ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ބޭރަށް ރިސޯޓެއް، އެތެރެ ހޮސްޕިޓަލެއް!

ނޫކުލައިގެ ރީތި ވިލެއްގެ ތެރޭ ދިގު ފާލަމެއް އަޅާފައި އޮތެވެ. އަވީ ތެރޭ ފާލަން މަތީން ކުޑަ ތަންކޮޅެއް ކުރިޔަށް ޖެހިލައި އެއްގަމަށް ޖެހިލުމުން ސުވިމިން ޕޫލް އޭރިއާއެއް ވެސް އެބަ އޮތެވެ. އަދި ރީތި ހިޔަލުގައި ގެސްޓުން ތިބެން ހަދާފައި ހުރި ބޮޑު ލޮބީ އޭރިއާއެއް ވެސް ކުރިމަތިން ފެނެ އެވެ. އެކަމަކު އެހިސާބު ހުރަސްކޮށް އެތެރެއަށް ވަނުމުން ފެން މަންޒަރު އެހެން ތާކުން ފެންނާނެހެނެއް ހީނުވެ އެވެ. ބޭރު ފުށުން ރިސޯޓެއް ގޮތަށް އޮތް ނަމަވެސް އެތެރެއިން މި ފެންނަނީ ހޮސްޕިޓަލެކެވެ.

މިއީ ހުޅުމާލޭ ދެވަނަ ފިޔަވަަހީގެ ބިމާ ގުޅުވާލާފައި އޮންނަ ފަރުކޮޅުފުށި ނުވަތަ ކްލަބްފަރެވެ. މީގެ ކުރިން މިތަނުގައި ރިސޯޓެއް ހިންގަމުން އައި ނަމަވެސް ފަހުން މިރަށް ބާއްވާފައި ވަނީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގަ އެވެ. ކުރީ ސަރުކާރުން ބަން ކަޅުއޮއްފުންމި އާއި ރޫޅައިލި ކަޅުވަކަރު މިސްކިތް ވެސް ގެނެސް ބަހައްޓަން ނިންމީ މި ތާނގަ އެވެ. އަދި ބޮޑެތި އިވެންޓުތައް ބާއްވަން ފައްކާ ކުރަމުން އައީ ވެސް މި ރަށެވެ.

އެކަމަކު އެންމެ ފަހުން ފަރުކޮޅުފުއްޓަށް ގެންނަން ޖެހުނީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ފެތުރޭ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ، ކޮވިޑް-19 ޖެހިފައިވާ ބަލި މީހުނެވެ. އެފަދަ މީހުން ބައިތިއްބާ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ވަނީ މި ރަށް ހަމަޖައްސާފަ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރުނު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ބައިތިއްބާން ގިނަ ކަރަންޓީން ފެސިލިޓީތަކެއް ހެދިއިރު އެންމެ ފުރަތަމަ ވެސް އެކަހެރި ކުރި މީހުން ލީ ފަރުކޮޅުފުއްޓަށެވެ. މި ރަށުގެ ބޭނުން ކުރަން ފެށީ ސްކްރީނިންގެ ތެރެއިން ކްލިނިކަލް ފަރުވާދެވޭ ތަނެއްގެ ގޮތުގައި މަރާމާތު ކުރުމަށް ފަހު އެވެ. އޭރު ހުރީ 30 އެނދާއި އެކަމަށް ބޭނުންވާނެ ސާމާނާއި އާލާތެވެ.

ފަރުކޮޅުފުށި ތަރައްގީކޮށްފައި ވަނީ ރިސޯޓެއްގެ އިންފްރާސްޓްރަކްޗާއަކަށް ކަމަށްވުމުން ބަލިވެ އެކަހެރި ކުރަން ޖެހުނު ފަތުރުވެރިންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހި ޝަކުވާ ވެސް ބޮޑުވި އެވެ.

