ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ

ބާރު ބޮޑު ބާޒާރާއި ބަނދަރު ފަޅަށް!

Apr 27, 2020
1

މާލޭގެ ބާޒާރުމައްޗަކީ އާދާގައި ވެސް އަބަދު ފުރިބާރުވެފައި އޮންނަ ވަރަށް ބާރު ބޮޑު ބާޒާރެކެވެ. ރޯދަ މަހެއް އަތުވެއްޖެއީ ވިއްޔާ މާލޭގެ ބާޒާރުމައްޗަށް މާލޭގެ މާރުކޭޓްތަކާއި ބަނދަރުމަތި ހުރިހާ ވަގުތަކަށް އިންތިހާއަށް ބައިބޯވެ ހަލަބޮލިވެފައި އޮވެ އެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް މެންދުރު ނަމާދުން ފައިބާ ގޮތަށް ބާޒާރާއި "ބަނދަރުގެ މެޝިނު" ގެ އުޑި ދެގުނަ ބާރު މިނުގައި އެނބުރިގަނެ އެވެ. ރޯދަ ވީއްލާނެ ތަކެއްޗާއި ބާއްވަތްތައް ގަންނަން ދާ މީހުންނާއި ފިހާރަތަކަށް މުދާ ގަންނަން ދާ މީހުންނާއެކު އޮޑި ދޯނި ފަހަރަށް މުދާ އެރުވުމާއި ބޭލުމާއި ކަމާލު ކުރުމާއި މަޖޫރީ މަސައްކަތެވެ. މިހެން ގޮސް ހުއްޓުމެއް ނެތި ބުރަކަށް އެނބުރޭ އެތައް އެތައް ކަމަކާހުރެ މާލޭ ބާޒާރާއި ބަނދަރު އޮންނަނީ "ގަޔަށް އަރައިގަންނަ" ހިސާބުގައި ރަކަރަކަ ލައިލައެވެ. އޭގެ ތެރެއަށް ސައިކަލުތަކާއި ކާރާއި ޕިކަޕާއި ލޯރިފަހަރާއި އެއް ގަމުގެ ބަރު އުޅަނދުތައް ވަދެ މަގުތައް ފުރާފައި އޮންނަނީ ބަރުގޮނާއި ހޯބޯލެވުމާއި ޒުވާބުގަ އެވެ. ބާރު ބޮޑު ބާޒާރުތައް ހުއްޓަސް މިކަހަަލަ ބާޒާރެއް ދުނިޔޭތާކު ނުވެސް އޮންނާނެ އެވެ.

މި އަހަރުވެސް ޖަނަވަރީން ފެށިގެން ދަނޑުވެރިންނާއި ވިޔަފާރިވެރިން ބޮޑެތި އުންމީދުތަކާއެކު ރޯދައަށް ތައްޔާރުވެފައި ވެއެވެ. އަދި އެތައްޔާރީތައް ވަމުން ދިޔައިރު ވެސް ދުރު އިރުމަތީގެ ޗައިނާއިގެ ވޫހާނުން އުފަންވި ކޮވިޑް-19 އިގެ ބަލާމުސީބާތުގެ އަނދިރި ވިލާގަނޑު ރާއްޖެ މައްޗަށް އޮތީ ހިޔަނި އަޅައިގެނެވެ.

ރަށު ވިޔަފާރިވެރިން މާލެއަށް ތަކެތި ގެނައުމުގެ ތައްޔާރީތައްވެ، ރޯދަ މަހަށް ހަފުތާއަކަށްވެފައި ވަނިކޮށް މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެ، މުޅި ރާއްޖެ އެކަށް ހެން ޖަމާވެފައި އޮންނަ މާލެ ރޫޅާލައި އެކޮޅުކޮޅުން ޖަހައިފި އެވެ. ދެން މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭ މޭލޭ ސިޓީ ލޮކްޑައުން ކުރަން މަޖުބޫރުވީ އެވެ. އެއާކު އަބަދުވެސް އަދި ހާއްސަކޮށް ރޯދަ މަހު ބާރު ބޮޑު ބާޒާރާއި ބަނދަރު އެކަށް ފަޅުވެގެން ދިޔައީ އެވެ. ދިވެހި ތާރީހު ދުވަކުވެސް އަދި މި ފޮޅުވަތެއް ނުލިޔެ އެވެ.

