ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

"ފުލް" ލޮކްޑައުނެއްނެތި ގޭ ބަންދުގެ ބޭނުމެއް ނުފެނޭ

ގައިގޯޅިވެގެން އުޅެން މަޖޫބުރުވެފައިވާ މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން މަސް ދުވަސް ހަމަވާންދާއިރު، ކޮވިޑް-19 އިގެ ޕޮޒިޓިވްވި ކޭސްގެ އަދަދު މިހާރު ވަނީ 800 ހުރަސްކޮށް 900 އާ ކައިރީގަ އެވެ. އެއީ އެވަރޭޖަކުން ބަލާނަމަ، ދުވާލެއްގެ މައްޗަށް 30 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހުމެކެވެ. ފުރަތަމަ ކޭހާއެކު، މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ފެންނަމުން ދަނީ ކުރިން ބަލި ޖެހި، ދެނެގަނެވިފައި ނުވާ މީހުން ކަމަށް އޭރު ސަރުކާރުން އެކުލަވާލާފައިވާ ޓާސްކު ފޯހުން އައީ ބުނަމުންނެވެ.

އެންމެން ގޭގައި ތިބެގެން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ހުއްޓުވައި ދިނުމަށް އެ ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. ނަމަވެސް ގޭ ބަންދުގައި ތިބި މީހުނަށް ބަލި ޖެހެމުން ދާކަމަށް މިދިއަ ބުރާސްފަތި ދުވަހު ހާމަވެގެން ދިއުމާއެކު، މިހާރު އަޅައިގެން މިއުޅޭ ލޮކްޑައުންއާމެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

ޑެލިވަރީ ސިސްޓަމް ފެއިލް

ސިއްހީ މާހިރުން ވިދާޅުވާ ކޮމިޔުނިޓީ ސްޕްރެޑެއް ނެތި، ރާއްޖެއަށް ހަމަނޭވާ ލައިގެން، އެ ފަދަ ދުވަހަކަށް ތައްޔާރުވާން ވަގުތު ލިބުނެވެ. ސަރުކާރުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުންތައް މެދުވެރިކޮށް ވެސް ތަކުރާރު ކުރަމުން ގެންދިޔައީ އެ ވާހަކަ އެވެ. "ވޯސްޓް ކޭސް ސެނާރިއޯ" އަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ތައްޔާރު ވެވިއްޖެ ކަމަށް ވެސް އެއް ބައި ބޭފުޅުން އޭރު ވިދާޅުވި އެވެ. އެގޮތުން، ލޮކްޑައުނަކަށް ދާންޖެހިއްޖެ ހާލަތެއްގައި، ގައުމުގެ ނިޒާމުތައް ޓެސްޓު ކޮށްލަން ތިން ގަޑިއިރުގެ ކާފިއުއެއް ވެސް އިއުލާނު ކުރި އެވެ. އެއީ ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތައް، ރައްޔިތުން ގޭގައި ތިބެގެން ފުއްދައި ދެވޭނީ ކިހާ މިންވަރަކަށްތޯ ބަލައިލުމަށެވެ.

އެކަމަށް މާލޭ ސިޓީ ކައުންސިލުން އިސްވެ ޑެލިވަރީ ކޮށްދޭނެ ފިހާރަތަކުގެ ލިސްޓެއް ވެސް ހެދި އެވެ. ގާތްގަނޑަކަށް 360 އަށް ވުރެ ގިނަ ކަންމަތީ ފިހާރަތައް ރަޖިސްޓްރީވެ އެ ލިސްޓުގައި ހިމެނިގެން ދިއަ އެވެ. ސިސްޓަމްތައް އޮތް ގޮތާމެދު ހިތްހަމަޖެހިގެން އެއް ހަފުތާއަށް ފަހު ކާފިއު އެ އުވާލި އެވެ.

އޭގެ ތިން ދުވަސް ފަހުން، މާލޭގެ ފުރަތަމަ ކޭސް ފެނުމުން ބައި ގަޑިއިރެއްހާ އިރުގެ ނޯޓިހަކާއެކު މާލޭ ސަރަހައްދު ލޮކްޑައުން ކުރަން ޖެހުނީ އެވެ. އޭގެ ފަހަށް 24 ގަޑިއިރު ވެސް ނުވެގެން އުޅެނިކޮށް، އެންމެ ފުރަތަމަ ރޫޅިގެން، ބިމާ ހަމައަށް ފޭބީ، ކާބޯތަކެތީގެ ޑެލިވަރީ ސިސްޓަމެވެ.

