ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މުދާ މަދުވަމުން ގޮސް ބާޒާރު ހުސްވަނީ!

ބާޒާރުގެ މިހާރުގެ ހާލަތު: ކޯރާނާ ވައިރަސްއާއެކު މާލޭގެ ބާޒާރުގެ ގިނަ ބާވަތްތައް ބާޒާރުން ވަނީ ހުސްވެފައި -- އަވަސް ވީޑިޔޯ | އާއިމް ޒަމީރު

މާލޭ ބަނދަރުގައި ބޯޓު ބާއްވައިގެން ފެހި ކެހުމަކީ އެއްވެސް ބޯޓެއްގެ ފަޅުވެރިން މީގެ ކުރިން ކޮށް އުޅުނު ކަމެއް ނޫނެވެ. އެހެން ނަމަވެސް ހާލަތާއި ވަގުތަށް އައި ބަދަލާއެކު ބޯޓުތަކުގެ ފަޅުވެރިން މާލޭގެ "ހަޑި" ފަޅުތެރެއަށް ފުންމާލައި ތިބެން ޖެހިފައި ވަނީ ފެހި ކަހާށެވެ. އެއް ބޯޓު ބަނދަރުގައި އޮންނަތާ މި އަދަށް ވިއްސަކަށް ދުވަސްވެފައިވެ އެވެ. އެ މީހުނަށް ރަށަށް ފުރޭނެ ދުވަހެއް ނޭނގެ އެވެ. އެއްވެސް ބޯޓަކަށް ބަރުވާ ވަރަށް މުދަލެއް ނުލިބެ އެވެ. ބާޒާރުގައި މުދާ މަދުވެ، ބޯޓު ފުރޭނެ ގޮތެއް ނެތެވެ. ދުނިޔެ "ލޮކްޑައުން" އަކަށް ދިއުމުގެ ބޮޑު ބަދަލާއެކު މުދާ މަދުވެ ބާޒާރު ވަނީ ހުސްވެ ފުށުން ޖެހިފަ އެވެ.

"ބޯޓަށް ފުރޭނީ މުދާ ލިބިގެން، ބޭނުންވާ މުދަލެއް ނުލިބޭ. ހުސް ބޯޓެއް ދިއުމަށް ވުރެ ރަނގަޅު މާލެ މި ގޮތަށް އޮތުން ވެސް،" މާލޭ ބަނދަރުގައި އޮތް "ދިރަހަ" ބޯޓުގެ ފަޅުވެރިއަކު ބުންޏެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ބަންދު ކުރުމުގެ ވޭން އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ވިޔަފާރިވެރިނެވެ. އޭގެ ސަބަބުން ކުރިން ދިވެހިން އާއްމު ގޮތެއްގައި ބޭނުން ކުރަމުން އައި ގިނަ ބާވަތްތަކެއް ވަނީ ހުސްވެފަ އެވެ. ޗާޓަރު ފްލައިޓް ތަކުން މުދާ އެތެރެ ކުރަން ފެށިފައިވި ނަމަވެސް ބާޒާރުން އެކަން ފެންނަން އަދި ދުވަސް ނަގާނެ އެވެ.

ގިނަ ބާވަތްތަކުގެ މުދާ އެއްކޮށް މިހާރު ވެސް ވަނީ ހުސްވެފަ އެވެ. ބާޒާރުން ހުސްވެފައިވާ ބާވަތްތަކުގެ ތެރޭގައި ކެއުމަށް ބޭނުން ކުރާ ކެޕްސިކަމް އާއި ބެލްޕެޕާ ފަދަ ހިނގާ ތަރުކާރީގެ ގިނަ ބާވަތް ތަކެއް ހިމެނެ އެވެ.

"މިހާރު ތަރުކާރީގެ 50 ޕަސެންޓް ނުލިބޭ. ހަމައެކަނި މި ލިބެނީ ކެރެޓް މައިގަނޑު ގޮތެއްގައި،" ބާޒާރުގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

ދިވެހި އުފެއްދުންތައް ވިއްކާ މާރުކޭޓަށް ވަންނައިރު ކަރާ ގޯނިތަކުގައި އޮންނަނީ މެހި ބުރަބުރަ އެވެ. ކަރާތައް ކުނިވެ ހަލާކުވާން ފަށާފައިވާއިރު، ރަނގަޅު ކަރާ ހޮވޭތޯ ބިދޭސީން މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު ދިވެހިންގެ މެދުގައި މަގުބޫލު ކަރައެއް ގަންނާނެ މީހަކު ވެސް ނުވެ އެވެ. ބޭރުން ގެންނަ މުދާ ރާއްޖެ އައުން މަދުވެފައިވާއިރު ރަށް ރަށުން ވެރިރަށް މާލެއަށް މުދާ އެތެރެ ކުރުން ވެސް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ކުރިޔަށް އޮތީ ރޯދަ މަހެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް އަދި ވާނެ ގޮތެއް ބުނަން ވެސް ނޭނގެ އެވެ.

މާރުކޭޓުގައި މުދާ ވިއްކަން ތިބި މީހުންގެ މޫނުމަތިން މިހާރު ފެންނަނީ މުޅީން މާޔޫސް ކަމެވެ. ކޮރޯނާ ވައިރަހަށް ރާއްޖެއިން ވެސް މީހުން ޕޮޒިވްވެފައި ވުމުން އުފެދިފައިވާ ބިރުވެރިކަމުގެ ތެރޭގައި ބާޒާރު އަނދަރިވެފައިވާތީ އެވެ. މީގެ ހައެއްކަ ދުވަސް ކުރިން ހަލަބޮލިކޮށް އޮތެއް ކަމަކު މާރުކޭޓަށް ވަންނަ މީހުންގެ އަދަދު ވެސް މިހާރު ބޮޑު ތަނުން މަދެވެ.

"މި ގޮޅިން ކުރިން ދުވާލަކު 40 ފުޅި ރިހާކުރު ވިއްކަން. އެކަމަކު މިހާރު ވިކެނީ ދުވާލަކު ތިން ފުޅި،" ރިހާކުރު ވިކަން ހުރި ތ. ތަމަރަފުށީ، އަބްދުﷲ މުފީދު ބުންޏެވެ

ކޮރޯނާ ވައިރަސް މުޅި ދުނިޔޭގެ އިގްތިސޯދު "ކަމުން" ދާއިރު ރާއްޖެ ވެސް މި ގެއްލުމުން އިސްތިސްނާއެއް ނުވެ އެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލާ މުސީބާތާއެކު ރާއްޖޭގެ ބާޒާރުން ވެސް މިހާރު ފެންނަން ފަށާފައި އެވަނީ އެ މަންޒަރެވެ. ބާޒާރުގައި ތަކެތި މަދުވެ، މުޅީން ހީނަރު ވެއްޖެ އެވެ. ހުރިހާ ކަމެއް ފުށުން ޖެހިއްޖެ އެވެ.