ރޯދަ އާއި ތާޒާ ތޮއްޑޫ ކަރާގެ ވާހަކަ މިއަހަރަކު ނީވެ އެވެ. އެ ބޮޑު ކަރާ ފޮތި އެއްވެސް ދިމާއަކު ނުވެސް ފެނެ އެވެ. ކަނޑޫދޫ މިރުހުގެ އަގު ބޮޑު ކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ހިސާބަކަށް ބަލާލައިފި ވިއްުޔާ އެއީ އިންސާނީ ތާރީހުގައި ދުނިޔޭގެ ރިކޯޑަކަށް ވެސް ވެދާނެ އެވެ. ބާޒާރުގެ އަގުތަކަށް ދުވަހުން ދުވަހަށް އަންނަ ބަދަލުތަކުގެ އެއްވެސް ހަބަރެއް ނެތެވެ. އެންމެންގެ ސަމާލުކަން ހުރީ ދުވަހުން ދުވަހަށް ނަމްބަރު މައްޗަށް އަރަމުންދާ ކޮވިޑް-19 އިގެ އަޕްޑޭޓް އަންނަ ޕްރެސް އަށެވެ.

"ތާޒާ މަހެއް ހޯދަން ކޮންމެ ދުވަހަކު މާރުކޭޓަށް ދަން. ބާޒާރަށް ގޮސް ރޯދަ ވީއްލަން ފަނި ގިރާލާނެ މޭވާއެއް ކޮންމެ ދުވަހަކު ނުގަންނަންޏާ ރޯދައި އައިސްފި ހެނެއް ހީނުވޭ. އެކަމަކު މުޅި ހަޔާތް މިއޮތީ ބަދަލުވެފައި،" މީހަކު ބުންޏެވެ.

އެންމެންގެ ރައްކާތެރި ކަމަށްޓަކައި ބާޒާރު މައްޗަށް ދިޔުން މަނާކޮށްފައި އޮތުމުން އެ ސަރަހައްދަށް ދެވޭ މީހަކަށް މި ދެވެނީ ކަރުގައި ހާއްސަ ފާހެއް އަޅައިގެނެވެ. އެހެންވެ އެއަށް ބޮޑު ބާޒާރުމަތީން މީހަކު ފެންނަނީ ހާލުން ހާލުންނެވެ. ކޮންމެ ކަންމައްޗަކުން ވެސް ފެންނާން ހުންނަނީ ފުލުހުގެ ބުލޫ އެކެވެ. މުޅި ބަނދަރުމަަތީގައި ފުލުސް ރޯނު ދަމާލުމުން ބަނދަރުވެފައި ވަނީ ފޮޓޯގަނޑަކަށެވެ.

"ރޯދަ މަހާ ހަމަޔަށް އޮތީ ބާޒާރުތައް ބަންދުކޮށްފައި މަރާމާތު ކުރަން. އެ ހުޅުވާ ރަނގަޅަށް މުދާތައް ބޭލުވި ފަހުން ކޮވިޑްގެ ކަންތައް ވަރު އަރައިގަނެ މުދާތައް ލިބުމުގަ ދަތިތައް އައީ. ދެން ބައެއް ތަކެތި ކުނިވެ އުކާލަން ޖެހުނީ އެއަށް ފަހު މިހާރު މުޅި މާލެ ބަންދުކޮށްފައި އޮތުމުން ތިބެން މި ޖެހެނީ ވާނުވާގައި،" ބާޒާރުމަތީގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

"ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިން ސަލާމަތްވާން ރާއްޖެއަށް މިވަގުތު ކުރެވެން އޮތް ކަމަކީ ގައިދުރުކަން ބަހައްޓާ ގޭގައި ތިބުން ކަމަށް ސިއްހީ މާހިރުން ބުނޭ. މި ދަނޑިވަޅަކީ ބާޒާރު ހުޅުވަން ރަނގަޅު ދުވަސްވަރަކަށް ވެސް ނުވާނެ،" އެހެން މީހަކު ބުންޏެވެ.

މާލޭގެ ބިޒީ މަގުތަތަކަށް އައި ހަމަ ހިމޭންކަމާއެކު އެތައް ބައެއްގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑެތި އެތައް ބަދަލުތަކެއް އައިސްފަ އެވެ. ބަދަލު ނުވާ އެއްވެސް ކަމެއް ނެތެވެ.