ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފޯކަސް އޮތީ މުވައްޒަފުން ސަލާމަތް ކުރަން!

Apr 8, 2020
1

ހޮޓާ ހިންގާ، އަބްދުﷲ ޖަމީލުގެ މާލޭގައި ކެއިން ބުއިމުގެ ވިޔަފާރި ކުރާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މާލޭގައި އޭނާގެ ހަތަރު ތަނެއް ހިނގަހިނގާ އޮވެ އެވެ. މިއީ އޭނާއަށް ކުރިން މާ ރަނގަޅަށް ވެސް ބޮޑު އާމްދަނީއެއް ލިބެމުން އައި ކަމެކެވެ. އެކަމަކު ކޮވިޑް-19 އިގެ ބަލާއާފާތާއެކު ރާއްޖޭގައި ރައްކާތެރި ކަމަށްޓަކައި ސައި ހޮޓާތަކާއި ކެފޭ / ރެސްޓޯރެންޓްތައް ބަންދު ކުރުމާއެކު މުޅި ހާލަތު އެކޮޅުކޮޅުން ޖެހިފައި ވެއެވެ.

މިހާރު އެފަދަ ތަންތަނުން ހަމައެކަނި ކުރެވެނީ "ޓޭކްއަވޭ" އާއި "ޑެލިވަރީ" އެވެ. އެހެން އެއްވެސް ވިޔަފާރިއެއް ނެތެވެ. ވަރަށް މަދު އަދަދެއްގެ ބަޔަކު ތަންތަނަށް ގޮސް ގޮސް ކާއެއްޗެއް ގަނެލައިގެން ދިއުމާއި އޯޑަރު ކޮށްގެން ގެއަށް ގެންދިއުން ފިޔަވައި އެހެން ކަމެއް ނެތެވެ. އާބާދީގެ ވޮލިއުމް ބޮޑު އެހެން ގައުމުތަކުގައި ވާހެން ރާއްޖެއަކު ނުވެއެވެ. ރާއްޖޭގައި ގިނަ ބަޔަކު "ގޭބަންދުގައި" ތިބި ނަމަވެސް ޓޭކަވޭ އާއި ޑެލިވަރީގެ ވިޔަފާރިއަށް ކުރިން ހީރުވަރުގެ ޑިމާންޑެއް މިހާލަތުގައި ވެސް އުފެދޭ ގޮތެއް ނުވި އެވެ. އަދި ވަރަށް ގިނަ ތަންތަނުގައި އެ ކެޕޭސިޓީއެއް ވެސް ނެތެވެ.

މި ވިޔަފާރި ކުރާ ގިނަ މިހުން ބުނާ ގޮތުގައި މިހާރު މަސައްކަތް ކުރަނީ އެންމެ ބޭނުމެއްގަ އެވެ. ހަމައެކަނި މުވައްޒަފުންގެ ހަރަދުތައް ކަވަރު ކުރާށެވެ. އެނޫން ބޭނުމެއް ނެތެވެ.

"މުވައްޒަފުންނަށް މިހާރުގެ ހާލަތު އެނގޭ. އެހެންވެ ހުރިހާ މީހުން އެއްބަސް ކިޔާފަ މިކަން މިކުރަނީ ހަމައެކަނި އެ މީހުންގެ މުސާރަތައް ފޫބައްދަން. އެކަން ކުރެވުމުން މިވަގުތަށް އެ ނިމުނީ. މިހާރު ހަތަރު ތަނުން ދުވާލަކު ކިރިޔާ މި ލިބެނީ 9،000 ރުފިޔާ... މިއީ މުޅި ދުނިޔެއަށް އައިސްފައި އޮތް ހާލަތެއް. މި ހާލަތުގައި މިކަން އޮންނާނީ ވެސް ހަމަ މިހެން،" އަމީނީމަގު އިމާދުއްދީން ސްކޫލް ކައިރީ ހިންގާ، ރަތްދެބައި ޓޭކްއަވޭ ކައިރީގައި ހުރެ ވާހަކަ ދައްކަމުން ޖަމީލު ބުންޏެވެ.

މި ވިޔަފާރި ހިންގާ މީހުން ބުނާ ގޮތުގައި ބަލާބެލުމަށް މީހުން ގިނަ ކަމަށް ފެނުނަސް، މަދު ތަނަކަށް ނޫނީ އެކަށީގެންވާ އާމްދަނީއެއް މިހާރަކު ނުލިބޭނެ އެެވެ. އެއާ ހިލާފަށް ކުރިން މިއީ ބޮޑު، ރަނގަޅު އާމްދަނީއެއް ލިބޭ މޮޅު ވިޔަފާރިއެކެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ހިންގާ ތަނަކުން ރަނގަޅު އާމްދަނީއެއް މިހާރު ލިބުނަސް ގޯޅިތަކާއި ގިނަ ރެސްޓޯރެންޓްތަކުގައި ހިންގާ ޓޭކްއަވޭ ތަކަށް ލިބޭ އާމްދަނީ ވަރަށް ދަށެވެ. އެއްވެސް ވަރެއް ނުވެ ލައްޕަން ޖެހޭ ތަންތަން މަދެއް ނުވާނެ އެވެ.

މާލޭގައި އެންމެ ފުޅާކޮށް ޕިއްޒާގެ ވިޔަފާރި ކުރާ ޖެލީގެ ވިޔަފާރި ވެސް މިހާރު އޮތީ ހަމައެކަނި މުވައްޒަފުންގެ ހަރަދު ބެލެހެއްޓުމަށެވެ. އެ ތަނުން ވާހަކަ ދެއްކި އިސް ބޭފުޅަކު ވެސް ވިދާޅުވީ އެހެނެވެ.

"އިރާދުކުރެއްވިއްޔާ މަސައްކަތް ކުރަމުން މިދަނީ މުވައްޒަފުންގެ ހަރަދުތައް ބެލެހެއްޓޭނެ ވަރު ކުރަން. މިހާރުގެ ހާލަތުން އެކަން ކުރެވުނަސް އެވަރު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑެތި ރިސޯޓު ތަކުން ގިނަ މުވައްޒަފުން ކަނޑާލައި އަދި ބައެއް މުވައްޒަފުން "ނޯޕޭ" އަށް ފޮނުވަމުން ދިޔަ ނަމަވެސް ކާބޯތަކެތީގެ މި ވިޔަފާރި ކުރާ މީހުންގެ ތެރޭގައި އެ ފަދަ ވިސްނުމެއް އަދި ނެތެެވެ. އެކަމަކު ކޮވިޑް-19 އިގެ ސަބަބުން ކުރާ އަސަރުން މި ވިޔަފާރިތައް ކުރިޔަށް އޮތް ދުވަސްތަކުގައި ދާނީ ފަތް ޖެހި ހަލާކުވަމުންނެވެ. އެހެން ވިޔަސް އެ މީހުންގެ ފޯކަސް މި ވަގުތު ހުރީ މުވައްޒަފުންނަށެވެ. އެކަން ކުރެވުމުން މި ވަގުތަށް އެ ނިމުނީ އެވެ.