މާލޭގައި ދިރިއުޅޭ އާދައިގެ ދިވެހި ރައްޔިތެއް އާއްމުކޮށް ވިޔަފާރި ކުރާ ކަންމަތީ ފިހާރައިގެ ގާބިލުކަން ހުންނަ މިންވަރު އެނގޭނީ، އެއިން ތަނަކުން ޑެލިވާ ކުރަން ގުޅާ މީހަކަށެވެ. އާއްމު ހާލަތުގައި ވެސް، ގޭގެއަށް ޑެލިވަރީ ކޮށްދޭން ހުންނަ ބިދޭސީ މީހާއަށް ނުކަތައިގެން، އެކަން އޮންނަނީ ރަނގަޅަށް ނުކުރެވި ލަސްވެފަ އެވެ. އާދައިގެ ދުވަހެއްގައި އެއް ގެއަށް ހަނޑޫ ކިލޯއަކާއި ލޮނު ޕެކެޓެއް ޑެލިވާ ކުރުމުގެ ބަދަލުގައި، ކުއްލިއަކަށް ހިސާބުގަނޑު ހުރިހާ ގެއަކުން، ދިގު ލިސްޓުތައް އޮއްސާލުމާއެކު، ޑެލިވަރީ "ކޮށި އަރައި" މުޅި ސިސްޓަމް އެކީގައި "ބިނދުނީ" އެވެ.

ލޮކްޑައުންގެ ހާލަތު ޓެސްޓު ކުރިއިރު ސިޓީ ކައުންސިލާއެކު ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ އާދަތަކާއި ވިޔަފާރިތަކުގެ ސަޕްލައި ޗެއިން އިސްތިނާކޮށްލި އެވެ. ދައުލަތުގެ މައި ކުންފުނި އެސްޓީއޯއިން ވެސް އީ ސްޓޯރެއް ހަދައި ގޭގައި ތިބެގެން އޮންލައިންކޮށް އޯޑަރު ކޮށްލެވޭނެ އިންތިޒާމެއް ހަމަޖެއްސި އެވެ. ރާއްޖޭގެ ހުރިހާ ހޯލްސޭލަރުންނާއި އިމްޕޯޓަރުން ވެސް ގޭގެއާ ހަމައަށް ޑެލިވަރީ ކުރުމުގެ ސިސްޓަމްގެ ތެރެއަށް ވަނުމުން، ސަޕްލައި ޗޭނަށް ވެސް ބުރުއެރީ އެވެ.

ހުރިހާ ގެއަކުން އެއް ފަހަރާ އޯޑަރުތައް އައުމާއެކު، ކުދި ތަންތަންކޮޅުގައި ހަދާފައި ހުންނަ ކަންމަތީ ފިހާރަތަކުން މުދާ ހުސްވީ އެވެ. ބޮޑެތި ހޯލް ސޭލަރުންނަށް ގޭގެއާ ހަމައަށް ޑެލިވަރީ ކުރުމުގައި އުޅެން ހަދައިގެން، ގޭބީސީތަކަށާއި، ކަންމަތީ ފިހާރަތަކަށް މުދާ ފޯރުކޮށް ދެވޭނެ ގޮތެއް ނެތި، ހުރިހާ ކޮޅަކުން އޯޑަރުތައް ފުނިޖެހުނެވެ.

އެކަން ނުވެގެން، ވޮލަންޓިއަރުންގެ ނަމުގައި އެތައް ސަތޭކަ އާއްމުންނާއި ފުލުހުންނާއި ސިފައިން ނެރެގެން ވެސް އެކަން ވާގޮތެއް ނުވި އެވެ. އެކަމުން ހަމައެކަނި ނުކުތް ނަތީޖާއަކީ، އަނެއްކާ ވެސް އިތުރު ބައަކު ބަލީގެ ނުރައްކަލަށް ހުށަހެޅިގެން ދިއުމެވެ.

އެންމެން ރުހޭ ގޮތެއް ނުހެދޭނެ

ސޯޝަލް މީޑިއާއަށް ބަންޑުންވި ޝަކުވާތަކާއެކު، ސަރުކާރު ވެސް ޕެނިކު މޯޑަށް ވެއްޓުނެވެ. އެއީ ތިން ގަޑިއިރުގެ ކާފިއުއެއްގެ ބަދަލުގައި، ލޮކްޑައުންއަކާއެކު، މީގެ ކުރިން ވެސް ފެނުނު ގުދަން ކުރާ އުސޫލުން ތަކެތި ގަތުމަށް އޮތް ވަގުތީ ހާސް ކަމެއްކަން ވިސްނާ ނުލައި، ސަރުކާރުން އަވަސްވެ ގަތީ، އެ ހާސްކަން މަތީގައި "މަލަންގަނޑެއް" އަޅާށެވެ.

