ގެއްލިފަ އެވެ. ދަނީ ވެސް ގެއްލެމުންނެވެ. އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ، ވިޔަފާރިތައް ވަނީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގަ އެވެ. އެކަމަކު މިހުރިހާ ކަމަކުން ކުއްޔަށް ދީފައި ހުންނަ ބައެއް ގެތައް އިސްތިސްނާވެ އެވެ. ލޮކްޑައުންގެ ހާލަތުގައި ރައްޔިތުންނަށް ބޭރަށް ނުނިކުމެވޭއިރު ވެސް، ބޮޑެތި އެޑްވާންސްތައް ދީގެން އެ ގެތައް ކުއްޔަށް ހިފާނެ މީހުން ހޯދެ އެވެ. އަދި ކުއްޔަށް ހިފާނެ މީހަކު ނުހޯދުނަސް އެ ގެތަކުގެ ވެރީންގެ މާބޮޑު ފަރުވާލެއް ނެތެވެ. ގެ ހުސްކޮށް ހުއްޓަސް އެމީހުނަށް ކުލި ބަރާބަރަށް ލިބެ އެވެ.

ބަތަލުން އެކަމަކު ފަކުރުން

މިވަގުތު ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ، ހާއްސަކޮށް ސިއްހީ ހިދުމަތްތެރީންނަކީ ގައުމީ ބަތަލުންނެވެ. ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އެމީހުނަށް ތައުރީފުގެ ބަސްތަކާއި، ފޮޓޯތަކާއި ވީޑިއޯތައް އާއްމުކުރެ އެވެ. އެ މީހުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރަމުންނެވެ. އެ ގުރުބާނީގެ އަގު އަދާ ނުކޮށްދެވޭނެ ކަމަށް ބުނެ އެވެ. ސިއްހީ ހިދުމަތްތެރިންނަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ފަހުރެވެ.

އެކަމަކު އެ ހުރިހާ ޝަރަފެއް ސިއްހީ ހިދުމަތްތެރިންނަށް އޮތީ ސޯޝަލް މީޑިއާގަ އެވެ. އެއިން މީހަކު ލޮލުކޮޅަށް ފެނުނަސް އެއް ބައަކު ދުވަނީ އަނެއް ދިމާ އިދިކޮޅަށެވެ. ރެއާ ދުވާލު ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްފައި ގެއަށް އަންނައިރު ހުންނަނީ އުޅޭ ގެއިން ނެރެލައިފަ އެވެ. އެއްކޮޅުން ތައުރީފެވެ. އަނެއް ކޮޅުން ބަލިޖެހިފައިތިބި ބައެއްގެ ދަރަޖަ އެވެ. އެއް ކޮޅުން ރައްޔިތުންގެ ފަހުރެވެ. އަނެއް ކޮޅުން ރައްޔިތުންގެ "ފަކުރެވެ".

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 އިން މިއިން ދުވަހަކު ސަލާމަތް ވެވޭކަށް ނެތެވެ. ރާއްޖެއަށް ވެސް އޮތީ ހަމަ އެއްހަމަ އެކެވެ. މި ވައިރަހާއެކީގައި އުޅުމަށް، މުޅި ދިރިއުޅުން އަލުން ތަރުތީބު ކުރަން މިހާރު ވަނީ މަޖުބޫރުވެފަ އެވެ. އެ މަޖުބޫރީ ހާލަތުގެ ތެރެއިން "ކޮވިޑިއަޓް" އިންނާމެދު ވިސްނާލުން މުހިއްމެވެ. އެމީހުނަކީ ވެސް މުޖުތަމައުގެ ހިއްސާއެކެވެ. ކިތަންމެ ބޭނުންވިއަސް، އެމީހުން ބާކީ ކުރެވޭނެ ގޮތެއް ނެތެވެ. އޮތް ގޮތަކީ އެމީހުން ވެސް ގޮވައިގެން، މި ބަލާއާފާތުން އަރައިގަނެވޭނެ ގޮތެއް ހޯދުމެވެ.