ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މުގުރިހަ މާ ދެރަވަރު އެއްޗަކަށް ވަނީ ކީއްވެ؟

ރާއްޖެ މި އޮތީ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. ނުރައްކާތެރި ކޮވިޑް-19 ރަނގަޅަށް ވެސް ދިވެހި މުޖުތަމައުގެ ތެރެއަށް ވަނީ ފެތުރިފަ އެވެ. މިހާރު ކޮންމެ ދުވަހަކުމެ ދިވެހީންގެ ތެރެއިން އެތައް ބައަކު ދަނީ އެ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އަދި އެ ބަލި ޖެހޭ މީހުނާ ބައްދަލުވި އެތައް ބައަކު މިހާރުވެސް ތިބީ ކަރަންޓީނު ފެސިލިޓީތަކުގައި ބަންދުވެފަ އެވެ. އެ އަދަދު މިހާރު ވެސް އުޅެނީ ހާހަކަށްވުރެ މަތީގަ އެވެ. އޭގެ ތެރެއިން ވެސް ގިނަ ބައަކު އެ ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު އެ މީހުންގެ ތެރެއިން އެއް ބައި މީހުންގެ ކަންބޮޑުވުންހުރީ އެހެން ދިމާލެއްގައިކަން ސޯޝަލް މިޑީއާ ކުޑަކޮށް ހާވާލިއަސް ފެންނާނެ އެވެ. މި ރޯދަ މަހު، ރޯދަ ވީއްލަން އެ މީހުނަށް ގެންދާ ބަތާއި މުގުރިހައިގެ ޝަކުވާ ފޮޓޯތައް ދަނީ މިހާރު ދައުރުވަމުންނެވެ.

ޝަކުވާ ކުރާ މީހުނަށް އަމާޒުވާ ފާޑުކިޔުންތައްވެސް މަދެއް ނޫނެވެ. "ތިޔަ ތިބީ ކަރަންޓީނުގައޭ، ޗުއްޓީއެއްގަ އެއް ނޫނޭ" ބުނެ އެވެ. މި ބަލާއާފާތުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާނެ އެއްޗެއް ނެތި ބަނޑަށްޖެހިފައިތިބި އެތަކެއް މުސްލިމުންނެއް ތިބިއިރު، މިންވަރަށް ޝުކުރު ނުކުރާ ކަމުގެ ބަސްތައް ވެސް އެމީހުނަށް އެބައޮތެވެ.

އޭގެ އަނެއް ކޮޅުން، އެ މުގުރިހައިގެ ޝަކުވާ ކުރާ މީހުނަށް ތާއީދުކުރާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. އެ މީހުން ބުނާ ގޮތުގައި ސަރުކާރުގެ އިންތިޒާމުތައް އެއަށްވުރެ ރަނގަޅުވާން ޖެހޭނެ އެވެ. އަދި ރޯދަ މަހު ރޯދަވީއްލަން މުގުރިހަ ދިނުމަކީ ގަބޫލު ކުރަންދަތި ކަމަށް އެ މީހުނަށް ވެފައި ވެއެވެ. މި އަރައިރުމުގެ ތެރެއިން އުފެދޭ ސުވާލަކީ، ދިވެހިންގެ ތެރޭގައި މުގުރިހަ މިހާ ދެރަ ނިކަމެތި އެއްޗަކަށްވީ ކޮންއިރަކު އަދި ކޮންގޮތަކަށް ހެއްޔެވެ؟

"ޖަލު ކޮއްތު" ވީމަ އަގެއް ނެތީ؟

ކުޑައިރުވެސް އަޑުއަހާ ވާހަކަ އެކެވެ؛ މުގުރިހަ އާއި ބަތާ ކައިފީމޭ އޮޅިގެންވެސް ބުނެވިއްޖެ ނަމަ އެއާ ވިއްދައިގެން މަލާމާތުގެ ރާގަކަށް އެ ކެއުމަށް ނިސްބަތް ކުރަނީ "ޖަލު ކޮއްތޮ" ގެ ގޮތުގަ އެވެ.