އެއް ކަމަކަށް ކުރިން ލޮބީ އޭރިއާއެއް ގޮތުގައި ބޭނުން ކުރާ ތަނުގައި އެނދު ބަހައްޓާ މީހުނަށް ފަރުވާ ދެމުން ދިޔައިރު އެތަން ހޫނުވުމާއި، މަދިރީގެ އުނދަގޫ ބޮޑުވުމުން އެޑްމިޓްކޮށްފައި ތިބި މީހުންނަށް ދައްޗާ ދިމާވީ އެވެ. އެނޫން ކަންކަން ވެސް ކުރިމަތިވި އެވެ.

އެހެންވެ ސަރުކާރަށް ޖެހުނީ ފަރުކޮޅުފުއްޓަށް ގެންދިޔަ ހުރިހާ އިކުއިޕްމަންޓުތައް އެހެން ތަނަކަށް ގެންގޮސް މީހުން ވެސް ބަދަލު ކުރާށެވެ. އަދި ބައެއް މަރާމާތު ވެސް ކުރާށެވެ. އެ މަސައްކަތް ހަވާލު ކުރީ ސިފައިންނާ އެވެ. -- ފަރުކޮޅުފުށި މަރާމާތުކޮށް ގެނައި ބަދަލުތައް ދައްކާލުމަށް ހެލްތު މިނިސްޓްރީން ނޫސްވެރިން ގެންދިޔަ އެވެ.

މިހާރު ފަރުކޮޅުފުށީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ފަރުވާ ދެވޭނެ 50 އެނދު ސަރުކާރުން ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ދެ އައިސީޔޫ އެނދާއި ވެންޓިލޭޓަރެއް ވެސް ގާއިމްކޮށްފައިވެ އެވެ. އެތާނގައި ހަތަރު ވޯޑެއް ހުންނައިރު ކުރިން ދިމާވި ހުރިހާ މައްސަލަތަކެއް ސިފައިން ނުކުމެ ވަނީ ހައްލު ކޮށްފަ އެވެ.

ވޯޑުގެ ތެރެއަށް ވަންނައިރު ދުރުދުރުގައި އެނދު ބަހައްޓާފައި ހުރެ އެވެ. އަދު މުޅިތަނުގެ ވަށައިގެން ބިއްލޫރި ޖަހާ ބަންދުކޮށްފައި ވެއެވެ. އޭސީ ހަރުކޮށް ފިނިކޮށްލައި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއްގެ ސިފަ ރަނގަޅަށް ޖައްސުވައިފައި ވެއެވެ.

"ހަތަރު ދުވަސް ތެރޭގައި 24 ގަޑިއިރު މަސައްކަތް ކޮށްގެން ނިންމާލާފައި މިވަނީ. ފުރަތަމަ ހަވާލުވިއިރު ވަރަށް އޯޕަންކޮށް އޮތްތަނެއް މަތީގައި ފިލާޖާހާ ދޮރުފޮތި ދަމާ އޭސީ ހަރުކޮށް ކަރަންޓު ވަޔަރު އަޅައި މި ހުރިހާ ކަމަކީ ގާތްގަނޑަކަށް 20 މީހުން ކުރި މަސައްކަތް،" އެމްއެންޑީއެފްގެ ވެރިޔަކު ވިދާޅުވި އެވެ.

ވޯޑުތަކާ ތަންކޮޅެއް ދުރުގައި އަދި އެހެން ރޫމެއް ވެސް ހުއްޓެވެ. އެއީ ހައި ރިސްކު މީހުންނަށް ފަރުވާދޭ ތަނެކެވެ. ކޮވިޑް-19 އިގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވާ ތަރުމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެތަނަށް ވައްދާނީ ބަލި މީހުންގެ ތެރެއިން ދުވަސްވީ މީހުންނާއި ނުވަތަ އެހެން ބައްޔެއް ހުރެގެން ރިސްކު ބޮޑު ޕޭޝަންޓުންގެ ގޮތުގައި ބެލެވޭ މީހުނެވެ.

ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ތަރައްގީ ކުރި އިރު ވަސީލަތްތަކާއެކު ޖުމުލަ 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.