އަދި ފަރުވާއެއްނެތް ބައްޔެއް މުޖުތަމައު ތެރޭގައި ފެތުރިފައިވާ މިންވަރު އެނގެންދެން މަޑުކޮށްލުމުގެ ބަދަލުގައި، ޑެލިވަރީ ފެއިލް ވެއްޖެ ކަމަށް ބުނަމުން ފުލުހުން ވެސް ރައްޔިތުން މަގު މައްޗަށް ނުކުތުމަށް ހުއްދަ ދިނުމުގެ އޮންލައިން ސިސްޓަމެއް ތައާރަފު ކޮށްލިތަން ފެނިގެން ދިއަ އެވެ.

ވަރަށް މޮޅު "އެލްގަރިދަމެއް" ގެ ތެރެއިން ކޮންމެ ގޭބީސީއަކުން އެކަކަށް، ފިހާރައަށް ދިއުމަށް "ގްރޮސަރީ ޕާމިޓް" އެއް ދޫކުރަން ފެށުނެވެ. މާލޭގެ ހާލަތަށް ބޭލުމެއްނެތި، އެ ހުއްދަ އަދި ދޭންފެށީ ވެސް ހަފުތާއަކު ދެ ފަހަރަށެވެ. އެއާއެކު، ލޮކްޑައުނެއްގެ ތެރެއިން ގިނަ ބައަކު މަސްހުނިވެ އުޅުމުގެ ދޮރު ހުޅުވިގެން ދިއަ އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ފުލުހުންނާ ހަވާލާދީ ވިދާޅުވެފައިވާ ހޮތުގައި ޑެލިވަރީ އަދި ގްރޮސަރީގެ ބައިލައްކަ އަށް ވުރެ ގިނަ ހުއްދަ ވަނީ ދޫކޮށްފަ އެވެ. އެއީ އަދި އެހެން ބޭނުންތަކަށް ފުލުހުން ދޫކުރާ ހުއްދަތައް ނުހިމަނަ އެވެ. އެއް ވަގުތެއްގައި މަގުމައްޗަށް ނުކުންނަ ހުރިހާ އެންމެންގެ އަތުގައި ހުއްދައޮތްތޯ ބެލުމަކީ ފުލުހުންނަށް ނުވާނެކަމެއް ކަން އެނގިތިބި، ހުއްދަ ނެތި ގެއިން ބޭރަށް ނުކުންނަ އެތައް ބައަކު ހިމެނޭނެކަމީ ވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އެ ހުރިހާ ހުއްދަތަކާއެކު، ހާއްސަކޮށް މާލޭގެ މަގުތަކުގައި މީހުން ގިނަވެގެން ދިއަ އެވެ. ގިނަ ފިހާރަތަކުގައި ޖާގައިގެ ދަތިކަން ހުންނަ ގޮތުން ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގައިދުރުކުރުމުގެ މިންގަނޑުތައް ބެހެއްޓޭނެ ގޮތް ނެތް އިރު، އެކަން ވެސް ކަށަވަރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސިތަނެއް ނުފެނެ އެވެ. ކަމާބެހޭ އިދާރާތަކުން އެކަން ތަންފީޒު ކުރުމުގެ ބަދަލުގައި، އެކަން ކޮށްދިނުމަށް އަނެއްކާވެސް އިލްތިމާސްކުރީ ފިހާރަތަކުގެ ވެރިންނަށާއި އާއްމުންނަށެވެ. ދެން ބަލި ފެތުރޭނެ ހަމައެކަނި ގޮތަކީ، ޑެލިވަރީ ނިޒާމުގެ ތެރެއިންކަމަށް ބުނެ ޑޮކްޓަރުން ދެއްވަމުން ގެންދެވި އިންޒާރުތައް އަޑުއިވުނު މީހަކު ވެސް މަދެވެ.

ބޭރަށް ނުކުތް މީހުން ގެއަށް ވެއްދީ ވައިރަސް

ރޯދަ މަހެއްގެ ތެރެއިން، ގޭ ބަންދުގައި ގިނަ ރައްޔިތުން މިހާރުވެސް މާޔޫސްވެ، ގޮތް ހުސް ވެފައި ތިބިއިރު، ކޮވިޑާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ މިދިއަ ބުރާސްފަތި ދުވަހު އެ ވަނީ ވަރަށް ބިރުވެރި ތަސައްވަރެއް ކުރައްސަވައި ދެއްވައިފަ އެވެ.

ޝީނާ ހާމަކުރެއްވި ނަމްބަރުތައް ދައްކާ ގޮތުން ކޮވިޑް-19 އިގެ ހާލަތު މިހާރު ރާއްޖޭގައި އޮތް ގޮތުން އަދި 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. ބަލީގެ ހާލަތު އެންމެ ބޮޑުވާ ދުވަހު 1،500 މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ހުރި ގޮތުން އޭގެ ތެރެއިން ދެނެގަނެ ވޭނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުންނެވެ. ދެނެގަނެވޭނެ ކަމަށް ސިއްހީ މާހިރުން ދެއްވާ އަންދާޒާއަކީ 400 މީހުންނެވެ. އެހެން ކަމުން ވައިރަހުގެ އަސަރު ހުރެ އެކަން ނޭނގި 1،100 މީހުން ތިބޭނެ އެވެ.