ބަހުގެ އަދަބިއްޔާތުގެ އިލްމުވެރިޔާ ޑރ. އަޝްރަފް އަބްދުއް ރަހީމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ މަޝްހޫރު ބޮޑެތި ޖަލުތަކުގައި ވެސް ގައިދީންނަށްދޭ ކާނައިގެ ތެރޭގައި މުގުރިހަ ވަރަށް އާއްމެވެ. އެގޮތުން، އިންޑިއާގެ ވޯރާ ވިޔަފާރިންގެ ރާއްޖޭގައި ތިބި ޒަމާނުގައި ދިވެހިންނަށް ތައާރަފު ކޮށްދިން ކަމަށް ބެލެވޭ މުގު، ރާއްޖޭގެ ޖަލުތަކުގައި ވެސް ގައިދީންނަށް ދެމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މުގުރިހަ އަކީ ޖަލުގައި ވެސް ލިބޭ އެއްޗަކަށް ވާތީ އެއީ މާ އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވެފައި މި އޮންނަނީ،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަވަށްޓެރި ގައުމުތަކުގައި ވެސް މުގަކީ އަގު ހެޔޮކޮށް ލިބޭ އެކަމަކު ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ކާނާއަކަށް ވާތީ، މުގަކީ ޖަލުތަކުގެ އިތުރުން، ހާއްސަކޮށް އިންޑިއާ ފަދަ ގައުމުތަކުގައި ފަގީރުން އާއްމުކޮށް ކައި އުޅޭ އެއްޗެކެވެ. އެހެންކަމުން، މުގަކީ އޭގެ ޒާތުގައި ދެރަ އެއްޗެއްގެ ގޮތުގައި އެ ގައުމުތަކުގެ މީހުން ވެސް ދެކޭ ފަހަރު ގިނަކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އިންޑިއާގައި ބުނެ އުޅޭ ހަރުބަހެއް ވެސް މިސާލެއްގެ ގޮތުގައި ޑރ. އަޝްރަފް ދެއްކެވި އެވެ. "އެ މީހުން ބުނާނެ 'ގަރްކީ މުރުގީ ޑާލް ބަރާބަރު' ... އޭގެ މާނައަކީ ގޭގައި ކައްކާ ކުކުޅު މުގުރިހަ އާ އެއްހަމައޭ. އެއިން ވެސް މުގުރިހައަކީ ދަށްއެއްޗެއްގެ ގޮތުގައި ސިފަކޮށްފައި އެ އޮންނަނީ،" އޭނާ މާނަ ކޮށްދެއްވި އެވެ.

އިނގިލިތައް ރީނދޫވުން

އަވަށްޓެރި ގައުމުތަކުގައި ކައި އުޅޭ ދެރަ އެއްޗެއްގެ ގޮތުގައި މުގުރިހައަށް ނިސްބަތްކޮށް، އެ ގައުމުތަކަށް ދިގު މުއްދަތަކަށްދާ މީހުނާ ދިމާލަށް މަލާމާތުގެ މޭރުމަކުން ބުނެ އުޅޭ ވާހަކައެއް އަޝްރަފްގެ ވާހަކަފުޅަށް ބާރު ދެއްވައި ދިވެހި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ މުހައްމަދު އިސްމާއިލް ފުޅު ވެސް ވިދާޅުވެ ދެއްވި އެވެ.

"އިންޑިއާ ކަހަލަ ގައުމަކަށް ތަންކޮޅެއް ގިނަ ދުވަހަށް ދަންޏާ ބުނާނެ، އެނބުރި އަންނައިރު އަތުގެ ތިން އިނގިލި ހުންނާނީ ރީނދޫ ވެފައޭ. އެ ބުނަނީ އެ ގައުމަކަށް ގޮސް އަބަދު މުގުރިހަކާން ޖެހޭ ވާހަކަކަން ފަހުން އަޅަގަނޑަށް ވެސް އެނގުނީ،" މުހައްމަދު އިސްމާއިލް ފުޅު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަވަށްޓެރި ގައުމުތަކަށްވުރެ ދިވެހީންގެ ފެންވަރު މަތިކަމަށް ބައެއް މީހުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ވިސްނުމުގެ ތެރެއިން، މުގުރިހަ އެއީ ދެރަވަރުގެ އެއްޗެއްގެ ގޮތުގައި ދެކުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ދިވެހިންގެ ތެރޭގައި މުގުރިހައަށް އެހާ ދަށު ދަރަޖައެއް ލިބިގެން އުޅޭ ސީދާ ސަބަބެއް ވިދާޅުވެ ދެއްވަން ފުޅަކަށް ވެސް އެނގިވަޑައެއް ނުގަތެވެ.