ޝީނާގެ އަންދާޒާތަކުން އެ ދުވަހަކީ އެންމެ ގިނަ ބަޔަކު އެޑްމިޓް ކޮށްގެން ފަރުވާދޭން ވެސް ޖެހޭނެ ދުވަހެވެ. ބަލީގެ ހާލަތު ޕީކަށް ދާއިރު ހަމައެކަނި އައިސީޔޫގައި ވެސް 100 މީހުންނަށް ފަރުވާދޭން ޖެހޭނެ އެވެ. މި ކަން ކަމަށް ބަލާއިރު ރާއްޖޭއަށް އުނދަގޫ ދުވަސްތައް އަދި ކުރިއަށް އޮތީ އެވެ.

އެ ހިސާބުތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައިވަނީ ބަލި ފެތުރުމާ ދެކޮޅަށް އާންމުންގެ ބޮޑު ގުރުބާނީއަކާއެކު އޮތް ލޮކްޑައުން ވެސް ފޫގޮސްފައި ވާކަން ހާމަވެގެން ދިއުމުންނެވެ.

ޝީނާ ވިދާޅުވެފައިވާ ގޮތުގައި، މިފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގޭގައި ތިބި މީހުން ހިމެނެ އެވެ. މާނައަކީ ގޭބީސީއަކުން ބޭރަށް ނުކުންނަ މީހާ އަނބުރާ ގެއަށް ވަންނަނީ ބަލި ހިފައިގެނެވެ. ކުރިއަށް އޮތް ވިއްސަކަށް ދުވަހަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި މުއްދަތެއް ކަމަށް ޝީނާ ސިފަ ކުރެއްވުމާއެކު، މިހާރު ދޫކޮށްފައިވާ ބައެއް ހުއްދަތައް ބާތިލުކޮށް، ލޮކްޑައުން އިތުރަށް ހަރުކަށި ކޮށްފާނެ ކަމުގެ އިޝާރާތެއް އައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ގެއަށް ތަށިބަރި ގެންދިއުމާއި ތަކެތި ގެންދިއުމަށް ދެވޭ ހުއްދަތައް ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ. ހަފުތާއެކު ދެ ދުވަހު، ގެއަށް ކާބޯތަކެތި ގަތުމުގެ ނަމުގައި ވިޔަފާރި ކުރުމަށް މިހާރު އޮންނަ ފުރުސަތު ދެމި އޮންނާނެ އެވެ. ޑެލިވަރީގެ ހިދުމަތްތައް ވެސް އެންމެ ނުރައްކާތެރި ކަމަށް ފެންނަ ދުވަސްތަކާއި ދިމާކޮށް ހުއްޓައެއް ނުލާނެ އެވެ. އަދި ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ބައެއް މީހުންގެ ފާސްތައް އަދި އަމުދުން ނުހިފަހައްޓާނެ އެވެ.

މަބުރޫކު ވިދާޅުވި ގޮތުންނަމަ، ލޮކްޑައުނެއްގެ ތެރެއިން "ފުލް" ލޮކްޑައުނަކަށް ގެންދާކަށް ނޫޅެ އެވެ. އެ މާނަ ކުރައްވަނީ ކޮން ޒާތެއްގެ ލޮކްޑައުނެއްކަމެއް މުޅިއަކުން ސާފެއް ނުވެއެވެ.

ސަރުކާރުން އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. މިއީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް މިއިން ޒަމާނަކު ވެސް ނުދެކޭ ފަދަ ދަތި، އުނދަގޫ ކާރިސާ އެކެވެ. އެއްވެސް ގައުމެއްގެ ސަރުކާރެއްގެ އަތުގައި ހުރިހާ ސުވާލެއްގެ ޖަވާބެއް ނެތެވެ. އަދި ކޮންމެ މައްސަލައަކަށް ހައްލެއް ވެސް ނެތެވެ. މިކަމުގެ ތެރެއިން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ ސަރުކާރަށް ވެސް ފިލާވަޅެކެވެ.

އެއީ ރައްޔިތުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެކަމަކު ޝަކުވާ އާއި ފާޑުކިއުން އަމާޒުވަމުން ދަނީ ހިނގައިދިއަ ކަންކަމުން ވެސް ފިލާވަޅު ނުލިބި އޮތީމަ އެވެ. މުޖުތަމައުގެ ތެރެއަށް މި ބަލި ފެތުރިގެން ދިއަ ސަބަބުތައް ވެސް ހަނދާން ނެތީމަ އެވެ.