ނިކަމެތިވުމާއި ޝާހީވުމުގައި މާބޮޑު ތަފާތެއް ނެތް

ނ. ކުޑަފަރީއަށް އުފަން ޑރ. އަޝްރަފް ވިދާޅުވި ގޮތުގައި، މުގުން ހަށިގަނޑަށް ލިބޭ ހަކަތަ އާއި ފައިދާ އާމެދު ދެބަސްވެވޭނެ އެއްވެސް ގޮތެއް ގޮތެއް ނެތެވެ. އަދި ފަގީރުންގެ އެއްޗަކާއި ޝާހީ އެއްޗެއްގެ ގޮތުގައި އިންޑިއާގައި ވެސް މުގު ދެކޭ އިރު، އޭގައި ހަމައެކަނި ތަފާތަކީ އެ ކައްކާ ގޮތްކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެގޮތުން، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ވެސް ދަރިވަރުން ބައިތިއްބާ ތަންތަނުގައި އަދިވެސް މުގުރިހަ އާއްމު ކޮށްދޭކަން އަޝްރަފް ފާހަގަ ކުރެއްވި އެވެ.

"ޖަލު ވިޔަސް، ކޮލެޖެއް ވިޔަސް، ގިނަ ބަޔަކަށް ކާންދޭންޖެހޭ ތަންތަނުގައި މުގުރިހަ އަކީ ހަމަ ވަރަށް އާއްމު އެއްޗަކަށްވެފައި މި އޮންނަނީ. އެއީ އަގު ހެޔޮކޮށް، ފަސޭހައިން ކައްކާލެވޭ އަދި ހަށިގަނޑުގައި ހަކަތަ އުފައްދަން ބޭނުންވާ ޕްރޮޓީން ލިއްބައިދޭ އެއްޗަކަށް ވާތީ، އެކަހަލަ ތަންތަނުގައި މުގު ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އަޝްރަފް ފާހަގަ ކުރެއްވި ފަދައިން، މުގަކީ ފަގީރުންގެ އެއްޗެއްގެ ގޮތުގައި ބެލެވިފައި އޮންނަ ނަމަވެސް، އިންޑިއާގައި ވެސް ޕަންޖާބު ފަދަ ސްޓޭޓުތަކުގައި މުގަކީ ޝާހީ އެއްޗެއްގެ ގޮތުގައިވެސް ބަލަ އެވެ. އެގޮތުން، "ޑާލް ފްރައި" އަދި "ޑާލް ޓަރްކާ" އަށް ރާޖަސްތާނު ފަދަ ތަންތަނުގައި ރަސްރަސްކަލުންގެ ފަރީއްކޮޅުގެ ދަރަޖަ ދީފައި އޮވެއެވެ.

އޭގައި ތަފާތު ވަނީ ކައްކާ ގޮތާއި ސުފުރާ މައްޗަށް އެ ގެންނަ ގޮތެވެ. ޖަލުތަކުގައި ހުރިހާ ގައިދީންނަށް ފުދޭވަރަށް، ވަރަށް ދިޔައި ކޮށް ފެން މުގުރިހައެއް ދީ އުޅޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިންޑިއަން ރެސްޓޯރަންޓު ތަކުގައި "ޑާލް"ގެ އެކިއެކި ބާވަތްތަކަކީ މެނޫގައި އެންމެ އަގު ބޮޑު ޑިޝްތަކެވެ.

"އަޅުގަނޑުމެން ދިވެހިންވެސް އިންޑިއަން ރެސްޓޯރަންޓަކަށް ގޮސްފިނަމަ، 120 ރުފިޔާ ދީފައި ޑާލް ފްރައިއެއް އޯޑަރު ކުރާނެ. އެކަމަކު ގޭގައި ކާއިރު މުގުރިހަ އެއީ ދެން މާ ދަށް އެއްޗަކަށް ހަދާފައި މި އޮންނަނީ. މީގައި މިއުޅެނީ ހަމަ އިޖުތިމާއީ ގަބޫލު ކުރުމެއްގެ ތަފާތު،" އަޝްރަފް ވިދާޅުވި އެވެ.

ކޮންމެއަކަސް، މުގަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއްކަން ޔަގީންވެ އެވެ. ޕްރޯޓީނުން މުއްސަނދި މުގުރިހަ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެ އެވެ. ބައްޔަކާ ގުޅުވައިގެން ކަރަންޓީނުކޮށްފައި ތިބި ބައަކަށް ދޭން ސިއްހީ ގޮތުން ހަމަ އެއްވެސް މައްސަލައެއްނެތް ކާނާ އެކެވެ. ދެން އޮތީ އެ މީހުނަށް ދޭ މުގުރިހައިގެ ފެންވަރެވެ. ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުނަށް ލިބެނީ "މުގުރިހަ" ކަމެއް ނޫނީ "ޑާލް ފްރައި" ކަމެއް ބުނާކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.